އީރާންގެ ހަކަތައިގެ މަރުކަޒުތަކަށް ދޭން އުޅުނު ހަމަލަ އިތުރު 5 ދުވަހަށް މަޑުޖައްސަން ޓްރަމްޕް ނިންމަވައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ދޭން ނިންމާފައިވާ ހަމަލާތައް ކުރިއަށް އޮތް ފަސް ދުވަހަށް ފަސްކުރަން ނިންމައިފިއެވެ. ޓްރަމްޕްވަނީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން އީރާނަށް 48 ގަޑިއިރު ދީފައެވެ. އަދި އެ މުއްދަތުގައި ނުހުޅުވައިފިނަމަ އީރާންގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާއަށް ހަމަލަދޭނެކަމުގެ އިންޒާރު ދެއްވިއެވެ. ނަމަވެސް މުއްދަތު ހަމަވާން މަދު ވަގުތުކޮޅަކަށްވެފައިވަނިކޮށް ޓްރަމްޕް "ޓްރުތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަން މުޅިން ހައްލުކުރުމާ ގުޅޭގޮތުން ވޭތުވެދިޔަ ދެ ދުވަހު އެމެރިކާއާއި އިރާނާ ދެމެދު ވަނީ "ވަރަށް ރަނގަޅު އަދި ނަތީޖާ ނެރެވޭ ފަދަ" މަޝްވަރާތަކެއް ކުރެވިފައެވެ. އެ މަޝްވަރާތަކާ ގުޅިގެން، އިރާނުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ހަމަލާދިނުން ފަސްދުވަހުގެ މުއްދަތަކަށް ފަސްކުރުމަށް އެމެރިކާގެ ހަނގުރާމައާ ބެހޭ ވުޒާރާއަށް އަންގަވައިފައިވާކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް، ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އިރާނުގެ ސަރުކާރުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް، އިރާނުގެ ސެމީ-އޮފިޝަލް ނޫސް އެޖެންސީއެއް ކަމަށްވާ މެހްރު ނިއުސް އެޖެންސީން ވަނީ ތެހެރާނާއި ވޮޝިންޓަނާ ދެމެދު އެއްވެސް މަޝްވަރާއެއް ހިނގާފައިވާކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. މީގެ ކުރިން އިރާނުގެ ނޭޝަނަލް ޑިފެންސް ކައުންސިލުން ވަނީ، އިރާނުގެ އައްސޭރިފަށަށް ނުވަތަ ރަށްތަކަށް ހަމަލާދޭން ކުރާ ކޮންމެ މަސައްކަތެއްގެ ރައްދުގައި ޕާޝިއަން ގަލްފުގެ ހުރިހާ މުވާސަލާތީ ލައިންތަކެއްގައި މައިން ވަޅުލާނެ ކަމުގެ އިންޒާރު ދީފައެވެ. މިއީ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި މުހުލަތު މިއަދު ހަމަވުމާ ގުޅިގެން ދިން އިންޒާރެކެވެ. މި ނުތަނަވަސްކަމުގެ ތެރޭގައި، އިސްރާއީލް ސިފައިން ވަނީ ލުބުނާނުގެ ދެކުނުން ދަތުރުކުރާ މައި މަގެއް ކަމަށްވާ ލިޓާނީ ކޯރުގެ މަތީގައި އޮންނަ ގާސިމިއްޔާ ބްރިޖް ގޮއްވާލާފައެވެ. މި ހަމަލާއާ ގުޅިގެން ލުބުނާނުގެ ރައީސް ޖޯސެފް އަައޫން ވިދާޅުވީ، މިއީ އެއްގަމު މަގުން ލުބުނާނަށް އަރައިގަތުމަށް އިސްރާއީލުން ތައްޔާރުވަމުންދާ ކަމުގެ ނިޝާނެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ