ހުޅުމާލޭގައި ހަދާ ގައުމީ ދަނޑުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެކަމުގެ އުންމީދު ބޮޑު: ރާފިއު

ހުޅުމާލޭގައި ހަދާ ގައުމީ ފުޓުބޯޅަ ދަނޑުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ގައުމީ ދަނޑުގެ ގޮތުގައި މިހާރު ބޭނުންކުރާ ގަލޮޅު ދަނޑަކީ ސްޓޭޑިއަމެއް ހަދަން އެންމެ އެކަށީގެންވާ ތަނަކަށް ނުވާތީ، ހުޅުމާލޭ ފޭސް އެކެއްގައި އޮތް ބިމަށް ގައުމީ ދަނޑު ބަދަލުކުރަން ގަސްދުކުރާ ކަމަށެވެ. އަދި ފުޓުބޯޅަ ސްޓޭޑިއަމެއް ބިނާކުރުމަކީ ވަރަށް ބޮޑު ބަޖެޓެއް އެކަމަށްޓަކައި ބޭނުންވާ ކަމަކަށްވާތީ ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ފުޓުބޯޅަ ސްޓޭޑިއަމް ހެދުމަށް ލޯނެއް ނަގައިފި ނަމަ، އެއީ ބޮޑު ދައްޗަކާ ކުރިމަތިލާން ޖެހޭނެ ކަމަކަށްވާނެތީ، އޭގެ ބަދަލުގައި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖެއާ ގާތް ގައުމުތަކާ ވާހަކަދައްކައިގެން އެކަން ކުރުން ކަމަށެވެ. އެގޮތުން ޗައިނާ އާއި ސައުދީ އަރަބިއްޔާއިން އެހީ ހޯދުމަށް މަޝްވަރާކުރަމުންދާކަން މިނިސްޓަރު ފާހަކުރެއްވިއެވެ.
”އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިވަނީ އެ މަސައްކަތް މިއަހަރު ތެރޭގައި އެތަނަށް ހަދަން ޖެހޭ ސާވޭ އާއި މިކަންކަން އަޅުގަނޑުމެންނަށް ކުރެވޭނެ ގޮތަށް ނިމިފައި. ދެން އަޅުގަނޑުމެންގެ އޮފިޝަލް ކޮމިއުނިކޭޝަން އެސްޓަބްލިޝް ވީހާ އަވަހަކަށް އަޅުގަނޑުމެން އެ އިއުލާންކުރާނެ ވާހަކަ ވެސް ދަންނަވާލަަން. މިހާރު އިރާދަކުރެއްވިއްޔާ ވަރަށް ހޯޕްފުލްކޮށް އަޅުގަނޑުމެން މިތިބީ އެ މަސައްކަތް މިއަހަރުގެ ތެރޭގައި އޭގެ ޕޭޕާ ވޯކް ނިމި، އަންނަ އަހަރުގެ ތެރޭގައި މަސައްކަތް ފެށޭނެކަމުގެ ވަރަށް ބޮޑު އުންމީދެއްގައި މިތިބީ،“ މިނިސްޓަރު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ ގަލޮޅު ދަނޑު ތަޅާލުމުގެ މަސައްކަތްކުރުމަށް ވެމްކޯއާ ވާހަކަދެކެވި، އެ ކުންފުނިން އެކަން ކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ގަލޮޅު ދަނޑުގެ އެންމެ ބޮޑަށް ވީރާނާވެފައިވާ ހިސާބު ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ