20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ނޭޕާލްއިން ކާމިޔާބުކޮށްފިއެވެ. ބޫޓާން އާއި ބައްދަލުކުރި މިމެޗު ނޭޕާލްއިން ކާމިޔާބުކުރި 2-1 އިންނެވެ.
މެޗުގެ ފަށައިގެން ނޭޕާލްއިން ގިނަ އެޓޭކްތަކެއް ތަނަވަސްކުރަމުންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 5 ވަނަ މިނެޓުގައި ބޫޓާން ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައިގެންނެވެ.
މި ލަނޑަކީ ބޫޓާން ޕެނަލްޓީ އޭރިއާތެރެއިން އެޓީމުގެ ކުޅުންތެރިން ފަހަތަށް ޖައްސާލުމުން ކީޕަރު އަތައްނެގުމާއެކު ލިބުނު ނުސީދާ ޖެހުމުން ކާމިޔާބުކުރި ލަނޑެކެވެ. ކުޑަ އޭރިއާ ބޭރުން ލިބުނު މިޖެހުންމުން ގޯލް ކާމިޔާބުކޮށްދިނީ ޓީމުގެ ފޯވާޑް ސުޖަން ޑަންގޮލްއެވެ.
ނޭޕާލްގެ ގޯލާއެކު އެޓީމުން ކުޅުން އިތުރަށް ރަނގަޅުކޮށް އިތުރު ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތަށް އިތުރު ހިއްވަރެއް ލިބިގެންދިޔައީ މެޗުގެ 11 ވަނަ މިނެޓުގައި ބޫޓާންގެ ކުޅުންތެރިއަކަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑުދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ބޫޓާން ޓީމުގެ ތިންލޭ ޔެޒަރ ދެވަނަ ރީނދޫކާޑާއެކު ދަނޑުން ފޮނުވާލުމުން އެޓީމަށް މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ވަރަކަށް އެދެވޭ އެޓޭކެއް ކުރެވޭގޮތް ވަނީ ނުވެފައެވެ. އެހެންނަމަވެސް ޑިފެންސްގައި ބޫޓާން ޓީމުން ރަނގަޅު ކުޅުމެއް ދެއްކިއެވެ.
ނޭޕާލްގެ ދެވަނަ ލަނޑު މެޗުގެ ދެވަނަ ހާފްގެ 6 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސުބާޝް ބަމްއެވެ. ސުބާޝް މިލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީއޭރިއާގެ ކަނާދިމާލުން ބޭރުން ލިބުނު ބޯޅައެއް ކީޕަރުގެ ނިއުޕޯސްޓް މަތީކަނަށް ބޯޅަ ވައްދާލައިގެން ކާމިޔާބުކޮށްދިން ރީތި ލަނޑެކެވެ. ދެވަނަ ހާފް ފަށައިގެންވެސް ބޮޑަށް އެޓޭކްތައް ތަނަވަސްކޮށް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ނޭޕާލް ޓީމުންނެވެ. ކުޅުންތެރިއެއް މަދުން ކުޅެމުންދިޔަ ބޫޓާން ޓީމަށް މިމެޗުގައި މާރަނގަޅު ކުޅުމެއް ދެއްކޭގޮތް ވަނީ ނުވެފައެވެ.
މެޗުގައި ބޫޓާންގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ބޫޓާންއިން ތަނަވަސްކުރި ފުރަތަމަ ފުރުސަތުގެ ބޭނުންހިފާ ކާމިޔާބުކޮށްދިނީ ދެންޑުޕް ގިޔެލްޝެންއެވެ. މިއީ އެޓީމުގެ ކުޅުންތެރިން ވަރަށް ރީތިކޮށް ޕާސްޖަހާލައިގެން ނޭޕާލްގެ ޑިފެންސް ފޫއާޅުވާލާފައި ކާމިޔާބުކުރި ލަނޑެކެވެ.
ބޫޓާންގެ މައްޗަށް ކުރި ހޯދައި، ނޭޕާލް ފެށުން ރަނގަޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ