ދަރިވަރުންގެ ފައިސާ ލަސްވަނީ މައުލޫމާތު ފުރިހަމަ ނުވާތީ: ހައިދަރު

ސްޓޫޑެންޓު ލޯނާއި ސްކޮލާޝިޕުތަކުގައި ކިޔަވާ ދަރިވަރުންގެ ފައިސާ ޖަމާވުން ލަސްވާ މައިގަނޑު ސަބަބަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށާއި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ލިޔުންތައް ފުރިހަމަނުވެ ހުރުމުން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - ދަރިވަރުންގެ ލޯނާއި ސްޓައިޕެންޑު އަދި ޓިއުޝަން ފީ ލަސްވުމުގެ ޝަކުވާ ބޮޑުވެފައިވާތީ އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ އެ މައުލޫމާތު ސާފުކުރުމަށް މިނިސްޓަރު ހައިދަރާ ސުވާލު ކުރައްވައިފަ އެވެ.
ތަފްސީލް - އަޒާންގެ ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ސްކޮލާޝިޕްގައި ކިޔަވާ ދަރިވަރުން ފުރުމުގެ ކުރިން ފައިސާގެ ކަންތައް ހަމަޖެއްސުމަށް ވަގުތު އޮއްވާ އެކަން މިނިސްޓްރީއަށް އަންގައިފި ނަމަ ދެ މަހުގެ ސްޓައިޕެންޑު ފައިސާ އާއި ކަނޑައެޅިފައިވާ އެހެން ކަންކަމަށް ދޭ ފައިސާ ޑޮލަރުން ހަމަޖައްސައިދޭ ކަމަށެވެ.
އޭގެ ފަހުން ދަރިވަރު ކިޔަވާ ގައުމަށް ގޮސް، އެ ގައުމުގެ ބޭންކެއްގައި އެކައުންޓު ހުޅުވައި އޭގެ މައުލޫމާތު ފިނޭންސް މިނިސްޓްރީއާ ހިއްސާ ކުރުމަށް އަންގާ ކަމަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެ އެވެ.
ދަރިވަރުން ދޭ މައުލޫމާތުގެ އަލީގައި ސްޓައިޕެންޑު ޖަމާކުރަނީ އެ ދަރިވަރަކު ތައުލީމު ހާސިލްކުރާ ގައުމެއްގައި ހުޅުވާފައިވާ އެ ދަރިވަރުގެ ބޭންކު އެކައުންޓަށް
ސްޓައިޕެންޑު ޖަމާކުރަނީ އަހަރަކު ދެ ފަހަރު
އެއީ ކިޔަވާ މަރުކަޒުން އެ ދަރިވަރު އެ ތަނުގައި ކިޔަވާކަން މިނިސްޓްރީއަށް އެންގުމުން
ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ ސިޓީގައި ވިދާޅުވީ، ދަރިވަރުންގެ ކޯސް ފީ ޖަމާކުރަނީ އެ ދަރިވަރަކު ކިޔަވާ ޔުނިވާސިޓީން ކޯސް ފީގެ އިންވޮއިސް މިނިސްޓްރީއަށް ފޮނުވުމުން ޔުނިވާސިޓީއަށް ކަމަށެވެ.
"ޓިއުޝަން ފީ އާއި ސްޓައިޕެންޑު ޖަމާކުރުމަށްޓަކާ މިނިސްޓްރީއާ ދަރިވަރުން ހިއްސާކުރާ ބޭރުގެ ބޭންކު އެކައުންޓުތަކުގެ މައުލޫމާތު ބައެއް ހާލަތްތަކުގައި ފުރިހަމަ ނުވުމުގެ ސަބަބުން، ފައިސާ ޖަމާކުރުމުގައި ދަތިތަކާ ކުރިމަތިވެ އެވެ،" އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
މައުލޫމާތު ފުރިހަމަ ނުވާ ހާލަތްތަކުގައި އެ މައުލޫމާތު ފުރިހަމަ ކުރުމަށް ވަގުތު ހޭދަވާކަން ވެސް މިނިސްޓަރު ހައިދަރު ދެއްވި ޖަވާބުގައި ފާހަގަ ކުރައްވާފައިވެ އެވެ. އަދި އެކައުންޓުގެ މައުލޫމާތު ފުރިހަމަ ނުވާ ހާލަތްތަކުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ފައިސާ ޖަމާކުރުމަށް ބޭނުންވާނެ ފުރިހަމަ މައުލޫމާތު ހިމެނޭ ގޮތަށް މައުލޫމާތު ކަރުދާހެއް ތައްޔާރުކޮށް ދަރިވަރުންނާ ހިއްސާ ކުރާކަން ވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ.
މީގެ އިތުރުން، މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވީ:
ސްކޮލާޝިޕްގައި ކިޔަވާ ދަރިވަރުންގެ ޓިއުޝަން ފީ ޖަމާކުރަމުން އަންނަނީ ދަރިވަރު ކިޔަވާ ޔުނިވާސިޓީން ޓިއުޝަން ފީ އިންވޮއިސް މިނިސްޓްރީއަށް ލިބުމުން
އިންވޮއިސް ލިބުން ލަސްވާ ނަމަ ފައިސާ ވަގުތަށް ޖަމާވުން ލަސްވާ ހާލަތްތައް އާދޭ
އެކަން ހައްލު ކުރުމަށް ޓިއުޝަން ފީ ޖަމާކުރުމުގެ ޝެޑިއުލް ތައްޔާރުކޮށް، އެ ޝެޑިއުލާ އެއްގޮތަށް ފައިސާ ޖަމާކުރަން ބޭނުންވާ އިންވޮއިސް ހޯދުމަށް މަސައްކަތް ކުރަމުންދޭ
ލޯނު ފައިސާ ޖަމާކުރަނީ ލޯނު އެގްރިމެންޓުގައި ކަނޑައަޅާފައިވާ ރުފިޔާ އެކައުންޓަށް
ފުރަތަމަ ޕޭމެންޓަށް ފަހު ދެން ފައިސާ ޖަމާކޮށްދެނީ ދަރިވަރު ކިޔަވާކަން ޔުނިވާސިޓީ ނުވަތަ ކޮލެޖުން މިނިސްޓްރީއަށް އެންގުމުން
ފާހަގަ ކުރެވޭ - ސަރުކާރުގެ ހަރަދުގައި ނުވަތަ ސްޓޫޑެންޓް ލޯންގައި ކިޔަވަން ބޭރުގައި ތިބި ދަރިވަރުންގެ ސިޓީތަކާއި އީމެއިލްތަކަށް ޖަވާބު ދިނުން ލަސްވާ މައްސަލަ ހައްލު ކުރުމަށް ޕޯޓަލެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ