މަޑުލު ވަހީދު ޚިދުމަތް ކުރެއްވީ ވަކި ވެރިއަކަށް ބެއްލެވުމެއްނެތި، މުޅި ގައުމަށް: ޞާލިޙް
ދިވެހި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު, މަޑުލު މުހައްމަދު ވަހީދަކީ ވަކި ވެރިއަކަށް ނުވަތަ ސަރުކާރަކަށް ބެއްލެވުމެއް ނެތި، މުޅި ގައުމަށް ޚިދުމަތް ކުރެއްވި ބޭފުޅެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކަކަށް ފަހު، މިމަހުގެ 14 ވަނަ ދުވަހު ވަހީދު ވަނީ އަވަހާރަވެފައެވެ. އުމުރުން 77 އަހަރުގައި އަވަހާރަވި ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވީ މި މަހުގެ 17 ވަނަ ދުވަހެވެ. އެ ދަފުތަރުގައި ޞާލިޙް މިއަދު ވަނީ ލިޔުއްވާފައެވެ. އެ މަނިކުފާނުގެ ލިޔުއްވުމުގައި ވަނީ މަޑުލު ވަހީދަކީ ދިވެހި ގައުމަށް ތަފާތު އެތައް ގިނަ ޚިދުމަތްތައް ކޮށްދެއްވި ގައުމީ ޚިދުމަތްތެރިއެއް ކަމަށް ވިދާޅުވެފައެވެ. "ސާދާ ދިރިއުޅުވުމެއް އުޅުއްވި އެންމެންގެ ރަޙުމަތްތެރިއެކެވެ. ވަހީދު ޚިދުމަތް ކުރެއްވީ ވަކި ވެރިއަކަށް ނޫނެވެ. ވަކި ސަރުކާރަކަށް ނޫނެވެ. މުޅި ގައުމަށެވެ. ވަހީދުގެ ޚިދުމަތުގެ ތާރީޚު ބެއްލެވުމުން އެކަން ފާހަގަކުރެއްވޭނެއެވެ." ޞާލިޙް ލިޔުއްވާފައިވެއެވެ. ކުރީގެ ރައީސް ޞާލިޙް، މަޑުލު ވަހީދުގެ ތައުޒިޔާގެ ދަފުތަރުގައި ލިޔުއްވަނީ -- ފޮޓޯ/ ދިވެހިބަހުގެ އެކެޑަމީ ވަހީދަކީ ހިތްޕުޅުގައި އޮންނަ އެއްޗެއް ސާފުކޮށް ވިދާޅުވާ ބޭފުޅެއްކަން ފާހަގަކުރައްވައި ޞާލިޙް ވިދާޅުވީ، ވަހީދާ އެންމެ ފުރަތަމަ ބައްދަލުވީ އެ މަނިކުފާނުގެ ފުރަތަމަ ވަޒީފާ ޓީވީއެމްގައި އަދާ ކުރެއްވިއިރު ކަމަށެވެ. އޭރު އެ އިދާރާގެ ވެރިއެއްގެ ގޮތުގައި ހުންނެވީ ވަހީދުކަން ޞާލިޙް ފާހަގަކުރެއްވިއެވެ. "އަޅުގަނޑަށް ފާހަގަކުރެވުނީ ކޮންމެ ކޮންމެ ގޮތެއް ވަރިހަމަ ނޫން ބޭފުޅެއްގެ ގޮތުގައެވެ." އެ މަނިކުފާނު ލިޔުއްވާފައިވެއެވެ. މީގެ އިތުރުން ސަންގު ނޫސް ނެރެން އުޅުނުއިރު ޞާލިޙް، ވަހީދުގެ ގެކޮޅަށް ވަޑައިގެން، އެ ނޫހުގެ މަސްއޫލުވެރިއަކަށް ވުމަށް އެދިވަޑައިގަތްކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ. "ވަރަށް ބޭނުން ކަމަށް ވިދާޅުވިއެވެ. އެކަމަކު އެކަން ވާގޮތެއް ނުވިއެވެ. އޭރު ވަޒީފާ އަދާކުރައްވާ އޮފީހުގެ ވެރިމީހާ ގަބޫލުނުވީއެވެ. ނަމަވެސް އިސްލާހީ ހަރަކާތުގެ އެކި ފޯރަމްތަކުގައި ބައިވެރިވެދެއްވިއެވެ. ލިޔުންތައް ލިޔުއްވިއެވެ." ޞާލިޙް ވިދާޅުވިއެވެ. އެ މަނިކުފާނުވަނީ، ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީން ވަހީދުގެ ލިޔުއްވުންތައް ފެންނަކަން ވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން ގާނޫނުއަސާސީ އެކުލަވާލިއިރު ކޮންސަލްޓެންޓެއްގެ ގޮތުގައި ހުންނެވި ޕްރޮފެސާ ޑަގްލަސް ޝުމައިޒާ އިނގިރޭސި ބަހުން ލިޔުއްވުމުން، އެ ލިޔުއްވުން ދިވެހިބަހަށް ތަރުޖަމާ ކުރެއްވީ ވަހީދު ކަމަށް ޞާލިޙް ވިދާޅުވިއެވެ. "ބަހުގެ ހަމަ ހިފެހެއްޓެވީ ވަހީދެވެ. ވަހީދުގެ ލިޔުއްވުމުގައި އަމިއްލަ ސްޓައިލެއް ގެންގުޅުއްވި ބޭފުޅެކެވެ. އަޅުގަނޑަށް އެންމެ ކަމުދާ ލިޔުންތެރިޔާއެވެ." ޞާލިޙް ލިޔުއްވާފައިވެއެވެ. ވަހީދުގެ ދަފުތަރުގައި މީގެ ކުރިން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ލިޔުއްވާފައިވެއެވެ. https://sun.mv/205340 އެ ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރުމުގެ ފުރުސަތު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަަލަށް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ