ޝަހީދުންގެ އާއިލާތަކަށް އަހަރަކު 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރަންޖެހޭ
ޝަހީދުންގެ އާއިލާތަކަށް ދޭން ސަރުކާރުން ނިންމި 9،000 ރުފިޔާގެ އިނާޔަތް ދޭން ދައުލަތުގެ މާލިއްޔާއިން އަހަރެއްގެ މައްޗަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ އާއިލާތަކަށް މާލީ އިނާޔަތެއް ދޭން އިއުލާނުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު ތިނެއްގައެވެ. އެ ކަމަށް ޚަރަދުވާ ފައިސާގެ ތަފުސީލުތައް ހޯދަން 'ސަން'އިން އެދުމުން މިއަދު ޑިފެންސް މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނީ، ޝަހީދުންގެ އާއިލާތަކަށް ދޭ މާލީ އިނާޔަތަށް ދައުލަތުގެ މާލިއްޔާއިން އަހަރެއްގެ މައްޗަށް 5،088،000 ރުފިޔާ ޚަރަދުކުރަން ޖެހޭ ކަމަށެވެ. މިނިސްޓްރީން ބުނީ، ޝަހީދުންގެ އާއިލާތަކުގައި މަހަކު 9،000 ރުފިޔާ ހައްގުވާ 31 ބޭފުޅުން އެބަތިއްބެވި ކަމަށެވެ. ނޮވެންބަރު ތިނެއް، 1988 ގައި ތަމަޅައިންގެ ބަޔަކު ދިވެހީންތަކަކާ ގުޅިގެން ދިން އުދުވާނީ ހަމަލާއާ ގުޅިގެން މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބިވަޑައިގެން މަހަކު 9،000 ރުފިޔާގެ އިނާޔަތެއް ދޭންޖެހޭ ތިން ބޭފުޅުން އެބަތިއްބެވެ. އަދި، މެޑަލް ފޯ ބްރޭވަރީ ލިބިވަޑައިގެން މަހަކު 8،000 ރުފިޔާ ދޭންޖެހޭ ފަސް ބޭފުޅަކާއި ރިބަން ފޯ ބްރޭވަރީ ލިބިވަޑައިގެން މަހަކު 6،000 ރުފިޔާ ދޭންޖެހޭ 13 ބޭފުޅަކު އެބަތިއްބެވެ. ރައީސް މުއިއްޒު، ސިފައިންގެ ޕެރޭޑެއް ބައްލަވައިލައްވަނީ: އެ މަނިކުފާނު ވަނީ ސިފައިންގެ އާއިލާތަކަށް އިނާޔަތް ދޭން ފައްޓަވާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް އެހެންވެ، އެ ކަމަށް މަހެއްގެ މައްޗަށް ދައުލަތުގެ މާލިއްޔާއިން 424،000 ރުފިޔާ ޚަރަދުކުރަން ޖެހެއެވެ. އެއީ، އަހަރެއްގެ މައްޗަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. ޝަހީދުންގެ އާއިލާތަކަށް މާލީ އިނާޔަތް ދޭން އެކުލަވައިލި އުސޫލުގައި ވާގޮތުން ޝަރަފުގެ ނިޝާން ދީފައިވާ ފަރާތެއް ނިޔާވެއްޖެނަމަ، އިނާޔަތްދިނުން ހުއްޓައިލާނެއެވެ. އެހެންވެ، އެއިން ބޭފުޅަކު ނިޔާވެއްޖެ ނަމަ އެކަން އެއް މަސް ދުވަސް ތެރޭގައި އާއިލާއިން ޑިފެންސް މިނިސްޓްރީއަށް އަންގަންޖެހޭނެއެވެ. ނޮވެންބަރު ތިނެއް، 1988 ވަނަ ދުވަހު ދިން އުދުވާނީ ހަމަލާއަކީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ އަހުމަދު ނާސިރު އިސްވެ، ތަމަޅައިންގެ ހަތިޔާރު އެޅި ޕްލޮޓް ޖަމާއަތާ ގުޅިގެން ދިން ނުރައްކާތެރި ހަމަލާއެކެވެ. އެ ހަމަލާގައި ދިވެހި އަށް ސިފައިންނާއި އާންމުންގެ 11 މީހުން ޝަހީދުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެ މައްސަލައިގައި އޭރު ހުކުމްކުރި އެންމެން މިހާރު މިނިވަންވެއްޖެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޝަހީދުންގެ އާއިލާތަކަށް އިނާޔަތެއް ދިނުމުގެ އިތުރުން، 50 ހައުސިން ޔުނިޓް ވެސް އެ އާއިލާތަކަށް ޚާއްސަކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ޝަހީދުވި އާއިލާތަކަށް ކުރިން މާލީ އިނާޔަތްތަކެއް ދީފައި، އެކަން ހުއްޓުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ