އެމްޑީޕީގެ ޖަލްސާއެއްގައި ބައިވެރިވި ދެ މީހަކު ސަރުކާރުގެ ވަޒީފާއިން ވަކިކުރިކުރުން ކުށްވެރިކޮށްފި

އެމްޑީޕީގެ ޖަލްސާއެއްގައި ބައިވެރިވުމުން އައްޑޫ ސިޓީ ހިތަދޫ، ވެމްކޯ ބްރާންޗުގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރިމުން އެކަން ކުށްވެރިކޮށް، މާދަމާ ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައި މުޅި ރާއްޖޭގައި ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް އެމްޑީޕީން މިރޭ ގޮވާލައިފި އެވެ. 
ވީ ކިހިނެއް؟ - އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ވާގޮތުން ވަޒީފާއިން ވަކިކުރީ ވެމްކޯގެ ހިތަދޫ ބްރާންޗުގެ މެނޭޖަރެއްގެ މަގާމު އަދާކުރަމުންދިޔަ މޫސާ މުހައްމަދު، އަދި ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމު އަދާކުރައްވަމުން ދިޔަ މުހައްމަދު އަފްލަލް އެވެ. އެ ދެމީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ލިއުން މިއަދު ފޮނުވާފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ބުނީ ކީކޭ؟ - އެކަން ކުށްވެރިކޮށް އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުނީ:
ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެއް
އެފަދަ ހަރަކާތެއްގައި ބައިވެރިވެގެން ވަޒީފާއިން ވަކިކުރުމަކީ ރާއްޖޭގައި މިވަގުތު ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް އޮތްކަމުގެ އަލިގަދަ ހެއްކެެއް
"މަސައްކަތްތެރިންގެ ދުވަސް މާދަމާ ފާހަގަކުރާއިރު ސަރުކާރުން މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގަނެ އެތައް އާއިލާއެއް ހާލުގައި ޖެއްސުމާ ދެކޮޅަށް އެންމެހާ މަސައްކަތްތެރިން ނުކުމެ މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް ގޮވާލަމެވެ." ބަޔާނުގައި ވެއެވެ.
ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމުން ވަޒީފާއިން ވަކިކުރި ކުރުން ކުށްވެރިކުރައްވާ އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިރޭ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ)ގެ ދަށުން ސިޔާސީ ޕާޓީތަކުގައި ބައިވެރިވެ ހަރަކާތްތެރި ވުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދީފައިވާ ހައްގެއް ކަމަށެވެ. އަދި ސިޔާސީ ފިކުރާ ގުޅުވައި ވަޒީފާއިން ވަކިކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލެއްވި އެވެ.
"އަނެއްކާ ވެސް ފެށިގެންމިދަނީ ތިމާ ނިސްބަތްވާ ސިޔާސީ ފިކުރުގެ ސަބަބުން ވަޒީފާގެ ޔަގީންކަން ގެއްލިގެން ދިއުމުގެ ސަގާފަތެއްގެ ފެށުން، މިކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން،" ސޯލިހުގެ ޕޯސްޓުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ