ޖެނެރޭޝަން ބޭންއެއް ގެނައުމުގެ އިތުރުން، އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ވެސް ދުންފަތް މަނާ ކުރަން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި ބުނެފައި ވަނީ ޖެނުއަރީ 1، 2007، ގެ ފަހުން އުފަންވެފައިވާ މީހުންގެ އިތުރުން 21 އަހަރުން ދަށުގެ މީހުން ސިނގިރޭޓު ބޭނުން ކުރުން މަނާވާނެ ކަމަށެވެ.
ދުންފަތް ބޭނުން ކުރުމުގެ ޖެނަރޭޝަން ބޭންއެއް ގެންނަން ރައީސް މުހައްމަދު މުއިއްޒު ނިންމެވީ އޭޕްރީލް 13، ގަ އެވެ. އެއީ ދުންފަތާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް ސަރުކާރުން ބުނެ އެވެ.
އެކަމަކު، އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް މަނާ ކުރުމުގެ ވާހަކައެއް މީގެ ކުރިން ސަރުކާރުން ބުނެފައެއް ނުވެ އެވެ. ދުންފަތް ކޮންޓްރޯލް ކުރަން ފިޔަވަޅުތަކެއް ސަރުކާރުން މި އަޅަނީ ދުންފަތާ ބެހޭ މާސްޓާ ޕްލޭން ވުޖޫދުވުމުގެ ކުރިންނެވެ.
ދުންފަތާ ގުޅޭ މާސްޓާ ޕްލޭނެއް ހަދަން ރައީސް ކެބިނެޓަށް އެންގެވީ އޮކްޓޯބަރު 16، 2024، ގަ އެވެ. އެ މާސްޓާ ޕްލޭން ހަދަން ރައީސް ދެއްވި ސުންގަޑި ވެސް ވަނީ ހަމަވެފަ އެވެ. އެ މާސްޓާޕްލޭން ހެދުމަށްފަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅަން ދިން ސުންގަޑިއަކީ އޮކްޓޯބަރު 27، 2024، އެވެ.
ނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުގައި މާސްޓާޕްލޭން ހެދުމުގެ މަސައްކަތް ފެށީ ވެސް ސުންގަޑި ހަމަވިފަހުން ޑިސެމްބަރު، 2024، ގެ ތެރޭގަ އެވެ. އެ މަސައްކަތް ކުރަނީ ސަރުކާރުގެ ބައެއް އިދާރާތަކުގެ އިތުރުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާ ގުޅިގެންނެވެ.
ދުންފަތުގެ މާސްޓާޕްލޭނެއް ހަދަން ރައީސް މުއިއްޒު އެންގެވީ ދުންފަތާ ގުޅޭ ބޮޑެތި ނިންމުންތަކެއް ނިންމެވުމަށްފަހެވެ. އެގޮތުން ސިނގިރޭޓަށް ނަގާ ޓެކްސް ބޮޑު ކުރުމާއި ސިނގިރޭޓަށް ވުރެ ގެއްލުން ކުޑަ، ވޭޕް މަނާ ކުރުން ހިމެނެ އެވެ.
އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ވެސް ދުންފަތް މަނާ ކުރަނީ އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ވެސް ދުންފަތް މަނާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ