މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި

އުސް އިމާރާތަކުން ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ އާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅިކަން އިދިކޮޅު މައި ޕާޓީ އެމްޑީޕީން އިއުލާނުކުރީ އެ ޕާޓީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އެވެ. އޭނާ ވިދާޅުވީ މައްސަލަ ހުށަހެޅީ އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު ކަމަށެވެ.
ނާޒިލް ބުނީ މިގޮތަށް ނިންމީ ޒުވާނުން ކުރަމުންދާ މުޒާހަރާތަކާއި ނޫސްވެރިންގެ ގެނެސްދޭ ވާހަކަތައް އަދި އިތުރަށް ޕާޓީން ހޯދި މައުލޫމާތުތަކަށް ބެލުމަށްފަހު ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވާ ކަމަށް ޒުވާނުން، އަދި ސޯޝަލް މީޑިއާގައި ވެސް ތުހުމަތުކުރަމުންދެ އެވެ.
މި މައްސަލަ ހުށަހެޅި ސަބަބުތަކާމެދު ވާހަކަދައްކަވަމުން ޔުމްނު ނިސްބަތްވާ ގަލޮޅު ދެކުނު މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، މި މައްސަލައާ ގުޅިގެން އަމީން ދިރިއުޅުއްވާ މއ. މާންދޫގެ ދެކުނުގެ އިމާރާތައް ފުލުހުން ވަންނަމުން ދަނިކޮށް ފުލުހުންގެ އިސްވެރިންނަށް ގުޅުމާއި އެ ގޭގެ ކެމެރާތައް ހަލާކުވެފައިވާ ކަމަށް ބުނެ ސެކުއިރިޓީ ފުޓޭޖު ނުދިނުން ހިމެނޭ ކަމަށެވެ.
"[މިނިސްޓަރު އަމީން] މަގާމުގެ ނާޖާއިޒު ބޭނުން ކޮށްފައިވާކަން އަޅުގަނޑުމެންނަށް މި ކަންކަމުން އެބަ ދޭހަވޭ. އެހެންވީމަ މިވަގުތު އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުގެ އިތުބާރެއް އެމަނިކުފާނުގެ މައްޗަކަށް ނެތް" މީކާއިލް ވިދާޅުވި އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ، އޭނާ ވެއްޓުނު ހ. ފެންޓެނޯއި ގެއަށް އޭނާ އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ދިޔުމުގެ ކުރިން ގ. ކަށިވެލި އަދި މއ. މާންދޫގެ ދެކުނުގެއަށް ދިޔަ އެވެ. ފުރަތަމަ ދިޔަ ގެއަކީ އަމީންގެ ގެ އެވެ. އޭރު އަމީން ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.
ތުހުމަތުތައް އަމާޒުވެފައިވާ ގޮތުން ހާދިސާ ހިނގުމުގެ ކުރިން ޔުމްނު އާއި ރައުދު މިނިސްޓަރު އަމީންގެ ގެއަށް ގޮސް "މަސްތު ޕާޓީ" އެއްގައި ބައިވެރިވި އެވެ. އެކަން ފުލުހުން ފުރަތަމަ ސިއްރު ކުރުމަށްފަހު މީޑިއާތަކަށް ހާމަކޮށް އަމީންގެ ގެ ބަލައި ފާސްކުރީ ހަ ދުވަސް ފަހުންނެވެ.
މިނިސްޓަރު އަމީންގެ ގެ ފުލުހުން ބަލައި ފާސްކުރުން ލަސްވުމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވި އެވެ. އަދި ހެކި ނައްތާލަން ފުރުސަތު ދިން ކަމުގެ އިނގިލިތައް ވެސް އެ މުއައްސަސާއަށް އަމާޒުވި އެވެ.
އެ ގެ ބަލައި ފާސްކުރުމަށްފަހު ފުލުހުން ފަހުން ބުނެފައި ވަނީ މިނިސްޓަރު އަމީންގެ ގެއިން ހާދިސާއާ ގުޅޭ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މިހާތަނަށް ހައްޔަރުކުރީ ރައުދު އެކަންޏެވެ. އޭނާގެ ބަންދަށް މިދިޔަ ހުކުރު ދުވަހު ފަސް ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިފަ އެވެ.
ނަމަވެސް އެ މައްސަލައިގައި ހިމެނޭ މިނިސްޓަރު އަމީންގެ ގޭގައި "މަސްތު ޕާޓީ" ގައި ބައިވެރިވި މީހުން ހައްޔަރު ނުކުރާތީ އެކަމާ ގުޅިގެން އާންމުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން ޔުމްނުގެ ހައްގުގައި ކުރާ ޒުވާނުން ކޮންމެ ރެއަކު ކުރާ މުޒާހަރާގައި ވެސް އެކަމަށް އަންނަނީ ގޮވާލަމުންނެވެ.
މީގެއިތުރުން މިނިސްޓަރު އަމީން އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު ގޮވާލަމުންދިޔަ ނަމަވެސް، އޭނާ މި ނޫހަށް ވިދާޅުވީ އިސްތިއުފާ ދޭން ނުވެސް ވިސްނާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ