އައިއައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން ރައީސް މުއިއްޒަށް އަރުވައިފި

ރައީސް މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން މިއަދު އަރުވައިފި އެވެ.
ވީ ކިހިނެއް؟ - މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މިވަގުތު ހުންނެވީ އެ ގައުމުގަ އެވެ. އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސްއަށް އަރުވާފަައިވަނީ މިކަމަށްޓަކައި އައިއައިޔޫއެމްގައި މިއަދު ބޭއްވި
ހާއްސަ ރަސްމިޔާތެއްގަ އެވެ.
ތަފްސީލް - 'އޮނަރަރީ ޑިގްރީ އޮފް ޑޮކްޓާ އޮފް ފިލޯސަފީ'ގެ ޝަރަފު ރައީސް މުއިއްޒަށް އަރުވާފައިވަނީ އިސްލާމިކް ލީޑާޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓުގެ ދާއިރާއިންނެވެ. މި ޝަރަފު ރައީސްއަށް އެރުއްވީ އެ ޔުނިވާސިޓީގެ ކޮންސްޓިޓިއުޝަނަލް ވެރިޔާ، އަޒާޒީ އައިމިނާ މައިމޫނާ އިސްކަންދަރިއްޔާ އެވެ.
އޭނާ ވިދާޅުވީ އިސްލާމީ އުސޫލުތަކާއި އިންސާފުގެ މަގުން ރާއްޖެއަށް ކުރިއެރުން ހޯއްދަވައިދެއްވުމަށާއި ގައުމު ހިންގުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ވިސްނުމާއި އެ މަނިކުފާނުގެ ލީޑާޝިޕް ފާހަގަކޮށްލެވޭ ކަމަށެވެ. 
ފާހަގަކޮށްލެވޭ ކަމެއް - މި ޝަރަފު އަރުވާފައި މިވަނީ އެކަމާ ދެކޮޅަށް އެ ޔުނިވާސިޓީން ކިޔަވާފައިވާ ދިވެހި ދަރިވަރުންގެ ޖަމިއްޔާއިން ހުށަހެޅުމެއް ވެސް ހުށަހަޅާފައި ވަނިކޮށެވެ. އެ ޝަރަފު އެރުވުމާ ދެކޮޅަށް އެ ޖަމިއްޔާގެ ފަރާތުން އައިއައިޔޫއެމްއަށް ސިޓީ ފޮނުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސަސްޕެންޑް ކުރުމުން މިފަހުން އިސްތިއުފާ ދެއްވި އެ ޔުނިވަސިޓީން ތައުލީމު ހާސިލްކުރެއްވި ހުސްނުއްސުއޫދެވެ.
އޭނާގެ ސިޓީގައި އެ ޝަރަފު ރައީސް މުއިއްޒަށް އަރުވަން ދެކޮޅު ހަދާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުންދިޔަ ސުޕްރީމް ކޯޓުގެ ބެންޗުގެ ތިން ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑުކުރި މައްސަލާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ