ދަރުމާއިން ދޫކޮށްލި ޕޯސްޓަރުގައި ކާތިކަށް މިވަނީ ކިހިނެއް؟

ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ކުންފުނިން އެކްޓަރު ކާތިކް އާރްޔަންއާ އެކު އުފައްދާ ފުރަތަމަ ފިލްމުގެ ޕޯސްޓަރު ދައްކާލައިފިއެވެ. އަންނަ އަހަރުގެ އޮގަސްޓް މަހުގެ 14ގައި ރިލީޒް ކުރާނެ ކަމަށް އިއުލާނުކޮށްފައިވާ މި ފިލްމުގެ ނަމަކީ "ނާގްޒިއްލާ"އެވެ. މަޝްހޫރު ފިލްމު "ފުކްރޭ"ގެ ޑައިރެކްޓަރު މިރްގަދީޕް ސިންގް ލާމްބާގެ "ނާގްޒިއްލާ"ގެ މޯޝަން ޕޯސްޓަރު ދައްކާލިއިރު ފިލްމުގައި ކާތިކް ކުޅެނީ ހަރުފައެއްގެ ރޯލެވެ. ރިޕޯޓުތައް ބުނާގޮތުން ކާތިކް ފިލްމުގައި ފެންނާނީ ޑަބަލް ރޯލްއިންނެވެ. ދަރުމާ ޕްރޮޑަކްޝަންސް އާއި މަހާވީރު ޖެއިން ފިލްމްސް ގުޅިގެން ގެނެސްދޭ "ނާގްޒިއްލާ" އަކީ މީގެކުރިން ކާތިކް ކުޅެފައިވާ ނުވާ ކަހަލަ ވަރަށް ޗެލެންޖިންގް ރޯލެއް ކަމަށާއި މިއީ އެކްޓަރަށް ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ ފިލްމެއް ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ. ކާތިކް މިހާރު މަސައްކަތް ކުރަމުން އަންނަ ލޯބީގެ ފިލްމުގެ މަންޒަރެއްގައި ބަތަލާ ސްރީލީލާއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް ކަރަން ޖޯހަރުގެ ދަރުމާ ކުންފުންޏާ އެކު މަސައްކަތް ކުރާނެ ފުރުސަތު މީގެކުރިން ވެސް ކާތިކަށް ލިބުނެވެ. އެއީ ބަތަލާ ޖާންވީ ކަޕޫރު އަދި އެކްޓަރު ލަކްޝަޔައާ އެކު ކުޅެން ހަމަޖެހުނު ފިލްމު "ދޯސްތާނާ 2"އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި ފިލްމުގެ މަސައްކަތް ވަނީ ނުފެށިފައެވެ. ކާތިކް މުޅިން ތަފާތު ގޮތަކަށް ބެލުންތެރިންނާ ބައްދަލުކުރާ "ނާގްޒިއްލާ" އަންނަ އަހަރު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާއިރު ކާތިކާ އެކު ފިލްމުގައި ބަތަލާގެ ރޯލްއިން ފެންނާނެ ތަރިއަކު އަދި ހާމައެއް ނުކުރެއެވެ. މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޗަންދޫ ޗެމްޕިއަން" އަދި "ބޫލް ބުލައްޔާ 3"ގެ ކާމިޔާބީއަށްފަހު ކާތިކް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ ނޮވެމްބަރު މަހު ގެނެސްދޭނެކަން އިއުލާނުކޮށްފައިވާ ލޯބީގެ ފިލްމުންނެވެ. ޑައިރެކްޓަރު އަނޫރާގު ބާސޫގެ މި ފިލްމުގެ ނަން އަދި އިއުލާނުކޮށްފައި ނުވާއިރު ކާތިކްއާ އެކު ފިލްމުން ފެންނާނީ އެކްޓަރުގެ ލޯބިވެރިޔާ ކަމަށް މީޑިއާތަކުން ބުނެފައިވާ ސައުތު ބަތަލާ ސްރީލީލާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ