އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން މާޗު 21، ގައި ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ހައްޔަރުކުރި މުހައްމަދު ޝަމްއާން ވަހީދުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތު ޖެހި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުން ބާތިލުކޮށް އެ މައްސަލަ އެ ކޯޓުގެ އިސްތިއުނާފު ކުރެވޭނެ ކަމަށް ނިންމައިފި އެވެ.
ޝަމްއާން ބަންދު ކުރަން ކްރިމިނަލް ކޯޓުން ފުރަތަމަ އަމުރު ކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ނިންމީ އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދު އާއި ފާތިމަތު ފަރުހީޒާ އަދި މުހައްމަދު ސަލީމް އެވެ.
ޝަމްއާން ބަންދު ކުރަން ކްރިމިނަލް ކޯޓުން ފުރަތަމަ އަމުރު ކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް ނިންމީ އެ ކޯޓުގެ ރެޖިސްޓްރާ އެވެ.
ޝަމްއާން އަދި އިމިގްރޭޝަނުގެ އިތުރު އޮފިސަރުންތަކަކަށް ތުހުމަތުކޮށް ބަލަމުންދަނީ ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނާގެ އަތުން 530،000ރ. ނެގި ކަމަށް ބުނާ މައްސަލައެކެވެ.
ޝަމްއާނުގެ ފަރާތުން ވަނީ މުޅި މައްސަލައިގެ ތަހުގީގު ގާނޫނާ ހިލާފު ކަމަށާއި އެ ތަހުގީގާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ބާތިލުވާނެ ކަމަށް އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފަ އެވެ. ނަމަވެސް، އެ ކަން ސާބިތު ކުރުމަށް ގާނޫނީ އަސާސެއް ހުށަހަޅާފައި ނުވާ ކަމަށް ހައި ކޯޓުގެ ނިންމުގައިވެ އެވެ.
ޝަމްއާންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރީ މައިގަނޑު ހަތަރު ނުކުތާއެއްގެ މައްޗަށް ބިނާކޮށެވެ. ޝަމްއާންގެ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާއެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ކޮރަޕްޝަންގެ ފައިސާއާ ގުޅިގެން ކަމަށްވެފައި ކޮރަޕްޝަންގެ މައްސަލަތައް ނުބަލައި މަނީ ލޯންޑަރިންގެ ނުގެންދެވޭނެ ކަމަށް ބުނެ އެވެ.
އަދި ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ކޮށްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެއްވެސް ބައިވެރިވުމެއް ނެތި ފުލުހުން އެކަނި ކަމަށް ވާތީ އެ ތަހުގީގު ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ވާނެ ކަމަށާއި އަދި އެ ތަހުގީގާ ގުޅިގެން އަޅާފައިވާ އެންމެހައި ފިޔަވަޅުތައް ބާތިލު ވާނެ ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަ ކޮށްފައިވެ އެވެ.
އިސްތިއުނާފީ ދެވަނަ ނުކުތާއެއްގެ ގޮތުގައި ޝަމްއާންގެ ފަރާތުން ބަޔާން ކޮށްފައި ވަނީ އޭނާ ބަންދު ކުރަން އަމުރު ކޮށްފައި ވަނީ ކޮރަޕްޝަނާ ގުޅޭ ހެކި ވަޒަން ކޮށްގެން ކަމަށްވާއިރު، ހެކި ވަޒަން ކޮށްފައި ވަނީ އޭނާ ބަންދު ކުރަން ނިންމި އިޖުރާއީ ނިންމުމާ ހިލާފަށް ކަމަށެވެ. ނަމަވެސް ބަންދު ކުރަން އަމުރު ނެރުނީ ކޮރަޕްޝަނާ ގުޅޭ ކޮން ހެއްކަކަށް ރިއާޔަތް ކޮށްގެންކަން ތަފުސީލު ކޮށްދީފައި ނުވާ ކަމަށް ވެސް ޝަމްއާންގެ ފަރާތުން ފާހަގަ ކޮށްފައިވެ އެވެ.
ތިންވަނަ ނުކުތާއެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ އޭނާ ބަންދު ކުރަން ނިންމީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ކަނޑައެޅުމަށް ފަހު ނަމަވެސް، ހެއްކަށް ނުފޫޒު ފޯރުވަފާނެ ފަދަ ހާލަތެއް އޮތްތޯ ވަޒަން ކޮށްފައި ވަނީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާ ހިލާފަށް ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަ ކޮށްފައިވެ އެވެ.
އެންމެ ފަހު ނުކުތާއެއްގެ ގޮތުގައި ޝަމްއާންގެ ފަރާތުން ފާހަގަ ކޮށްފައި ވަނީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާގައި ބަޔާން ކުރާ ހައްގު ޝަމްއާންގެ ކިބައިން ނިގުޅައިގެންފައިވާ ކަމަށް ބުނެ ދަށު ކޯޓުގައި ހުށަހެޅުމުން އެފަދައިން ތަފާތު ކުރާ ކަމަށް ފާހަގަކުރާ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ހާލަތު އެނގެން ނެތް ކަމަށެވެ.
ނަމަވެސް އެ ފަރާތްތަކުގެ ހާލަތު އެނގެން ނެތް ކަމަށް ކަނޑައަޅާފައި ވަނީ ހެއްކާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަ ކޮށްފައިވެ އެވެ. އަދި އެފަދަ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތްތައް ބަންދު ނުކޮށް މައްސަލަ ކުރިއަށް ގެންދާ ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަ ކޮށްފައިވެ އެވެ.
ޝަމްއާން ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުގެ ކުރެވޭ މައްސަލާގައި ހިމެނޭ ބިދޭސީ މީހާ ދިރިއުޅޭ ތަން ބަލައި ފާސްކުރީ އެކަމަށް އިމިގްރޭޝަންގައި އޮންނަ ޑިޕާޓްމަންޓުތަކުގައި ނުހިމެނޭ މުވައްޒަފުންތަކެއް ކަމަށެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ ޖެހިގެން އައި ދުވަހު އެ ބިދޭސީ މީހާ، އޭނާގެ އަތުން ފެނުނު 530،000ރ. އާއެކު ދޫކޮށްލީ ޝަމްއާންގެ އެންގުމަށް ކަމަށް ފުލުހުން ބުންޏެވެ.
އެ ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު އޭނާގެ އަތުން ފައިސާ ނެގީ އެ މީހާ ދިރިއުޅޭ ތަން ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން ކަމަށާއި އެ މީހުން އެކަން ކުރީ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކުރުމަށް ފަހު އެވެ. ފުލުހުން ބުނީ، އެ މީހާގެ އަތުން ނެގި ފައިސާ ހިފައިގެން މިކަމުގައި ބައިވެރިވި އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ޝަމްއާން ދިރިއުޅޭ ގެއަށް ކަމަށެވެ.
ޝަމްއާންގެ ފުރަތަމަ ބަންދު އަމުރުގެ އިސްތިއުނާފު ބަލައިގަންނަން ހައިކޯޓުން ނިންމައިފި ޝަމްއާންގެ ފުރަތަމަ ބަންދު އަމުރުގެ އިސްތިއުނާފު ބަލައިގަންނަން ހައިކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ