ކެލާގައި ރަށްވެހި އާސާރު ތަރައްގީ ކުރަން އާރުޑީސީއާ ހަވާލުކޮށްފި ކެލާގައި ރަށްވެހި އާސާރު ތަރައްގީ ކުރަން އާރުޑީސީއާ ހަވާލުކޮށްފި

ތާރީހީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ހއ. ކެލާގައި ރަށްވެހި އާސާރު ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހެރިޓޭޖު މިނިސްޓްްރީން ހަވާލުކޮށްފި އެވެ.
ރޭ ދާރުލް އާސާރު ހުންނަ އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އާދަމް ނަސީރު އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ.
އެ މިނިސްޓްރީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް ނެޝަނަލްއައިޑެންޓިޓީ ނުވަތަ ޤައުމިއްޔަތު މަޝްރޫޢުގެ ދަށުން ކޮންމެ ރަށެށްގައި ވެސް ތަރިކައިގެ އާސާރުތައް އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި އެވެ.
ކެލާއަކީ ތާރީހޫ ގޮތުން ހާއްސަ ބިނާތަކެއް ހުރި ރަށެކެވެ. އެގޮތުން 17 ވަނަ ގަރުނުގައި ބިނާކޮށްފައިވާ އެ ރަށުގެ ކުރީގެ ހުކުރު މިސްކިތާއި މުންނާރު އެ ބިނާތަކުގެ ތެރޭގައި ހިމެނެ އެވެ. މިއީ ހިރިގަލުން ކަނޑާ ނަގައިގެން ބިނާކޮށްފައިވާ ފުރިހަމަ ގަލުވަޑާމުގެ މަސައްކަތް ދައްކުވައިދޭ ބިނާއެކެވެ.
ހަމައެހެންމެ، ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭިސިވިލާތުގެ އަސްކަރިއްޔާއިން ބިނާކުރި ބަޑިގެެއަކާއި ބައެއް ޒަމާންވީ ބިނާތައް އެ ރަށުގައި ހުރެ އެވެ.
މި މަޝްރޫއުގެ އިތުރުން އދ. ހަންޏާމީދޫގައި ހުންނަ ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްގީ ކުރަން ވެސް އާރުޑީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
މިފަހުން ސަރުކާރުން ސޮއިކުރަމުންދާ ހުރިހާ މަޝްރޫއުއެއްގެ ވެސް ކޮންޓްރެކްޓް ގާއިމު ކުރަމުން ދަނީ ސަރުކާރުގެ ކުންފުނިތަކާ ދެމެދު އެވެ. އެގޮތުން، ރަށްރަށުގެ ސްކޫލު އިމާރާތްތަކާއި، ހެލްތު ސެންޓަރުތައް އެޅުމަށް ވެސް މެންޑޭޓުގައި އެފަދަ މަސައްކަތްތައް ކުރުން ހިމެނިފައި ނުވާ ސަރުކާރުގެ ކުންފުނިތަކާ ދަނީ ހަވާލު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ