ފަވަރަ މެދުވެރިކޮށް ކުރާ މުއާމަލާތްތަކާއި އެ ނޫން ވެސް ޑިޖިޓަލް އަދި އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ކުރާ މުއާމަލާތްތައް ފަސޭހަކުރުމަށް ނެޝަނަލް ކިޔުއާރު ކޯޑު މިންގަނޑެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ވިޔަފާރިކުރާ ފަރާތްތަކަށް އޮންލައިން ޕޭމެންޓު ސިސްޓަމްތައް ބޭނުންކުރެވޭ ގޮތަށް ކަންކަން ބައްޓަން ނުކުރެވި ވަނީ ކީއްވެތޯ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ މެދުވެރިކޮށް އެމްއެމްއޭ އިން މައުލޫމާތު ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
އެ މައުލޫމާތު ސާފުކުރުމަށް މަޖިލީހުގެ ކޮމެޓީން އެދުމުން އެމްއެމްއޭ އިން ވަނީ ޕޭމެންޓު ސިސްޓަމްތަކާއި ޑިޖިޓަލް ޕޭމެންޓު އިންފްރާސްޓްރަކްޗާއާ ގުޅޭ ގޮތުން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކޮށް ޖަވާބު ފޮނުވައިފަ އެވެ.
ތަފްސީލް - އެމްއެމްއޭ އިން މަޖިލިސް ރައީސަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ނެޝަނަލް ކިޔުއާރު ކޯޑު ސްޓޭންޑާޑެއް އެކުލަވާލަނީ ޕޭމެންޓު ހިދުމަތްދޭ ކޮންމެ ފަރާތެއްގެ، ކޮންމެ ޕްލެޓްފޯމެއް މެދުވެރިކޮށް ވެސް ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ފައިސާގެ މުއާމަލާތްް ކުރެވޭނެ ގޮތް ފަހިކޮށްދިނުމަށް ކަމަށެވެ.
މީގެ އިތުުރުން:
ރާއްޖޭގައި ފިންޓެކް ކުރިއަރުވައި ފަހި މާހައުލެއް ގާއިމްކުރުމުގެ މަގުސަދުގައި ފިންޓެކް ރެގިޔުލޭޓަރީ ސޭންޑްބޮކްސް އާއި އިނޮވޭޝަން ހަބެއް ގާއިމް ކުރުމުގެ މަސައްކަތް ވަނީ ފަށާފައި
ޕޭމެންޓު ނިޒާމު މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް ޕޭމެންޓް މޯލްޑިވްސްގެ ނަމުގައި ކުންފުންޏެއް އުފައްދަން ވަނީ ރާވާފައި
މި ކުންފުނީގެ މަގުސަދަކީ ފަވަރަ ފަދަ ރީޓެއިލް ޕޭމެންޓު ސިސްޓަމް އެމްއެމްއޭގެ މަސްއޫލިއްޔަތުން ވަކިކޮށް އެ ސިސްޓަމް ހަރުދަނާކޮށް، އިތުރަށް ތަރައްގީކުރަންޖެހޭ ކަންތައް ވަކި މެނޭޖުމެންޓެއްގެ ތެރެއިން ކުރިއަށް ގެންދިޔުން
އެމްއެމްއޭ އިން ބުނީ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާ ހަމައަށް އާ އީޖާދީ ހިދުމަތްތަކެއް ތައާރަފުކޮށްދިނުމަކީ އެމްއެމްއޭ އިން ޕޭމެންޓު ހިދުމަތްދޭ ފަރާތްތަކަށް އަބަދުވެސް ބާރުއަޅާ ކަމެއް ކަމަށެވެ.
ފާހަގަ ކުރެވޭ - އެމްއެމްއޭ އިން މަޖިލީސްެ ރައީސް އަށް ފޮނުވި ސިޓީގައިއިންޑިއާގެ ޔުނައިޓެޑް ޔުނިފައިޑް ޕޭމެންޓު އިންޓަފޭސް (ޔޫޕީއައި) އާއި ފަވަރަ ގުޅާލުމުގެ ރަސްމީ މަޝްވަރާތައް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ފަށާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ފަވަރަގެ ހިދުމަތް ހަރުދަނާ ކުރަން ކިޔުއާރު މިންގަނޑެއް އެކުލަވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ