އިންޑިއާއާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލީ އެމެރިކާ މެދުވެރިވެގެންނެއް ނޫން: މޯދީ
އިންޑިއާއި ޕާކިސްތާނުން މިދިޔަ މެއި މަހު ބަދަލުކުރި ހަތަރު ދުވަހުގެ ހަމަލާތައް ހުއްޓާލީ އެމެރިކާ މެދުވެރިވެގެން ނޫން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެއެވެ. ދެ ގައުމުގެ ދެމެދުގައި ބަދަލުކުރި ހަމަލާތައް ހުއްޓާލީ އެމެރިކާ މެދުވެރިވެގެން ކަމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އެކަމަކު، މޯދީ މި ވަނީ އެކަން ދޮގުކުރައްވާފައެވެ. "އަސްކަރީ ކުރިމަތިލުން ކުރިއަށްދިޔަ ހަތަރު ދުވަހުގެ ތެރޭގައި އިންޑިއާއި ޕާކިސްތާނާ މެދުވެރިވުމާ ބެހޭގޮތުން އެމެރިކާއިން މަޝްވަރާއެއް ނުކުރޭ. އަދި، އިންޑިއާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމަކާ ބެހޭ ގޮތުން ވެސް މަޝްވަރާއެއް ނުކުރޭ،" ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވިއެވެ. މޯދީ އެގޮތަށް ވިދާޅުވީ، ޓްރަމްޕަށް އިއްޔެ ކުރެއްވި ފޯނުކޯލެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކަޝްމީރުގެ މައްސަލައިގައި ތިންވަނަ ފަރާތެއް މެދުވެރިވުން އިންޑިއާއިން ދުވަހަކު ވެސް ބަލައިނުގަންނާނެ ކަމަށް ވެސް މޯދީ ޓްރަމްޕަށް ވިދާޅުވެފައިވާ ކަމަށް މިޝްރީ ވިދާޅުވިއެވެ. ނިއުކްލިއާ ހަތިޔާރުގެ ދެ ބާރު ކަމަށްވާ އިންޑިއާއި ޕާކިސްތާނާ ދެމެދު މެއި މަހު ހިނގި ހަމަނުޖެހުމަށް ފަހު "ކަޝްމީރުގެ މައްސަލަ" ހައްލުކުރުމަށް އިންޑިއާއާއި ޕާކިސްތާނުގެ މެދުވެރިއަކަށްވުމަށް ޓްރަމްޕް ތަކުރާރުކޮށް ހުށަހަޅުއްވާފައިވެއެވެ. މޯދީގެ އެ ވާހަކަފުޅާ ގުޅިގެން ވައިޓް ހައުސްއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. "އަސްކަރީ ފިޔަވަޅުތައް ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ސީދާ އިންޑިއާއާއި ޕާކިސްތާނާ ދެމެދު،" މިސްރީ ވިދާޅުވިއެވެ. މެދުވެރިއެއްގެ ރޯލު އެމެރިކާއިން އަދާކުރި ކަމަށް އިންޑިއާއިން ދޮގުކުރި ނަމަވެސް ޕާކިސްތާނުން ވަނީ އެމެރިކާއަށް ތާއީދުކޮށް ވާހަކަދައްކާފައެވެ. ހަމަލާތައް ހުއްޓާލައިފިނަމަ، ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތާއް ކުރާނެ ކަމަށް އިންޑިއާއި ޕާކިސްތާނަށް ވެސް ދެންނެވި ކަމަށް މިދިޔަ މަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. ކަޝްމީރު މައްސައަލީ އިންޑިއާއާއި ޕާކިސްތާނުން ވެސް ޚިޔާލުތަފާތުވާ އެންމެ ބޮޑު މައްސަލައެވެ. ކަޝްމީރުގެ މިލްކުވެރި ކަމަށް ދެ ގައުމުން ވެސް އަންނަނީ ދައުވާ ކުރަމުންނެވެ. އެ މައްސަލައިގައި ދެ ގައުމުގެ ގުޅުން ގޯސްވެފައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. މި ފަހުން އެ ގުޅުން ހީނަރުވީ، މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި ފަތުރުވެރިންތަކަކަށް ދިން ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި އިންޑިއާގެ 25 މީހުންނާއި ނޭޕާލްގެ ރައްޔިތަކު ވަނީ މަރުވެފައެވެ. އެ ހަމަލާދިނީ ޕާކިސްތާނުން ކަމަށް އިންޑިއާއިން ތުހުމަރުކުރެއެވެ. އޭގެ ފަހުން މެއި މަހު އެ ހަމަލާގެ ރައްދުގައި އިންޑިއާއިން ވަނީ ޕާކިސްތާނަށް ހަމަލާދީފައެވެ. ދެ ގައުމުގެ ހަމަލާތައް ހަތަރު ދުވަހަށް ދިގު ދެމިގެންދިޔައެވެ. އެމެރިކާ މެދުވެރިވެގެން ހަމަލާތައް ހުއްޓާލުމަށް އިންޑިއާއި ޕާކިސްތާނުން ވެސް އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވީ މެއި މަހުގެ 10 ވަނަ ދުވަހެވެ. އިންޑިއާއާއި ޕާކިސްތާނަކީ ހަމަހަމަ ބައެއްގެ ގޮތުގައި ނުބެލުމަށް ހުޅަގަނުގެ ގައުމުތަކަށް އިންޑިއާއިން އަބަދު ވެސް ހިތްވަރުދޭ ކަމަށާއި ހުޅަނގުގެ ލީޑަރުން ވެސް އެ ދެ ގައުމަށް އެއްފަހަރާ ޒިޔާރަތްނުކުރުމަށް އިންޑިއާއިން ދަންނަވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ