ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ބުނެ، އެ އަމުރު ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ބުނެ، އެ އަމުރު ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ކުރަނީ އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ބަންދުން ދޫކޮށްލަން އިރުޝާދު ދީ، އެ މީހާއާއެކު އަތުލައިގަތް 500،000 ރުފިޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހޯދި ކަމުގެ ތުހުމަތެވެ.
އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުގެ އެ އަމުރަށް ހައި ކޯޓުން ވެސް ވަނީ ތާއިދުކޮށްފަ އެވެ.
އެ އަމުރަށް ހައި ކޯޓުން ތާއިދުކުރި މައްސަލަ ސުޕްރީމް ކޯޓުގައި ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން، މިއަދު ކުރި ހުކުމްގައި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސެއިން ޝަހީދު ކަނޑައެޅުއްވީ އެ ނިންމުން ގާނޫނާ ހިލާފުވި ގޮތެއް ޝަމްއާންގެ ފަރާތުން ބުނެދެވިފައިނުވާ ކަމަށެވެ.ފަނޑިޔާރުގެ އެ ރައުޔަށް ދާދިފަހުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު އަބްދުالله ހަމީދު ތާއީދު ކުރެއްވި އެވެ. ނަމަވެސް، އެ ބެންޗުގައި ދެން އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔު ތަފާތެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނާ ނަމަ، އެކަމަށް ބާރުދޭ ކަންކަން ދައުލަތުން ހުށަހަޅަން ޖެހޭނެ ކަމަށާއި، ނަމަވެސް، އެ މައްސަލާގައި އޮތީ ދައުލަތުން ބުނާ ބުނުމެއް އެކަނި ކަމަށެވެ. އަދި އެންމެ ކުޑަމިނުން ޝަމްއާނާއި ހެކިވެރިންނާ އޮތް ގާތް ގުޅުމެއް ވެސް ބުނެ ނުދޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.އެހެންވެ، ދައުލަތުން ބުނާ ބުނުމުގެ މައްޗަށް އެކަނި ބަލައިގެން، ގާނޫނުއަސާސީގައި ބުނާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ހާލަތެއް ވުޖޫދުވާ ކަމަށް ކަނޑަނޭޅޭނެ ކަމަށް ފަނޑިޔާރު ޝުޖޫންގެ ރައުޔުގައިވެ އެވެ.
މި މައްސަލައާ ގުޅިގެން ޝަމްއާންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ތަފާތު ދިން ދައުވާއެއް ވަނީ ކޮށްފަ އެވެ.
މިހުރިހާ ދައުވާ އެއް ސާބިތުވެއްޖެނަމަ މަދުވެގެން ނުވަ އަހަރުގެ ޖަލު ހުކުމެއް ޝަމްއާންގެ މައްޗަށް އަންނާނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ސުޕްރީމް ކޯޓުން ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ