ޕޭޕަލްގެ ހިދުމަތް ތައާރަފުކުރެވިފައި ނުވަނީ ރާއްޖޭގައި އެ ހިދުމަތް ފުޅާ ކުރުމާ ގުޅޭގޮތުން އެ ކުންފުނިން ކުރިއަށް ގެންދިޔަ ފީސިބިލިޓީ އެސެސްމެންޓުތަކަށްފަހު ނިންމި ވިޔަފާރީގެ ނިންމުމަކާ ގުޅިގެން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފި އެވެ.
ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް އޮންލައިން ޕޭމެންޓް ސިސްޓަމްތައް ބޭނުން ކުރެވޭގޮތް ހަމަޖައްސައިދިނުމަށް އެދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެ ކޮމިޓީން ފޮނުވި ސިޓީއެއްގެ ޖަވާބުގައި އެމްއެމްއޭއިން ބުނީ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފުޅާ ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް މިހާރު ނެތް ކަމަށެވެ.
އެގޮތުން 2021 ވަނަ އަހަރު ފާސްކުރި ގައުމީ ޕޭމެންޓް ޕޭމެންޓް ސިސްޓަމްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން 2022 ވަނަ އަހަރު އެކުލަވައިލި ޕޭމެންޓް ހިދުމަތްތަކާ ބެހޭ ގަވާއިދުގެ ދަށުން ލައިސެންސް ދޫކުރާ ބޭންކުތަކަށް ޑިޖިޓަލް ވޮލެޓުގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ކަމަށް އެމްއެމްއޭގެ ސިޓީގައި ބުންޏެވެ.
ނަމަވެސް އެ ހިދުމަތް ރާއްޖޭގައި ފުޅާ ކުރެވިފައި ނުވަނީ އާ ގައުމެއްގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ ކުރިން ނުވަތަ ފުޅާ ކުރުމުގެ ކުރިން އެ ކުންފުނިން ހަދާ ފީސިބިލިޓީ އެސެސްމެންޓު ރާއްޖޭގައި ކުރިއަށް ގެންދިިޔުމަށްފަހު ނިންމި ވިޔަފާރީގެ ނިންމުމެއްގެ ސަބަބުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.
"2021 ވަނަ އަހަރާ ހަމައަށް ކުރެވުނު އެކިއެކި މަޝްވަރާތަކުން އެނގިފައިވަނީ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި އިތުރަށް ފުޅާކުރެވިފައި ނުވަނީ އެކަމުގައި ހުރި ގާނޫނީ ހުރަސްތަކަށްވުރެ ބޮޑަށް، އެ ފަރާތުގެ އިސްތިރާޖީ ނުވަތަ ވިޔަފާރީގެ ނިންމުމަކާ ގުޅިގެންކަމުގަ،" އެމްއެމްއޭގެ ސިޓީގައި ބުންޏެވެ.
ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިއްކުމަށާއި ކޮންޓެންޓު ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ މަގުފަހި ކުރުމަށްޓަކައި ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ފުޅާކުރުމަށް، ސަރުކާރުން އެ ކުންފުންޏަށް ޕްރޮޕޯސަލް އެއް ހުށަހެޅިކަން ރަސްމީކޮށް އިއުލާނުކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު 1، ގައި ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، މާހިރުންގެ މަޝްވަރާތަކާއެކު ރާއްޖޭގެ ފުލް ޕްރޮޕޯސަލް ހުށަހެޅީ އޭގެ ދެ ދުވަސް ކުރިން ކަމަށެވެ.
"އަޅުގަނޑުމެން އިންތިޒާރު މި ކުރަނީ ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެކަމަށް. ސީދާ އަދި އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ ކޮންއިރަކުކަމެއް ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށޭނީ. ނަމަވެސް ޕޭޕަލް ރާއްޖެއަށް ގެނެވޭނެ،" އެ ދުވަހު ސައީދު ވިދާޅުވި އެވެ.
ސައީދު އެހެން ވިދާޅުވިފަހުން، މިއަދާ ހަމައަށް ވެސް އެކަމުގެ އެއްވެސް މަސައްކަތެއް ކުރިއަށްދިޔަކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޭޕަލް އާއެކު ދިވެހި ރާއްޖެއަށް އެއްބަސްވުމަކަށް ދިއުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ކްރޮސް ބޯޑާ ޓްރާންސެކްޝަން އާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭ އުސޫލުތަކެވެ. މިކަމާ ގުޅިގެން ޕޭޕަލް އިން ބޭނުންވި އިތުރު މައުލޫމާތު ދިން ކަމަށް މިނިސްޓަރު ސައީދު ސެޕްޓެމްބަރު 17، 2024 ގައި ވިދާޅުވި އެވެ.
އެމްއެމްއޭގެ ސިޓީގައި ބުނީ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް ވެސް އެ ބޭންކުން އެއްބާރުލުން ދެމުންދާ ކަމަށެވެ.
ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިއްކުމަށްޓަކައި ޕޭޕަލް އާއި އެހެނިހެން ޕޭމެންޓު ގޭޓުވޭތައް ގާއިމުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ޕޭޕަލް ނުގެނެވި އޮތީ ފީސިބިލިޓީ އެސެސްމެންޓު ހެދުމަށްފަހު އެ ކުންފުނިން ނިންމި ނިންމުމެއްގެ ސަބަބުން: އެމްއެމްއޭ ޕޭޕަލް ނުގެނެވި އޮތީ ފީސިބިލިޓީ އެސެސްމެންޓު ހެދުމަށްފަހު އެ ކުންފުނިން ނިންމި ނިންމުމެއްގެ ސަބަބުން: އެމްއެމްއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ