ގޯލްޑަން ފުޓްސަލް ޗެލެންޖް: ތިމަރަފުށި ކަޓުވާލައި ކާށިދޫ ކުއާޓާ އަށް ގޯލްޑަން ފުޓްސަލް ޗެލެންޖް: ތިމަރަފުށި ކަޓުވާލައި ކާށިދޫ ކުއާޓާ އަށް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ކާމިޔާބު ޓީމު، ތ. ތިމަރަފުށި ޕެނަލްޓީ ޖަހައިގެން، 6-5 އިން ބަލިކޮށް، އެ ޓީމު ކަޓުވާލައި، ކ. ކާށިދޫން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މި ފަަހަރުގެ މުބާރާތުގައި ކ. އަތޮޅުގެ އެންމެ ކާމިޔާބު ޓީމު ގާފަރު ކަޓުވާލި ކާށިދޫން ކުއާޓާގައި ކުޅޭނީ ވިލިމާލެއާ ދެކޮޅަށެވެ. ވިލިމާލޭން ވަނީ، ގަދަ 16 ބުރުުގައި މިރޭ ކުޅުނު މެޗުގައި، 4-2 އިން ދުވާފަރު ބަލިކޮށްފަ އެވެ.
ކާށިދޫ ކޮޅަށް މިރޭ ފުރަތަމަ ލީޑުނެގީ ތިމަރަފުށިންނެވެ. މިއީ، ތިމަރަފުށީގެ އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި، ކާށިދޫގެ ކެޕްޓަން، އަކްމަލް މުހައްމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މާ ލަސްތަކެއް ނުވެ، ކާށިދޫން އެއްވަރުކުރި އެވެ. މި ލަނޑު ޖެހީ އޭރިއާތެރެއިން ރަނގަޅު ތަނަށް ހުސްވެ، ކާށިދޫގެ އަބްދުﷲ ސުޒެއިރު އެވެ. އޭގެ އިރުކޮޅެއް ފަހުން، ކާށިދޫން ލީޑުނެގި ގޯލަކީ، އެ ޓީމުގެ ޝައްފާން ހަލީމް ފޮނުވާލި ބޯޅައެއް ތިމަރަފުށީގެ ކީޕަރު، މުހައްމަދު ޝަރުހާން ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.
ތިމަރަފުށިން އެއްވަރުކުރީ، އާދަމް ނާސިހު (އާދަންނާ) ޖެހި ގޯލުންނެވެ. ދެ ތީމަށް ވެސް އިތުރު ގޯލެއް ނުޖެހި، ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ތިމަރަފުށީގެ ދެ ޕެނަލްޓީއެއް ނާކާމިޔާބުވިއިރު، ކާށިދޫން ނާކާމިޔާބުވީ އެންމެ ޕެނަލްޓީ އެކެވެ. ތިމަރަފުށީގެ ތިން ޕެނަލްޓީއެއް ކާމިޔާބުކުރިއިރު، ކާށިދޫން ވަނީ ހަތަރު ޕެނަލްޓީ ވައްދާލައިފަ އެެވެ.
ޕެނަލްޓީގައި ކާށިދޫގެ ކީޕަރު، މުހައްމަދު ސަލީލް ވަނީ ތިމަރަފުށީގެ ދެ ޕެނަލްޓީއެއް ނާކާމިޔާބުކޮށްލުމުގައި ހުށިޔާރުކަން ދައްކައިފަ އެެވެ. ޕެނަލްޓީއަށް ތިމަރަފުށިން ބޭނުންކުރީ، ކީޕަރު ސަރުހާންގެ ބަދަލުގައި، ހަނާދު މުހައްމަދު އެވެ.
މިދިޔަ ދެ އަހަރު ކުއާާޓާ ފައިނަލުން ކެޓި ތިމަރަފުށި މި ފަހަރު ނޮކައުޓްގެ ފުރަތަމަ ބުރުން މި ވަނީ މުބާރާތް ނިންމާލަން ޖެހިފަ އެވެ.
މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ކުޅުނު ވިލިމާލޭން ވަނީ ދުވާފަރު ކައިރީގައި ޑޮމިނޭޓްކޮށްފަ އެވެ. މި މެޗުގައި، ވިލިމާލެ ޓީމުގެ އަބްދުﷲ ޝައްފާން (ޝާކާ) ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖެހީ، އިސްމާއިލް ވަޖީހު (ވައްޖެ) އެވެ.
މި މެޗުގެ ފަހުކޮޅުގައި، ދުވާފަރުން ރަނގަޅު ކުޅުމެއް ދައްކައި، ދެ ގޯލު ޖެހި އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ މުހައްމަދު އިސާމް (ޝަންޓެ) އާއި މުހައްމަދު ޖުމާން އަހުމަދު އެވެ.
ކުއާޓާ ފައިނަލުގައި، ކާށިދޫ އާއި ވިލިމާލޭން ބައްދަލުކުރާ މެޗު އޮންނާނީ އަންގާރަ ދުވަހުގެރޭ އެވެ. އެ މެޗު ފަށާނީ 21:40 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ