އެމެރިކާ-އީރާނުގެ ސުލްހައިގެ މަޝްވަރާތައް ޕާކިސްތާނުގައި ހުކުރު ދުވަހު ފަށަނީ

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި، އަންނަ ހުކުރު ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި މަޝްވަރާތައް ފެށުމަށް ދެ ގައުމުން އެއްބަސްވެއްޖެ އެވެ.
އީރާނުން ހުށަހެޅި 10 ނުކުތާގެ މައްޗަށް ބިނާވެފައިވާ ހުށަހެޅުމަކަށް ރިއާޔަތްކޮށް، ދެ ހަފުތާގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ގައުމުން ވަނީ ރޭ ނިންމާފަ އެވެ. މި ނިންމުން އިއުލާނުކޮށްފައިވަނީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅި "ފުރިހަމައަށް އަދި ރައްކާތެރިކަމާ އެކު ވަގުތުން ހުޅުވާލުމަށް" އީރާނުން އެއްބަސްވާ ނަމަ، އެމެރިކާގެ އަސްކަރީ ހަރަކާތްތައް ދެ ހަފުތާއަށް މެދުކަނޑާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެންނެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގުޗީ މި އެއްބަސްވުން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާލައިފި ނަމަ، އެ ގައުމުގެ ވަރުގަދަ އަސްކަރީ ފައުޖުތަކުން ދިފާއީ ހަމަލާތައް ދިނުން ހުއްޓާލާނެ ކަމަށެވެ. އަދި ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ކަންކަން އީރާނުގެ އަސްކަރިއްޔާއާ ގުޅިގެން ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނާ އެކު ދާއިމީ ސުލްހައެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތުގައި ދެ ގައުމުން މިހާރު ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އަދި އީރާނުން ހުށަހަޅާފައިވާ ހުށަހެޅުމަކީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ އަސާސެއް ކަމަށް ވޮޝިންޓަނުން ގަބޫލުކުރާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް މިހާރުން މިހާރަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ. އަދި ދާއިމީ ހައްލަކަށް ވާސިލުވުމަށްޓަކައި ބާއްވާ މަޝްވަރާތަކަށް ދެ ގައުމުގެ ވަފުދުތަކަށް އިސްލާމްއާބާދަށް ވަޑައިގަތުމަށް އޭނާ ވަނީ ދައުވަތު އަރުވާފަ އެވެ.
އީރާނުގެ ހުށަހެޅުންތަކުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅީގެ ބެލެހެއްޓުން އީރާނަށް ދިނުމާއި ސަރަހައްދުން އެމެރިކާ ސިފައިން ބޭލުމާއި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އިތުރުން ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުން ހިމެނެ އެވެ. މީގެ އިތުރުން، އީރާނުން ބުނެފައިވަނީ މި މަޝްވަރާތަކުގައި ބައިވެރިވަނީ އެމެރިކާއަށް އެއްވެސް އިތުބާރެއް އޮވެގެން ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ