ހަނގުރާމަ މެދުކަނޑާލަން އިޒްރޭލުން ތާއީދުކޮށްފި؛ ލުބުނާނު ނުހިމެނޭ

އީރާނަށް ދެމުންދާ ހަމަލާތައް ދެ ހަފުތާގެ މުއްދަތަށް މެދުކަނޑާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ނިންމެވި ނިންމެވުމަށް އިޒްރޭލުން ތާއީދުކޮށްފި އެވެ.
ނަމަވެސް، މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާނު ނުހިމެނޭނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުން މި ނިންމުމަށް ތާއީދުކުރަނީ އީރާނުން ވަގުތުން ކަނޑުއޮޅިތައް ހުޅުވާލައި، އެމެރިކާ އާއި އިޒްރޭލުގެ އިތުރުން ސަރަހައްދީ އެހެން ގައުމުތަކަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ޝަރުތުކޮށްފައި ކަމަށެވެ.
ވޮޝިންޓަނުން އަސްކަރީ ހަރަކާތްތައް މެދުކަނޑާލަން ނިންމީ މަސްރަހު ފިނިކުރުމަށާއި މަޝްވަރާތަކަށް ފުރުސަތު ދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިންނެވެ.
އީރާނަކީ ނިއުކްލިއަ ހަތިޔާރު ހުރި ނުވަތަ އެފަދަ ގާބިލުކަން ހުރި ގައުމަކަށް ނުވާނެކަން ކަށަވަރުކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް އިޒްރޭލުން ވަނީ އަލުން ތާއީދު އާކޮށްފަ އެވެ. އަދި ކުރިއަށް އޮތް މަޝްވަރާތަކުގައި މި ލަނޑުދަނޑިތައް ހާސިލުކުރުމަށް އެމެރިކާއިން ދެމިއޮންނާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވެސް އިޒްރޭލުން ބުނެފައިވެ އެވެ.
މީގެ އިތުރުން، އެމެރިކާ އާއި އީރާނުން ބާއްވާ މަޝްވަރާތައް އަންނަ ހުކުރު ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ފެށުމަށް ހަމަޖެހިފައިވާކަން އީރާނުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ