ކުޑަކުއްޖެއްގެ ކަރާމާތައް އުނިކަމެއް އަތުވެދާނެ ގޮތަކަށް ވާހަކަދެއްކި މައްސަލަ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުއްވެރިކޮށްފި

ކުޑަކުއްޖެއްގެ ކަރާމާތައް އުނިކަމެއް އަތުވެދާނެ ގޮތަކަށް ވާހަކަދެއްކި މައްސަލައެއް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން މިއަދު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށްގެންދިޔަ ސިލްސިލާ އެއްވުމެއްގެ ތެރެއިން މިމަހުގެ 13 ވަނަ ދުވަހު ކުޑަކުއްޖެއްގެ ކަރާމާތައް އުނިކަން އަތުވެދާނެ ގޮތަކަށް ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ބްރޯޑްކާސްޓްކޮށް ދައުރުކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ.ނޫސްބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތަކާއި ޤާނޫނުތައް ކަނޑައަޅާފައިވާއިރު، ކޮންމެ މީހެއްގެވެސް ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްޤު ލިބިގެންވާކަމެވެ. އެހެންކަމުން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއަކުން އިންތިޒާމްކުރި އެއްވުމެއްގައި ކުޑަކުއްޖެއްގެ ކަރާމާތައް އުނިކަމެއް އަތުވެދާނެ ގޮތަކަށް ވާހަކަދެއްކުމާއި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން އެ މަންޒަރާއި އަޑު ދެއްކުމަކީ ކުށްވެރިކުރަންޖެހޭ ކަމެއް ކަމުގައި އޮފީހުން ދެކޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އިތުރަށް ފާހަގަކޮށްފައިވަނީ، މިފަދަ އަމަލުތަކަކީ ކުޑަކުދިންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ، ނަފްސާނީގޮތުން އެކުދިންނަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރުވާފަދަ ކަމެއްކަމެވެ. އެހެންކަމުން، ކުޑަކުދިންގެ ކަރާމާތާއި މަސްލަހަތައް އުނިކަން އަތުވެދާނެ މިފަދަ އަމަލުތައް ނުކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ