އިނގިރޭސި ވިލާތުގެ އެންމެ ބޮޑު އެއް ކްލަބްގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ ލޮލުން ފޭބީ ކަރުނަ އެވެ. ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ފައިނަލްގައި ލިވަޕޫލްގެ މައްޗަށް ހޯދި 2-1ގެ ކާމިޔާބީއަކީ 56 އަހަރުގެ ހުސްކަން ފިލުވާލައި، ނިއުކާސަލްއަށް އުދުހިގަތުމެކެވެ.
މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ ކޯނަރެއްގައި ޑެން ބާން އެވެ. ގޯލާ ދުރުން އެކަމަކު ބޮލުން ޖަހާ ގޯލުގެ ކަނަށް ވައްދާލައިގެން 32 އަހަރުގެ ދިފާއީ ކުޅުންތެރިޔާ ކާމިޔާބުކުރި މި ލަނޑަކީ އާދައިގެ ކަމެއް ނޫނެވެ.
ދެވަނަ ލަނޑު ފަހު ހާފުގައި ޖެހީ އެލެގްޒެންޑާ އިސާކް އެވެ. ލިވަޕޫލްގެ ސުން ކަނޑުވާލީ މެޗުގެ ފަހު ވަގުތުކޮޅުގައި ފެޑެރިކޯ ޗިއެސާ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނީ ބާންގެ ލަނޑަކީ އެ މަގާމުގައި ހުރެ 100 ބޯޅަ ޖަހައިފި ނަމަ އޭގެ ތެރެއިން 99 ފުރުސަތުގައި ކާމިޔާބުނުކުރެވޭ ވަރުގެ އުނދަގޫ ހަމަލާއެއް ކަމަށެވެ. ނަމަވެސް އެހާ ދުރުން އެހާ ބާރަށް ބޮލުން ބޯޅާގައި ޖެހުމުގެ ގާބިލްކަން ބާންއަށް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
ނިއުކާސަލްއަށް އެންމެ ފަހުން އިނގިރޭސި ފުޓްބޯޅައިގެ ތައްޓެއް ކާމިޔާބުކުރެވިފައި ވަނީ 1955ގައި އެފްއޭ ކަޕެވެ. އެކަމަކު އޭގެ ފަހުން 1969ގައި ޔޫރަޕްގެ އިންޓަ ސިޓީ ފެއާ ކަޕް ހޯދި އެވެ. އެ މުބާރާތް މިހާރު ވަނީ ހުއްޓާލައިފަ އެވެ.
ނިއުކާސަލްގެ ޒުވާން ކޯޗު އެޑީ ހޯވް ބުނީ ނިއުކާސަލްގެ ބަދުނަސީބު އޭނާގެ މައްޗަށް މިހާރު ނެތް ކަމަށެވެ.
"ތައްޓެއް ހޯދަން އެހާ ދިގު މުއްދަތަކަށް އިންތިޒާރުކުރި ބަޔަކަށް މިއީ ހަނދާން ނައްތާލެވޭނެ ކާމިޔާބީއެއް ނޫން،" މެޗަށް ފަހު ވާހަކަ ދައްކަމުން ހޯވް ބުންޏެވެ.
"ތަށި ހޯދޭނެ އެތައް ގޮތެއް ހުންނާނެ. މިއަދަކީ އޭގެ ތެރެއިން އެންމެ ފުރިހަމަ އެއް ގޮތް."
56 އަހަރުގެ ހުސްކަން ފިލުވާލައި ނިއުކާސަލް އުދުހިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ