މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށް ފަޒީން ބްރޯޑްކޮމުން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި، އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީން، މަގާމުން ވަކިކުރުމުގެ މަރުހަލާ މަޖިލީހުން ފަށާފައިވަނިކޮށް އޭނާ އެ ކޮމިޝަނުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އިސްތުއުފާ ދެއްވިކަން އިއުލާން ކުރައްވައި، ފަޒީން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީ އާއި، ފަޒީންގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި އޭނާގެ ވަކީލު ސޮއިކުރައްވާފައިވާ ބަޔާނެއް ވެސް އޭނާ ވަނީ އެކްސްގައި ހިއްސާ ކުރައްވާފައެވެ. 
އިސްތިއުފާ ސިޓީގައި ފަޒީން ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމެވީ ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އެކު ކޮމިޝަނުގެ މެންބަރު ކަމުގެ ޒިންމާ އުފުލުމަކީ މި ހިނދަށް ވެވެން ނެތް ކަމެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. 
Advertisement
އަދި އިސްތިއުފާ ދެއްވި ނަމަވެސް، ނޫސްވެރިކަމަށް އަންނަ ހަމަލާތައް ދިފާއުކުރުމާއި، މިނިވަން ދިމިގްރާތީ މުޖުތަމައުއެއް ދެމެހެއްޓުމަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަމަށް ކެނޑިނޭޅި މަސައްކަތް ކުރާ މީހެއްގެ ގޮތުގައި އޭނާ ދެމިހުންނާނެކަމަށް ވިދާޅުވުއެވެ. 
ފަޒީން ވަކިކުރަން ނިންމައި، މިނިވަން މުވައްސަސާތަކުގެ ކޮމިޓީން މަޖިލީހަށް ފޮނުއްވި ސިޓީގައި، ބުނެފައިވާގޮތުން، ފަޒީން އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިމަތިވަމުންދާކަން ފާހަގަކޮށް، އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް އެ ކޮމިޝަނުންނާއި ޖިންސީ ފުރައްސާރަ ކުރިމަތިވަމުންދާ މުވައްޒަފު މި އަހަރުގެ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު މަޖިލީހަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ. 
އެސިޓީއާއި ގުޅިގެން މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް އެ ކޮމިޝަންގެ ބައެއް މުވައްޒަފުންނާއި، މެންބަރުން ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ. 
އެގޮތުން ފުރައްސާރަކުރެވުނު މުވައްޒަފާއި އެހެން މުވައްޒަފުން ފާހަގަކުރި ކަންކަމުގެ ތަފްސީލް ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެއީ؛
1) ފުރައްސާރަ ކުރެވުނު މުވައްޒަފު ކޮމިޓީގައި ބުނެފައިވާގޮތުން ފަޒީން ވަނީ އެކިފަހަރު މަތީން އެ މުވައްޒަފުގެ ގައިގައި ނުރުހުމުގައި އަތްލާފައެވެ. އަދި ބޭއަދަބީ ބަހުން ވާހަކަދައްކާފައެވެ.
އަދި ކޮމިޝަންގެ އެހެން އަންހެން މުވައްޒަފަކާވެސް ބޭއަދަބީ ބަހުން ވާހަކަދައްކާ ކަމަށް އެ މުވައްޒަފު ކޮމިޓީއަށް މައުލޫމާތު ދީފައިވެއެވެ. 
2) މި މައްސަލަ ބްރޯޑްކޮމް ގައި އުފައްދާފައިވާ  ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހަޅާފައިވާނެ ކަން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވި މުވައްޒަފުން ބުނެފައިވެއެވެ.
3) ކޮމިޝަންގެ އެހެން މުވައްޒަފުންވެސް ވަނީ ފަޒީން އެ ކޮމިޝަންގެ ދެ އަންހެން މުވައްޒަފަކާ ބޭއަދަބީ ބަހުން ވާހަކަ ދައްކަވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
4) މީގެ އިތުރުން ކޮމިޝަނުގެ މަސައްކަތުގެ ބޭރުން އެ އަންހެން މުވައްޒަފަށް ގުޅައި، އާއްމު އަޚްލާގީ މިންގަނޑާއި ޚިލާފަށް ވަނީ މުޚާތަބު ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ