ހުޅުމާލޭ ގޯތިތަކާ ގުޅޭ އޮޑިޓުން އިތުރު މައްސަލަތަކެއް؛ މައްސަލަ ފުލުހަށް

މިދިޔަ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދިނުމަށް ހިންގި 'ބިންވެރިޔާ' ސްކީމާ ގުޅޭ އިތުރު މައްސަލަތަކެއް ފެނިގެން، އެ ސްކީމުގެ ދަށުން ހުޅުމާލޭން ގޯތި ލިބުނު ފަރާތްތަކާ ގުޅޭ ހާއްސަ އޮޑިޓެއްކޮށް، އެ އޮޑިޓުން ފެނުނު ކަންކަމާ ގުޅޭ ތަހުގީގު ހިންގަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
މައްސަލައިގެ ފެށުން - 'ބިންވެރިޔާ' ސްކީމުގެ ދަށުން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެއަށް ހުޅުމާލޭން ބިމެއް ދިން ކަމަށް ބުނާ މައްސަލައާ އެކު، އެ ތަނުން ނުއަގުގައި ބިންތަކެއް ވިއްކުމާއި ވިނަރެސް ފްލެޓު ދިނުމުގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
އެ މައްސަލައާ ގުޅިގެން ފަޒުލް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ހުއްޓައި ފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ވީ ކިހިނެއް؟ - އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 'ބިންވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލޭން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭ އިރު އެއް ބިމަކަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދައަށް އެދި އެ ކޯޕަރޭޝަނަށް ހުށަހަޅަމުންދާ ކަމަށެވެ. އެކަން އިތުރަށް ބަލައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
ތަފްސީލް - އެޗްޑީސީން ބުނީ:
ހުޅުމާލޭން ދޫކުރި ބިންތަކާ ގުޅޭ ހާއްސަ އޮޑިޓެއްކޮށް، 'ބިންވެރިޔާ' ސްކީމާ ގުޅޭ އިތުރު މައްސަލަތަކެއް އެ އޮޑިޓުން ފާހަގަވެފައިވޭ 
އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް އެޗްޑީސީން ވާނީ ފުލުހަށް ހުށަހަޅާފައި
"ކުރިއަށް އޮތް ތަނުގައި ވެސް، މިފަދަ ކަންކަން ބަލައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މި ކޯޕަރޭޝަނުގެ ފަރާތުން އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ.
"މި ކޯޕަރޭޝަނުން އަބަދު ވެސް މަސައްކަތް ކުރަނީ، ރައްޔިތުންގެ ލާބަ އާއި މަންފާއަށް އަދި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ނަޒާހަތްތެރިކަމާ އެކު އެންމެ ފުރިހަމައަށް ފޯރުކޮށް ދިނުމަށެވެ."
އެނގުން މުހިންމު - 'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ބުނެ ސައްހަ ނޫން ލިޔުންތަކެއް ހުށަހަޅައިގެން ބިން ހޯދުމަށް މަސައްކަތްކޮށްފައި ވަނީ ތިން ބިމަކަށް ކަމަށާއި ހަ ފަރާތަކުން އެ ބިންތަކަށް ލިޔުން ހުށަހަޅާފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން މިދިޔަ ޑިސެމްބަރު ބުނެފައިވެ އެވެ.
މައްސަލަ ފާހަގަކުރެވުނީ ކިތައް ބިމާ ގުޅޭ ގޮތުން ކަމެއް އެޗްޑީސީން މިއަދު ނެރުނު ބަޔާނަކު ނެތެވެ.
ގުޅުން ހުރި - ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ހުރިހާ ބޯޑު މެމްބަރުން ވެސް ވަގުތީ ގޮތުން ސަސްޕެންޑްކުރި އެވެ. އަދި 15 މުވައްޒަފުން ވެސް ސަސްޕެންޑްކޮށް، އޭގެ ތެރެއިން ބައެއް މީހުން ވަޒީފާއިން ވަކިކޮށްފައި ވެސްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ