މިސައިލު، ފައިސާ ޗާޕުކުރުން އަދި ބިރުދެއްކުމާ ބެހޭ ގޮތުން ސުވާލުކުރަން 3 މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ

އަސްކަރީ މިސައިލްތަކެއް ގަތުމާއި ބިރުދެއްކުމާއި ފައިސާ ޗާޕުކުރުމާ ބެހޭ ގޮތުން ތިން މިނިސްޓަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްގެން ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ހުށަހަޅުއްވައިފި އެވެ.
ވީ ކިހިނެއް؟ - މިނިސްޓަރުންނާ ސުވާލުކުރަން މީކާއިލް ލިޔުމުން ސުވާލު ފޮނުއްވީ މިއަދު އެވެ. މީކާއިލް ސުވާލުކުރައްވަނީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އަދި ފިނޭންސް މިނިސްޓަރުު މޫސާ ޒަމީރުއާ އެވެ.
ތަފްސީލު - މީކާއިލް މިނިސްޓަރުންނާ ކުރަން ހުށަހަޅުއްވާފައިވާ ސުވާލުތަކަކީ:
ޑިފެންސް މިނިސްޓަރު ގައްސާނުއަށް - ދިވެހި އަސްކަރިއްޔާގެ ބޭނުމަށް އެއްވެސް ބާވަތެއްގެ މިސައިލެއް ގަތުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާ އެކު އެބަ ކުރިއަށްދޭތޯ؟
ފިނޭންސް މިނިސްޓަރު ޒަމީރަށް - މަރުކަޒީ ބޭންކު އެމްއެމްއޭއިން 14 ބިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަތުމަށް ނިންމާފައިވާއިރު މިކަމުގެ ސަބަބުން ކުރިން އިގްތިސާދުގައި ދައުރުވަމުން ނުދާ، އާ ދިވެހި ރުފިޔާ އިގްތިސާދުގައި ދައުރުވާން ފަށާނެ ކަމަށް ގަބޫލުކުރައްވަންތޯ؟
ހޯމްލޭންޑް މިނިސްޓަރު އިހުސާނަށް - 14 މާޗު 2025 ވަނަ ދުވަހުގެ (ރޭގަނޑު) 7:04ގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ރައީސް މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި ބިރުދެއްކެވި މައްސަލަ އެ ނޫސްވެރިޔާ ފުލުހަށް ހުށަހަޅާފައިވާއިރު، އޭނާއަށް އިތުރު ރައްކާތެރިކަން ފުލުުހުންގެ ފަރާތުން އަޅުއްވާފައިވަނީ ކޮން ފިޔަވަޅުތަކެއްތޯ؟
އެނގުން މުހިންމު - ދިވެހި ސަރުކާރުން އަސްކަރީ މިސައިލުތަކެއް ގަންނަން އުޅޭކަމުގެ އަޑުތަކެއް ފެތުރުނީ ސޯޝަލް މީޑިއާގަ އެވެ.
ހުޅުމާލެއިން ބިމެއް ގަތުމަށް އެމްއެމްއޭއިން އެޗްޑީސީއަށް 14 ބިލިއަން ރުފިޔާ ދައްކަން މީގެ ދެ ހަފްތާ ކުރިން އެމްއެމްއޭގެ ބޯޑުން ވަނީ ނިންމާފަ އެވެ. އަދި އެއާ އެކު އެއީ ފައިސާ ޗާޕްކުރުން ކަމަށް ބުނެ އިދިކޮޅުން އަންނަނީ ފާޑުކިޔުން އަންނަނީ އަމާޒުކުރަމުންނެވެ.
'އަދަދު'ގެ ސީއީއޯ ހުސައިން ފިޔާޒަށް ބިރުދެއްކި މައްސަލައަކީ ރައީސް މުއިއްޒު ފިޔާޒަށް ފޯނުން ގުޅުއްވައި އިންޒާރު ދެއްވި ކަމަށް ބުނެ، އެ ނޫހުގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ