އެޕިސޯޑް 18
އިއްޔެގެ ބަޔާ ގުޅޭ
"އޭނ؟" ބުޝްރީގެ ލޮލުން ނިދި ފިލައިދިޔަ އެވެ. "އޭތް. ސަކަރާތް ޖަހަން މި ދެން ކޮން ގަޑިއެއް؟"
"ސަކަރާތެއް ނޫނޭ. ވީ ގޮތެއްނު މި ބުނީ. ކަލޭ އަދިވެސް ނިދާ ދޯ. ހިނގާ ކަލޭ އޮފީހާ ދިމާލަށް. މަ އެބަ ދަން ސައިބޮއިގެން،" ނަސީފް އެހެން ކިޔާފައި ފޯނު ކަނޑާލި އެވެ. ބުޝްރީއަށް ހައިރާންކަން ލިބުނެވެ. އޭނާ ރޭގައި ނަސީފްއާ ވާހަކަ ދެއްކި އެވެ. ދެން ނަސީފް އެހެން އެ ބުނީ ކީއްވެ ހެއްޔެވެ؟ ކޮންމެއަކަސް ވީނުވީއެއް އެނގޭނީ ދިޔައިމަ އެވެ.
ޖެހިލުންވެ ހުރެ ވަހީދާ ޔަޒްދާމެންގެ ގެއަށް ވަނެވެ. ވަށައިގެން ހޯދަމުންނެވެ. ބަދޫރާ އޮތީ ޔަޒްދާއަށް ވެގެން އުޅޭ ގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދީފަ އެވެ. އަދި ނަސީފް ދެއްކި ވާހަކަ ވެސް ހަނދާން އެބަ ހުއްޓެވެ.
"ޔަޒޫ!" ގޭތެރެއަށް ނުވަދެ ވަހީދާ ގޮވާލި އެވެ. ޔަޒްދާ އެ ވަގުތު ގޭތެރެއިން ނުކުތެވެ.
"ކީއްވެ އެތެރެއަށް ނުވަނީ؟"
"ގޭތެރެ މާ އަނދިރިކޮށްގެން ކީއްވެ ތި އުޅެނީ؟" ވަހީދާ އަހާލި އެވެ.
"ޝިފާޒަށް އެ ގޮތް ކަމުދަނީ. އެހެންވެ އަނދިރި ކޮށްފައި ބަހައްޓަނީ،" ޔަޒްދާ ގޮސް އުނދޯލީގައި އިށީންނަމުން ބުންޏެވެ. "ހާދަ ނުގަޑިއެއްގައި ތި އައީ؟"
ޔަޒްދާ ހުރީ ވަރަށް ހަމަޖެހިފަ އެވެ. އެއީ ޝިފާޒް މަރު ނުވާ އިރު ވަހީދާއަށް ފެނުނު ޔަޒްދާ އެވެ. ޔަޒްދާގެ މޫނުމަތިން އެއްވެސް ވަރެއްގެ ހިތާމައެއް ނުފެންނާތީ ވަހީދާ ހުރީ ހައިރާންވެފަ އެވެ. ޔަޒްދާގެ މިޒާޖަށް އައި އެ ބޮޑު ބަދަލުގެ ސިއްރަކީ ކޮބާ ހެއްޔެވެ؟
"ޔަޒޫއަކަށް ނޭނގޭތަ؟" ވަހީދާ ހައިރާންވެފައި އަހާލި އެވެ.
"ކޯއްޗެއް؟" ޔަޒްދާ އިސްތަށިގަނޑު ރަބަރަކުން އައްސާލަމުން އަހާލި އެވެ.
"ބަދޫއަށް ކޮންމެވެސް ކަމެއް ވެގެން އެބަ އުޅޭ. ޑޮކްޓަރަށް ވެސް ދައްކައިފި. އެކަމަކު ވީ ކަމެއް ނެތް،" ކަންބޮޑުވެފައި ވަހީދާ ބުންޏެވެ.
"ކިހިނެއްތަވީ ބަދޫއަށް؟ ކޮން ކަހަލަ ކަމެއްތަ؟" ޔަޒްދާ އަހާލި އެވެ.
"ނޭނގެ މަށަކަށް ވެސް ވީ ގޮތެއް. ރޭގައި ބޮޑު މަގުގައި ވެއްޓިފައި އޮއްވަޔޯ މީހަކަށް ފެނުނީ. ކައިރީގައި ހަލާކު ކޮށްލާފައި އޮތް ތަވީދެއް ވެސް އޮތޯ. ދެން އޭނާ ހޭއެރީ ރޭ ދަންވަރުޔޯ. ހޭއެރި ފަހުން ވާހަކައެއް ނުދައްކަޔޯ. ފާޑުފާޑުގެ އަޑުއަޑު ލައްވަނީޔޯ. އިނގިލިތައް ހުރީ އެކި ގޮތްގޮތަށް އެނބުރިފައި. ވާތްފަރާތުން ވާގި ވެސް ގޮސްފައި އޮތީ. އަހަރެން މި އައީ އެ ގެއަށް ވަދެފައި. އަހަރެން ފެނުނީމަ ވެސް ވައްތަރުޖައްސަނީ. އަޑުއަޑު ވެސް ލައްވާ. ހީވަނީ ފިރިހެނެއްގެ އަޑުހެން. މޫނުގެ އެއް ފަޅިން ހުރީ ވާގި ނެތިފައި،" ވަހީދާ ކިޔައިދިނެވެ.
"ހާދަ ބޮޑު ވަރެއްވެފައި. ހަމަ ކުއްލިއަކަށްތަ؟ އެއްކަލަ އިރު އަހަރުމެން އަތިރިމަތީ ތިބެފައި ގެއަށް ދިޔަ އިރު ވެސް ރަނގަޅެއްނު؟" ޔަޒްދާ ބުންޏެވެ.
"އޭރު ގެއަށް ދަނިކޮށް ވީ ކަމެއް އެ ވީ. ޑޮކްޓަރުންނަށް ވެސް ހަދަންވީ ގޮތެއް ނޭނގުނު. އެކި ކަހަލަ ބޭސްތައް ދީގެން ރަނގަޅެއް ނުވި،" ވަހީދާ ބުންޏެވެ.
"ދެން އެހެން ތާކަށް ގެންދާކަށް އޭނަ ހަޒްބަންޑް ނުވިސްނާތަ؟"
"ތި ހުރިހާ އެއްޗެއް މަށަކަށް ނޭނގެ. މަށަށް ވެސް އެނގޭ ވަރަށް މި ކިޔައިދިނީ،" ވަހީދާ ބުންޏެވެ. "ޔަޒޫ ނުދާނަންތަ ބަދޫއަށް ގޮވާލަން؟"
"މަށަކަށް ނުކެރޭނެ ތިހެން ވެފައި އިންދާ ދާކަށް. ތި ބުނީ ވެފައި އިން ގޮތް،" ޔަޒްދާ އެހެން ބުނުމުން ވަހީދާ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުނެވެ.
"އެކަމަކު އެއީ އަހަރުމެންގެ އެންމެ ގާތް ރަހުމަތްތެރިޔާ. މި ފަދަ ވަގުތުތަކުގައި އެކުގައި ވާން ޖެހޭނެ،" ވަހީދާ ބުންޏެވެ.
"އެކަމަކު ވެސް ހެޔޮ. މަށަކަށް ހަމަ ލާހިކެއް ނޫން ދާކަށް،" ޖެހިލުންވެފައި ޔަޒްދާ ބުންޏެވެ. "ކޮން ތަވީދެއްތަ އޭނާ ކައިރީގައި އޮތީ؟ ބަދޫ ތަވީދު ވެސް އަޅާތަ؟"
"ތިއެއް ނޭނގެ. މީހުން ކިޔާ އޭގެ ސަބަބުން ވީ ގޮތެކޭ. ކަމުގެ ހަގީގަތެއް އެއްވެސް މީހަކަށް ނޭނގޭ،" ކަންބޮޑުވެފައި އިން ވަހީދާ ބުންޏެވެ. "އަހަރެން ދެން ދަނީ. އެ ވާހަކަ ބުނެލަން މި އައީ."
ބުޝްރީ އޮފީހަށް ވަން އިރު ވެސް ނަސީފެއް ނާދެ އެވެ. ތިން ފަހަރު ގުޅިއްޖެ އެވެ. ފޯނެއް ނުނަގަ އެވެ. ބައި ގަޑި އިރު ފަހުން ނަސީފް އަ އެވެ.
"ކަލޭ ދޯ، އަންހެނަކަށް ވުރެ ކަންތައް ބޮޑޭ،" ނަސީފަށް ގޮނޑި ދައްކާލަމުން ބުޝްރީ ބުންޏެވެ. "ދެން ބުނެބަލަ. ރޭގައި ކަލޭއަށް ކިހިނެއްވީއޭ؟"
"މަށަށް ނިދުނީއޭ. މަ އުޅުނީ އަންނަން. އެކަމަކު ޖައްސާލިތަނާ ނިދުނީ،" އާފުރިލަމުން ނަސީފް ބުންޏެވެ.
"ދެން ތި ބުނަނީ ރޭގައި ކަލޭ ނާންނަމޭ؟"
"ނިދާފައި އޮތް މީހަކަށް ނުދެވޭނެއެއްނު. ކަލޭ ދައްކާ ވާހަކަ،" ޗޮކެއް ކަނޑާލަމުން ނަސީފް ބުންޏެވެ. "ކިހިނެއްވީތަ؟"
"ރޭގައި ކަލޭ އާއި މަށާ އަތިރީގައި ތިބެގެން ދެއްކި ވާހަކަ ހަނދާނެއް ނެތްތަ؟" ހިތްހަމަނުޖެހިފައި ބުޝްރީ ބުންޏެވެ.
"އަތިރީގައޭ؟ ކޮން އިރަކު؟ ބަލަ އޮއްސުނު އިރާއެކު ނިދުނު ގޮތަށް މަށަށް ހެނދުނުއޭ ހޭލެވުނީ. ދެން ކިހިނެއް މަ ކަލެއާ އެކު އަތިރީގައި ހުންނާނީ؟" ނަސީފް ބުންޏެވެ.
"ނޫނެކޭ. މަ ވާހަކަ ދެއްކީ ކަލެއާއޭ."
"މަށަކާ ނޫނޭ. އަޖައިބެއްނު. މަ ނުދަމޭ އެއްވެސް ތަނަކަށް. ގަބޫލު ކޮށްބަލަ. ކަލެއަށް ހުވަފެނެއް ފެނުނީތަ؟" އެންމެ ފަހުން ނަސީފް ބުންޏެވެ.
"ދެން ނޭނގެ އެހެން ވިއްޔާ،" ރުޅިގަދަވަމުން ބުޝްރީ ބުންޏެވެ.
"ކަލޭ ކޮން ވާހަކައެއް ދައްކަންތަ ބުނީ އަންނާށޭ؟" ނަސީފް އަހައިލި އެވެ.
"ބަލަ ރޭގަ ކިޔައިދިނީމެއްނު؟"
"ކިހާ ވަރުގަދަ ކަމެއް މިއީ؟ މަށަކަށް ނޭނގެއޭ. މަށެއް ނުދަމޭ ތިޔަ ބުނާ ތަނަކަށް،" ނަސީފް ގޮނޑިން ތެދުވި އެވެ. "އެހެންވިއްޔާ މަ މިދަނީ."
"އުހުނ. މަޑުކޮށްބަލަ. ކިޔައިދީފާނަން،" ބުޝްރީ ބުންޏެވެ. "މަ ބޭނުންވަނީ ޔަޒްދާ. އޭނަ ހޯދަން ރަނގަޅު އެތިފަހަރެއް ހަދައިދީބަލަ."
"އެ ކީއްކުރަން އޭނަ؟" ނަސީފް ބުންޏެވެ.
"ކަލޭ އެއެއް ބަލާނެ ކަމެއް ނެތެއްނު. އެހެން ނޫނަސް މީހަކު އަނެއް މީހާ ހޯދަން އުޅޭނީ އިންނާކަށްނު؟" ބުޝްރީ ބުންޏެވެ.
"ކަލޭ ޖެހޭނެ ރަނގަޅު އެއްޗެއް މަށަށް ދޭން. އޭރަށް ތިކަން މަ ކޮށްދީފާނަން،" ނަސީފް ބުންޏެވެ. ބުޝްރީ ހިތަށް އެރި އެވެ. ރޭގައި ނަސީފް ދެއްކި ވާހަކަ އާއި މިއަދު އެ ދައްކާ ވާހަކަ އުޑާއި ބިމާހާ ތަފާތެވެ. ނަސީފް އޭނައަށް ދޮގު ހެދުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ރޭގައި އަގެއް ނުކިޔުނީމަ އަގެއް ކިޔުން ހެއްޔެވެ؟ ރަނގަޅަށް ވިއްޔާ ވާނީ އެ ބޭނުމުގައި ކަމަށެވެ.
"މައްސަލައެއް ނޯންނާނެ. ކަން ވާން ޖެހޭނެ. އޭރުން ކަލެއަށް ރަނގަޅު އެއްޗެއް ދޭނަން،" ބުޝްރީ ބުންޏެވެ.
"ކަލެއަށް އެނގޭނު އެ މަންޖެއާ ޖިންނި އަވަލާފައި ހުރިކަން؟ އެކަމަކު ވެސް ކަލޭ ތި އުޅެނީ އެ ކަމުގެ ތެރެއަށް ބޭނިގަންނަން؟" ނަސީފް ބުންޏެވެ.
"ތި ބުނާ ޖިންނިއެއް އަވަލައިގެން އޭނައަށް ކޮން ކަމެއްތަ ވީ؟ އޭނަ ހަމަ ނޯމަލްކޮށް އެބަ އުޅެއޭ. ކަމެއް ގޯސްވި ނަމަވެސް ތި ކަމާ މަށަށް ވިސްނާލެވުނީސް،" މަލާމާތުގެ ރާގެއްގައި ބުޝްރީ ބުންޏެވެ.
"މަށަށް ވާ ވަރިހަމަ. ކަލޭ ތިކަން ކުރަން ހުރިއްޔާ މަ މިހުރީ ކޮށްދޭ ގޮތަށް. ކޮބާ އެޑްވާންސް؟" ދަހިވެތިކަމާ އެކު ބުޝްރީ ބުނެލި އެވެ.
އެ ވަގުތު ވަތްގަނޑު ހުޅުވާލާފައި ނަސީފް ސިޓީ އުރައެއް ދިއްކޮށްލި އެވެ. ބުޝްރީ ވަގުތުން އޭގައި ހިފި އެވެ. އަދި އެތެރެ ބަލާލި އެވެ.
"މައްސަލައެއް ނެތް މިތާ އިނދެގެން ތި ގުނާފައި ދިޔަޔަސް. އެކަމަކު ކަލޭ މި ރަށުން ފައިބަން ޖެހޭނީ މަށަށް އެކަން ކޮށްދީފައި،" ބުޝްރީ ބުންޏެވެ.
"ކަލޭ ހޯދަބަލަ އެ މަންޖެގެ އިސްތައްޓެއް ނޫނީ ނިޔަފަތިކޮޅެއް އެއްޗެއް. ވަރިހަމަ ލާ ހެދުމަކުން ފޮތިކޮޅެއް ވިޔަސް،" ނަސީފް ބުންޏެވެ.
"މަ ކިހިނެއް ތިއެއް ހޯދާނީ؟ އެ ގެއަށް ވެސް މިހާރު މަށަށް ނުވަދެވޭ،" މާޔޫސްވެފައި ބުޝްރީ ބުންޏެވެ.
"ތިއެއް އެނގޭނީ ކަލެއަށް. ހޯދާފައި މަށަށް އަންގާލާ،" އެ ތަނުން ނުކުންނަމުން ނަސީފް ބުންޏެވެ.
ޔަޒްދާ ގެއިން ނުކުތީ ގަބުރުސްތާނަށް ދާށެވެ. ކަޅުފޮއި ރޭތަކުގެ ތެރެއިން ރެއެކެވެ. ދުރުދުރުން ފެންނަން ހުރި އަލިކަން ފިޔަވައި މަގެއްގެ މަތިން އެއްވެސް އަލިކަމެއް ނެތެވެ. މީހެއްގެ އެއްވެސް ހިލަމެއް ނެތެވެ. އޭރު ގަޑިން ދޭއް ޖަހަނީ އެވެ. ޔަޒްދާގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. ޝިފާޒްއާ ބައްދަލު ކުރެވޭތީ އެކަމުގެ އުފާ ނޫން އެއްޗެއް އޭނާގެ ހިތުގައި ނެތެވެ. ގަބުރުސްތާނު ތެރެއަށް ވަދެގެން ޔަޒްދާ ދިޔަ އެވެ. އާންމުކޮށް ދެ މީހުން ތިބޭ ޗަންޕާޕޫލް ގަސްދޮށުގައި އިށީނެވެ. އެ ވަގުތު މީހަކު އަންނަތަން ފެނުނެވެ. ސީދާ އެ ދިމާލަށެވެ. ޔަޒްދާ އުންމީދު ކުރީ އެއީ ޝިފާޒް ކަމަށެވެ. ނަމަވެސް ޝިފާޒަށް ވުރެ އޭނާ އިސްކޮޅުން ދިގެވެ. ޔަޒްދާއާ އަރާހަމަވުމުން އެއީ ޝިފާޒް ނޫންކަން ޔަގީންވި އެވެ.
-ނުނިމޭ-
ވާހަކަ: ގަބުރުސްތާނު - އަށާރަވަނަ ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ