މިނިސްޓަރު ޚަލީލް ޖައިޝަންކަރާ ބައްދަލުކުރައްވައިފި
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިނިސްޓަރު ޚަލީލް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގެ ތެރެއިންނެވެ. ފޮރިން މިނިސްޓްރީން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މިނިސްޓަރު ޚަލީލާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ދެމެދު މިއަދު ބައްދަލުކުރެއްވުމެއް ބާއްވާފައި ވާކަމަށެވެ. އަދި މި ބައްދަލުވުމުގައި މިހާރު ހިނގަމުންދާ ތަރައްޤީގެ ޕާޓްނާޝިޕް މުރާޖަޢާކޮށް، ކުރިއަށް އޮތްތަނުގައި އެއްބާރުލުން ދެވިދާނެ ދާއިރާތައް ބަލައި ފާސްކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. މި ބައްދަލުކުރެއްވުމުގެ އިތުރު ތަފުސީލެއް މިނިސްޓްރީން ހިއްސާކޮށްފައެއް ނުވެއެވެ. ޑރ. ޖައިޝަންކަރު ވެސް ވަނީ މިއަދު ދިއްލީގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޚަލީލާއި ބައްދަލުކުރެވުނީތީ އުފާވާކަމަށް ވިދާޅުވެ އެމަނިކުފާނުގެ ރަސްމީ އެކައުންޓުން އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. https://x.com/DrSJaishankar/status/1901989277975908575 އަދި ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުމުގެ ކުރިއެރުން މުރާޖަޢާކުރެވުނު ކަމަށް އޭނާގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ޚަލީލް ޖައިޝަންކަރާ ބައްދަލުކުރައްވާފައި ވާއިރު، ދެ ގައުމުގެ ގުޅުން އަދިވެސް ހަރުދަނާ ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ވަޒީރު ޚަލީލް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ނިއު ދިއްލީގައި ބާއްވާ ރައިސީނާ ޑައިލޮގްގެ 10ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. https://sun.mv/203759 އެ ފޯރަމްގައި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ބާއްވާ ޕެނަލް ޑިސްކަޝަންއެއްގައި އޭނާ ވާހަކަ ދައްކަވާނެ ކަމަށާއި މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވެފައިވާ ނާޒުކު މައްސަލަތަކާ ބެހޭގޮތުން ޚަލީލް ވާހަކަ ދައްކަވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ރައިސީނާ ޑައިލޮގްއަކީ އިންޑިއާގައި ހިންގާ ތިންކްޓޭންކްއެއް ކަމަށްވާ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އަހަރަކު އެއްފަހަރު ބާއްވާ، ބައިނަލްއަގުވާމީ ސިޔާސަތާއި ސްޓްރެޓެޖިކް މަޝްވަރާތަކަށް ޚާއްޞަކޮށްފައިވާ އެންމެ މަތީ ފަންތީގެ ފޯރަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ