އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި އިންޒާރު ދެއްވައި ބިރު ދެއްކެވި މައްސަލަ ފުލުހަށް ހުށަހެޅުމުން އޭނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ރައްކާތެރިކަން ދީފައިވޭތޯ ސާފުކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެދިލައްވާފައިވަނީ ސުވާލު ކުރުމަށް މަޖިލީހުގެ ގަވާއިދުގެ ދަށުން އިހުސާން މަޖިލީހަށް ހާޒިރު ކުރުމަށެވެ.
މީކާއިލްގެ ސުވާލުގައި ވިދާޅުވެފައިވަނީ ނޫސްވެރިޔަކަށް ސީދާ ރައީސް މުއިއްޒު އިންޒާރު ދެއްވި މައްސަލަ ފުލުހަށް ހުށަހެޅުމުން ނޫސްވެރިޔާއަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދޭން ފުލުހުން އެޅި ފިޔަވަޅުތައް ސާފުކޮށްދެއްވަން އެދޭ ކަމަށެވެ.
ފުލުހުންގެ ހިދުމަތް ހިންގަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުންނެވެ.
ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ބިރު ދެއްކެވީ މާޗު 14، ގެ އިރާކޮޅު 19:04 ގަ އެވެ. ފިޔާޒުއަށް ގުޅުއްވައި ރައީސް އިންޒާރު ދެއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން ދެއްކި ވާހަކައާ ގުޅިގެން ކޯފާ އިސްކުރައްވަ އެވެ.
މިނެޓެއްހާ އިރަށް ދިގުދެމިގެންދިޔަ އެ ފޯނު ކޯލުގައި ފިޔާޒުއަށް ރައީސް އިންޒާރު ދެއްވީ އަދަދު ނޫހާއި ފިޔާޒު އާމެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވެ އެވެ.
އަދަދު ނޫހުގެ ނޫސްވެެރިންނަށާއި ފިޔާޒުއަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ ރައީސް ތިން ފަހަރު ފިޔާޒުއަށް އިންޒާރު ދެއްވި އެވެ.
"ތިންވަނަ ފަހަރަށް މި ބުނަނީ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން،" ފޯނު ބޭއްވެވުމުގެ ކުރިން ރައީސް ވިދާޅުވި އެވެ.
މި މައްސަލަ ކުށްވެރިކޮށް އެ މައްސަލަ ވީހާ ވެސް އަވަހަކަށް ތަހުގީގު ކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ފުލުހުންނަށް ގޮވާލާފަ އެވެ.
އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ލިބުމަކީ އެމްޖޭއޭއިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ އިންޒާރުގެ ސަބަބުން ފިޔާޒު އާއި މި ނޫހުގެ ނޫސްވެރިން ވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، ނޫސްވެެރިންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެމްޖޭއޭގެ އިތުރުން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އަދި އާންމުންގެ ގިނަ ބަޔަކު ވެސް ދަނީ މިކަން ކުށްވެރިކޮށް، މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ގޮވާލަމުންނެވެ.
ފިޔާޒުއަށް ރައީސް ބިރު ދެއްކުމުން ރައްކާތެރިކަން ފޯރުކޮށްދިންތޯ ބަލަން އިހުސާން މަޖިލީހަށް ހާޒިރުކުރަނީ ފިޔާޒުއަށް ރައީސް ބިރު ދެއްކުމުން ރައްކާތެރިކަން ފޯރުކޮށްދިންތޯ ބަލަން އިހުސާން މަޖިލީހަށް ހާޒިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ