ބޮޑު ބްރޭކަށްފަހު ބްލެކްޕިންކް އަންނަނީ، ޓުއާ އިއުލާނުކޮށްފި

ދެކުނު ކޮރެއާގެ މަޝްހޫރު މިއުޒިކް ގްރޫޕް އަދި މިހާރު ދުނިޔޭގެ އެންމެ ވަރުގަދަ އެއް ގްރޫޕު، "ބެލްކްޕިންކް" ބްރޭކަށް ފަހު އެނބުރި އަންނަން ތައްޔާރުވެ، ޓުއާ އިއުލާނު ކޮށްފިއެވެ. ކޮރިއާގެ މިއުޒިކް ލޭބަލް ވައިޖީގެ އެންމެ ބޮޑު ގްރޫޕު ބްލެކްޕިންކް ބްރޭކަކަށް ދާން އުޅޭކަން އިއުލާނު ކޮށްފައިވަނީ 2022 ވަނަ އަހަރެވެ. އެއާއެކު އެތައް ބަޔަކު ހީކޮށްގެން ތިބީ ގްރޫޕު އެއްކޮށް މަސައްކަތް ކުރުން ހުއްޓާލަން ތައްޔާރުވަނީ ކަމަށެވެ. އަދި ގުރޫޕުގެ ހުރިހާ މެމްބަރުން ސޯލޯ ކެރިއަރާއެކު ކުރިއަށް ދާން ފެށުމުން ފޭނުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވިއެވެ. އެހާ ހިސާބުން ވައިޖީ ބުނަމުން އަންނަނީ ވަރަށް އަވަހަށް ގްރޫޕު އެނބުރި އަންނާނެ ކަމަށެވެ. އަދި ގްރޫޕު އެނބުރި އަންނާނީ ވޯލްޑް ޓުއާ އަކާއެކުގައި ކަމަށްވެސް ކުންފުނިން ބުނެއެވެ. ނަމަވެސް ޓުއާ ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ. ވައިޖީ އިން ދާދިފަހުން ވަނީ ބްލެކްޕިންކް ޓުއާ ރަސްމީކޮށް އިއުލާނު ކޮށްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޝޯތައް ބޭއްވުމަށް ތައްޔާރުވާއިރު މިއަހަރު އެ ޓުއާ ފަށާނެ ކަމުގައި ވައިޖީއިން ވަނީ ބުނެފައެވެ. ޓުއާ ރަސްމީކޮށް އިއުލާނު ކުރި ނަމަވެސް ޓުއާ ފަށާނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ޓުއާ ދޭނެ ސަރަހައްދުތަކާއި ޓިކެޓާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް މި މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރެއެވެ. ޓުއާ އިއުލާނު ކޮށްފައިވާއިރު ގްރޫޕުގެ އެއް މެމްބަރު ކަމަށްވާ ރޮޒޭ ވަނީ އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް މިއަހަރު ރިލީޒް ކޮށްފައެވެ. ބާކީ ތިން މެމްބަރުން ކަމަށްވާ ޖެނީ، ލިސާ އަދި ޖިސޫގެ ސޯލޯ އަލްބަމްތައް ވަރަށް އަވަހަށް ނެރުމަށް ވަނީ ތާވަލު ކޮށްފައެވެ. ބެލެވޭ ގޮތުގައި ޓުއާގެ ތާރީޚުތައް އިއުލާނު ކުރާނީ އަލްބަމްތައް ރިލީޒްކޮށް ނިމުމުންނެވެ. އެހެންވީމާ މި ޓުއާ ފަށާނެ ކަމަށް ބެލެވެނީ މިއަހަރުގެ ފަހުކޮޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ