މި ސަރުކާރުން ހުޅުމާލޭގައި ގާއިމްކުރާ ފުޓްސަލް އާއި ނެޓްބޯލް ކޮމްޕްލެކްސްގެ އިތުރުން، މާލޭ ރާޅުގަނޑު ސަރަހައްދުގައި އަޅާ ސާފިން ސްޓޭޑިއަމްގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ފެށިގެންދާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް، (ހަފްތާ 14)ގެ ތެރޭގައި ގާއިމްކުރަން މަަސައްކަތް ފަށަން ހަމަޖެހިފައިވާ ފުޓްސަލް ކޮމްޕްލެކްސް އާއި ނެޓްބޯޅަ ކޮމްޕްލެސް އެޅުމުގެ ބިން ރަސްމީކޮށް ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.
އެ ގޮތުން، ފުޓްސަލް ކޮމްޕްލެކްސް އަޅަނީ ހުޅުމާލެ ފޭސް 2 ގަ އެވެ. އަދި ނެޓްބޯޅަ ކޮމްޕްލެކްސް އަޅަނީ ފޭސް 1 ގަ އެވެ. މީގެ އިން ކޮންމެ ކޮމްޕްލެކްސް އަކީ ވެސް ފަސް ދަނޑު ހިމެނޭ ގޮތަށް އަޅާ ތަންތަނެވެ. މިއީ މި ގޮތަށް، ރާއްޖޭގައި، ކުޅިވަރުގެ އިންފްރާސްޓްރަކްޗާއެއް ގާއިމްކުރާ ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން، ސާފިން ސްޓޭޑިއަމްގެ މަސައްކަތް ފަށަން، ރާޅުގަނޑު ސަރަހައްދުގައި ހުރި، ބްރިޖްވިއު ޕްލެޓްފޯމް މިހާރު ވަނީ ރޫޅާލައިފަ އެވެ.
"އަޅުގަނޑުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ހުޅުމާލޭގައި ޤާއިމުކުރެވޭ މަލްޓި ސްޓޯރީ ފުޓްސަލް ކޮމްޕްލެކްސްއާއި، މަލްޓި ސްޓޯރީ ނެޓްބޯލް ކޮމްޕްލެކްސް އަދި ޑްރިފްޓިންގ ސްޓޭޑިއަމްއާއި، މާލޭގެ ރާޅުގަނޑު ސަރަޙައްދުގައި ޤާއިމުކުރެވޭ އިންޓަނޭޝަނަލް ސަރފިންގ ސްޓޭޑިއަމްގެ ޢަމަލީ މަސައްކަތްތައް މިއަހަރު ފެށިގެންދާނެ،" ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވި ރިޔާސީ ބަޔާނުގައި، ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ، ރާއްޖޭގެ ކުޅިވަރުގެ 20 އަހަރުގެ ޕްލޭނެއް މިހާރު ހެދިފައިވާއިރު، ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމު ސިއްހީ ހިދުމަތްތަކާބެހޭ މިންގަނޑު މިހާރު އެކުލަވާލައިފައިވާ ކަމަށެވެ.
އުފާވެރި ދިރިއުޅުމަކަށްޓަކައި، ހަރަކާތްތެރިކަމަކީ ވަރަށް މުހިންމުކަމެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ފިޓްނަސް އާއި ކުޅިވަރުގެ ދާއިރާ މުޅި ރާއްޖޭގައި ހަރުދަނާ ކުރުމުގެ ގޮތުން، ކުރިއަށް އޮތް ދެ އަހަރު ތެރޭ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަސީލަތް ހަމަ، ފެންވަރު ރަނގަޅު ކުޑަކުޑިންގެ ޕާކަކާއި، އެކި އުމުރުތަކަށް ބޭނުންކުރެވޭ އައުޓްޑޯ ޖިމެއް އަދި ވަސީލަތް ހަމަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހުޅުވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ކުޅިވަރުގެ ދާއިރާ އަކީ އެ ކަމުން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުމުގެ އިތުރުން ސިއްހީ އަދި އަހުލާގީ ފައިދާތަކާ އެކު، ގައުމަށް ރީތި ނަން ވެސް ލިބިދޭ ދާއިރާއެއް ކަމަށެވެ.
އެ ކަމަށް އަލި އަޅުވާލައި، ރައިސް ދެ ކާމިޔާބީއެއްގެ ވާހަކަ ފާހަގަކުރި އެވެ. އެއް ކާމިޔާބަކީ، މިދިޔަ އަހަރު ފްރާންސްގެ ޕެރިހުގައި ބޭއްވި އޮލިމްޕިކްސް އަށް ކޮލިފައިވި، ޓީޓީ ތަރި ފާތިމަތު ދީމާ އަލީގެ ކާމިޔާބެވެ، މިއީ، އޮލިމްޕިކްސް އަށް ދިވެހި އެތުލީޓަކު ކޮލިފައިވި ފުރަތަމަ ފަހަރެވެ. ދެ ވަަނަ ކާމިޔާބެއްގެ ގޮތުގައި، ރަައީސް ފާހަަގަކުރެއްވީ، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިން ޓްރޮފީ މުބާރާތުގެ ތެރެއިން، 2026 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ސާފިން އިވެންޓަށް ރާއްޖޭގެ އަންހެން އަދި ފިރިހެން ގައުމީ ޓީމު ކޮލިފައިވުމުގެ ކާމިޔާބެެވެ.
ފުޓްސަލް، ނެޓްބޯޅަ އަދި ސާފިން ކޮޕްލެކްސްގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ: ރައީސް ފުޓްސަލް، ނެޓްބޯޅަ އަދި ސާފިން ކޮޕްލެކްސްގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ