ވިލިނގިލިން ސިޒޭރިއަން ހެދި އަންހެނަކު މާލެ ނުގެނެވިގެން އުޅެނިކޮށް ދެމައިން ވެސް ނިޔާވެއްޖެ ވިލިނގިލިން ސިޒޭރިއަން ހެދި އަންހެނަކު މާލެ ނުގެނެވިގެން އުޅެނިކޮށް ދެމައިން ވެސް ނިޔާވެއްޖެ

ގއ. ވިލިނގިލީގައި މާބަނޑު އަންހެނެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ސިޒޭރިއަން ހެދިފަހުން، އިތުރަށް ހާލަތު ގޯސްވެ، އެމަޖެންސީގައި މާލެ ނުގެނެވިގެން އުޅެނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައި ދެމައިން ވެސް ނިޔާވެއްޖެ އެވެ.
ބަނޑަށް އަށް މަހުގެ ޝިއުނާ ވަހީދު، 35، ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައީ އަންގާރަ ދުވަހު ރޭގެ ވަގުތެއްގައި ނޭވާލާން އުނދަގޫވެގެންނެވެ. އޭނާގެ ހާލު ރަނގަޅުނުވެގެން ސިޒޭރިއަން ހަދައި އަށް މަހުގައި ދަރިފުޅު ނެގީ ބުދަ ދުވަހު ހަވީރެވެ.
ދަރިފުޅު ނެގި ފަހުން ވެސް ހާލު ރަނގަޅުނުވެގެން، މާލެ ގެންދަން މަސައްކަތް ކުރަމުން ދަނިކޮށް ޝިއުނާ ނިޔާވީ ރޭ ދަންވަރު ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަތީގަ އެވެ. ދަރިފުޅު ނިޔާވީ މާލެ ގެންދަން އެރުވި މަތިންދާބޯޓުގައި ކަމަށް އާއިލާއިން ބުނެ އެވެ.
މިއީ ޝިއުނާއަށް ލިބުނު ތިން ވަނަ ކުއްޖާ އެވެ. މިހާރު ވެސް އޭނާގެ 13 އަހަރާއި އަށް އަހަރުގެ ދެ އަންހެން ކުދިން ތިބެ އެވެ. މިފަހަރު ލިބުނީ ފިރިހެން ކުއްޖެކެވެ. މިއަދު މެންދުރު ނަމާދަށްފަހު ދެމައިން ވަޅުވީ އެއް ވަޅެއްގަ އެވެ.
ދެމައިން ނިޔާވި ހިތާމަވެރި ހާދިސާގައި ބައެއް އިހުމާލު އޮތް ކަމަށް ޝިއުނާގެ އާއިލާއިން ބުނެ އެވެ. އެގޮތުން، ވިލިނގިލީ ހޮސްޕިޓަލާއި އެއާ އެމްބިއުލޭންސުގެ އިހުމާލު އެކަމުގައި އޮތް ކަމަށް އާއިލާއިން ބުނެ އެވެ.
ޝިއުނާގެ އޮކްސިޖެން ލެވެލް އިންތިހާއަށް ދަށްވިއިރު ވެސް ހޮސްޕިޓަލުން އެކަން ސީރިއަސްކޮށް ނުނަގާ ކަމަށް އާއިލާއިން ބުނެ އެވެ. އަދި ދެމައިން ބަލައި ފޮނުވި އެއާ އެމްބިއުލޭންސްގައި އޮކްސިޖަން އާއި އެހެނިހެން ސާމާނު ހަމައަށް ނެތް ކަމަށް ވެސް އާއިލާއިން ބުނެ އެވެ.
"ކޮއްކޮ މި ގެންދިޔައީ ފްލައިޓަށް އަރުވަން ވެގެން. ކޮއްކޮ ރަންވޭ މަތީގައި ބެހެއްޓި ދެ ގަޑިއިރުވަންދެން. އެތައް އިރެއްވި ފަހުން މިކިޔަނީ އޮކްސިޖަން ވަރަށް ދަށްވެއްޖެއޭ. މި މީހުންނަކަށް ނޭގުނު އޮކްސިޖަން ފުޅި ހުސްވިކަމެއް. އޮކްސިޖަން ހުސްވެގެން ދަށްމިވަނީ،" ޝިއުނާގެ ބޭބެ އަހުމަދު ސުނިލް ތައުފީގް، އަދަދު އާ ވާހަކަ ދައްކަމުން ބުންޏެވެ.
ޝިއުނާގެ ދެމައިން ބަލާ އައި އެއާ އެމްބިއުލޭންސް ކޫއްޑޫ އެއާޕޯޓަށް ޖެއްސީ ރޭ 10:50 ގަ އެވެ. އެ ވަގުތުން ފެށިގެން އޭނާ ބޯޓަށް އަރުވަން ހޮސްޕިޓަލުން މަސައްކަތް ކުރި އެވެ. އެކަމަކު، އޮކްސިޖަން މާ ބޮޑަށް ދަށްވުމުން ބޯޓަށް ނޭރުވުނު ކަމަށް އާއިލާއިން ބުންޏެވެ. އަދި ބޯޓުގައި ވެސް ހަމައަށް އޮކްސިޖަން އާއި އެހެނިހެން ސާމާނު ނެތް ކަމަށް އާއިލާއިން ބުންޏެވެ.
"ފްލައިޓުގެ ވެންޓިލޭޓަރު ހުރީ ހަލާކުވެފައި. އޮކްސިޖަނެއް ބޭނުންވާ ވަރަކަށް ނެތް. ސިރިންޖާ ޕަމްޕެއް ފްލައިޓުގައި ނެތް. އެންމެ ފަހުން ބޭނުންވާ ސާމާނު ގެނައީ ހޮސްޕިޓަލުން،" ޝިއުނާގެ ބޭބެ ބުންޏެވެ.
ޝިއުނާ ނިޔާވީ ރޭ ދަންވަރު 1:30 އާއި 2:00 އާ ދޭތެރޭގަ އެވެ. އޭގެ ފަހުން އޭނާ ގެންދިޔައީ އަނބުރާ ވިލިނގިލީ ހޮސްޕިޓަލަށެވެ. ދަރިފުޅު ގޮވައިގެން އެއާ އެމްބިއުލޭންސް ކޫއްޑޫއިން ފުރީ ދަންވަރު 2:10 ގަ އެވެ. ދަރިފުޅު މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފަ އެވެ. އެހެންވެ މިއަދު ހެނދުނު ފުރި ފްލައިޓުން ދަރިފުޅު އަނެއްކާ ވިލިނގިއްޔަށް ގެންދިޔައީ އެވެ.
ޝިއުނާގެ ބޭބެ ބުނީ އޭނާ ނިޔާވީ ރަންވޭ މަތީގައި ޝިއުނާ އޮއްވައި، ހާލު ވަރަށް ބޮޑަށް ގޯސްވެގެން، އެއާޕޯޓުގެ އަވަސް ފަރުވާ ދޭ ސަރަހައްދަށް ގެންގޮސް ފަރުވާ ދެނިކޮށް ކަމަށެވެ.
"ދެ މީހުންގެ ފުރާނަ މިއޮތީ ގޮސްފައި. މިއީ ފަރުވާ ކުޑަކަމުން ވީ ކަމެއް. ކޮބައިތޯ މިކަމުގައި ޒިންމާ ނަގާ ފަރާތްތައް. އެ ފުރާނަ އަނބުރާ ލިބޭނެތޯ،" ސުނިލް ބުންޏެވެ.
ޝިއުނާގެ ދެމައިން ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީއިން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވިލިނގިލީ ހޮސްޕިޓަލުން ބުނެ އެވެ. އެކަމަކު، ޝިއުނާގެ ދެމައިން މަރުވި މައްސަލައިގައި އެއްޗެކޭ ބުނަން ހޮސްޕިޓަލުން ވަނީ ދެކޮޅު ހަދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ