ސްމައިލްޝިހާބު ޕޮޑްކާސްޓް: މަހުދީ
ހިތްހަމަޖެހުމާއި އުފާވެރި ކަމަކީ މާތްﷲގެ ޙަޟްރަތުން އެކަލާންގެ އަޅުންނަށް ދެއްވާ ނިޢުމަތެކެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން އާލާ ކުރުމުގެ ގޮތްތަކުގެ ތެރޭގައި އިންސާނުންގެ މެދުގައި އޮންނަ ހިތު ލޯބި، ދުޅަހެޔޮ ގުޅުންތަށް، ވަފާތެރިކަމާއި ފަހި ވިސްނުން، ލޯބިވުން އަދި ނަމޫނާ ދެއްކުމާއި އެކު ހިތުން އެކަކު އަނެކަކަށް އަޅާލުމުން އުފެދޭ ލޯބީގެ ޖާދޫ ފާހަގަ ކޮއްލެވެއެވެ. ހަމަ އެހެންމެ އުޑަށް ބެލުންފަދަ ޤުދުރަތީ މާޙައުލުން ލިއްބައިދޭ އުފާވެރިކަމުގެ އިޙްސާސް މަންމަ އެއްގެ ފުރިހަމަޒިންމާ އަދާކުރުމަށްޓަކައި ކުރާ ހިތްވަރު ފާހަގަ ކޮއްލެވެއެވެ. މިއީ ސަންޕޮޑްކާސްއިން ގެނެސްދޭ ސްމައިލް ޝިހާބު ޕޮޑްކާސްޓުގެ 12 ވަނަ އެޕިސޯޑެވެ. ހެޕިނެސްކުލަބުގެ ފަރާތުން ގެނެސްދެނީ އެޕިސޯޑުގެ އެންމެ މުހިންމު ވާހަކަތަކެވެ. މި އެޕިސޯޑުގެ ނަމަކީ " މަޙުދީ" އެވެ. މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައިވަނީ އަދާރަން ރިސޯޓުގެ ވައިސް ޕްރެޒިޓެންޓް އަލްފާޟިލް މުޙައްމަދު މަޙުދީ އެވެ. މަހުދީ އަކީ އައިސީއެފް ކޯޗެއްގެ އިތުރުން ސްޕީކަރ އެކެވެ. ހޮސްޕިޓަލްމެނޭޖްމެންޓުން މަތީތަޢުލީމް ޙަޞިލްކުރައްވާފައި ވެއެވެ. މަހުދީ އަކީ ނ. ހޮޅުދޫއަށް އުފަން އެރަށުގެ މަޝްހޫރު މޭނާ ޢާއިލާއަށް ނިސްބަތްވާ ބޭފުޅެކެވެ. މަޙުދީ އަކީ މޭނާ ކަލޭފާނުގެ މުނިކާފަ ދަރިކަލެކެވެ. މަޙުދީ ވިދާޅުވި ގޮތުގައި އޭނާ ކުޑައިރުގެ ދުވަސްވަރަކީ ތަދު ދުވަސްވަރެކެވެ. ކާބޯ ތަކެއްޗާއި އެހެނިހެން ތަކެތި މިހާރު ލިބޭހާ ފަސޭހައިން ލިބެންނުހުރެއެވެ. ރަށުގެ މީހުން ދަނޑުވެރިކަން ކޮއްގެން ލިބޭ މަދު އެތިކޮޅަކުން ފުއްދާލައިގެން އުޅުނުދުވަސްވަރެކެވެ. މޭނާ ޢާއިލާގެ ފުދުންތެރިކަން މަޙުދީމެންނާއި ހިސާބަށް ފޯރާފައިނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. ކުޑައިރުގެ ވާހަކަތަށް ޙިއްސާކުރައްވަމުން މަޙުދީ ވިދާޅުވީ ދިރިއުޅުނީ ފަންގެއެއްގައި ކަމަށާއި ވާރެ ވެހިއްޖެ ނަމަ ގޭތެރެއަށް ފެން ވެހޭކަމަށެވެ. އެހެންނަމަވެސް އެޒަމާނުގައިވެސް އެހިސާބަށް ކޮންމެވެސްވަރަކަށް ގެސްޓުން ޒިޔާރަތްކުރިކަމަށާއި. އެމީހުން ގެންގުޅޭތަކެތީގެ ތެރެއިން ޓެންޓު ލިބޭކަމަށެވެ. އެހެންކަމުން ވިއްސާރަ ދުވަސްވަރު ޓެންޓުގެ ބޭނުން ހިފާކަމަށެވެ. ކުޑައިރުގެ ހަނދާންތަކުގެ ތެރެއިން ކާފަޔާއެކު ހޮޅުދޫކައިރީގައި އޮންނަ މާވެލާވަރަށް ގޮސް ދަނޑުވެރިކަމުގެ ބައެއްކަންކަމުގައި ޙަރަކާތްތެރިވިކަންފާހަގަ ކުރެއްވިއެވެ. އެއީ ދަނޑުވެރިކަންކުރަން އެރަށުގެ މީހުން ގޮސްއުޅުނު ރަށެކެވެ. ކާބޯތަކެތީގެ ތެރޭގައި ބިންބި ޒުވާރި ތޮރާ އާއި ފުށްކިރު ބޭނުންކުރިއެވެ. އަދި ގަބުޅިއާއި ފުށާއި ހަކުރު އަޅައިގެން ހިލާފައި ހަދާބޯޅަފުށް އެއީ މައިގަނޑު ކެއުންކަމުގައި ވިދާޅުވިއެވެ. މަޙުދީ ފާހަގަ ކުރެއްވި ގޮތުގައި އެޒަމާނުގައި ކޮންމެ ކަހަލަ ބައްޔެއް ވީނަމަވެސް ބޭނުންކުރީ ޑިސްޕިރިންނާއި އެންޓިފާ އަދި ބޮޑުމަހު ތެޔޮގުޅައެވެ. ކުޑައިރުގެ އެންމެ އުފާވެރި ހަނދާންތަށް ޙިއްސާކުރައްވަމުން ވިދާޅުވީ އެއީ ވަރަށް މިނިވަންކޮށް ކުދިންނާއި އެކު މަގުމަތީގައި ކުޅެ، ދުވެ، މަޖާކޮށް ގަސްގަހަށް އަރާ މޫދައްއެރި އުޅުނު އުފާވެރި ދުަސްވަރެއްކަމަށެވެ. މޫދަށް ދިޔުމަކީ ޚައްސަ އުފާވެރި ކަމެއްކަމަށާއި އެހެންނަމަވެސް މޫދަށް ދިޔުމުން ސްކޫލުން އަދަބު ލިބޭކަމަށެވެ. ކޮންމެ ކޮންމެ ދުވަހަކު ކުދިން އެކަނި މޫދަށް އެރެން ދޫ ނުކުރާކަމަށް ވިދާޅުވިއެވެ. އެއްތެޔޮގަނޑުން ތެޅުމަކީ އޭރު ސްކޫލުން ލިބޭ އެންމެ ފާހަގަ ކޮއްލެވޭ އަދަބެވެ. އެހެންނަމަވެސް އެއިން ކޮންމެ ކަމަކުން އިތުރު ތަޖުރިބާ ތަކަކާއި ފިލާވަޅުތަކެއް ދަސްވި ކަމަށް މަޙުދީ ވިދާޅުވިއެވެ. މިހާރާ އަޅާބަލާއިރު ކިތަންމެ ދަތިކޮން އުޅުނުކަމުގައި ވިޔަސް ކުޑަކުއްޖެއްގެ ގެ ގޮތުގައި މިނިވަންކަމާއި އުފަލާއި މަޖަލުގައި އުޅެވުނު މާޙައުލެއް އޮތުމަކީ ނަސީބެއްކަމުގައި ދެކެވަޑައިގަންނަވައެވެ. އޭރު ހެދިފައިވާ ޤަވާއިދުން ބޭރު ވެވުމުން އަދަބު ލިބުނުކަމުގައި ވިޔަސް ނަފްސާނީބަލިމަޑުކަމެއް ދިމާނުވެއެވެ. އޭގެ ބަދަލުގައި އަދަބު ވެރި ވުމާއި ހިތްވަރާއި ތަޖުރިބާތަކެއް ލިބުނުކަން ފާހަގަކުރައްވައެވެ. މިއީ ހައްތަހާވެސް ކުޑައިރުގެ ފިލާވަޅުނަކާއި އުފާވެރި ހަނދާންތަކެވެ. ސްކޫލް ދުވަސްވަރު މަޙުދީ އަކީ ވަރަށް ކުޅިވަރުގެ ބޭފުޅެއްކަމަށާއި އެތުލެޓިކްސް އާއި ފުޓުބޯޅަ އަކީ ޚައްސަ ކުޅިވަރުތަށްކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ސްޕޯޓުމީޓު ތަކުގައި ގިނަ ކުޅިވަރުތަކަކުން އެއްވަނަ ލިބިފައިވެއެވެ. އޭގެ އިތުރުން "ހައި ވާރކް" ހުސް ދަނޑީގައި ހިނގުންފަދަ ހުނަރުތަކަށް ވަރަށް ކުޅަދާނަކަން ފާހަގަ ކުރެއްވިއެވެ. ފުޓްބޯޅަ، ވޮލީ، ޓޭބަލްޓެނިސް އަދި ބެޑްމިންޓަންވެސް ކުޅުއްވާކަމަށް ވިދާޅުވިއެވެ. ކިޔަވަން މާލެ ބަދަލުވީ ގާތްގަނޑަކަށް ސޯޅަ ވަރަކަށް އަހަރުގައި ކަމަށްވިދާޅުވިއެވެ. މާލޭ އިންގްލިޝް ސްކޫލުން ކިޔަވަންފެށި މަޙުދީ އެ ސްކޫލްގައިވެސް ކުޅިވަރުގެ ރޮނގުން ފާހަގަ ކޮއްލެވުނު ދަރިވަރެއްކަމަށް ވިދާޅުވިއެވެ.އެގޮތުން ސްކޫލްތަކުގައި އޮތް އެންމެވަރުގަދަ ޓީމް އެމްއީއެސްގެ ފޫޓްބޯޅަ ޓީމަށް އެރުމުގެ ފުރުޞަތު ލިބުމަކީ މިކަމުގެ ހެއްކެކެވެ.އެއީ ވަރަށް ޖޯޝާއި ފޯރި މުޅި ޤައުމުގައިވެސް ފުޓްބޯޅައަށް އޮތް ދުވަސްވަރެކެވެ. ފުޓްބޯޅައިގެ މައިދާނުގައި މަޝްހޫރު ނަންތަށް ކަމުގައިވާ ޕައުލޫރޮސީ އަދި ޖަޑާގެ ނަމުން މަޙުދީއަށްވެސް މުޚާތަބް ކުރެވިގެން ދިޔައީ އޭނާ ފުޓްބޯޅާގައި ދެއްކި މޮޅު ހުނަރުގެ ސަބަބުންނެވެ. އެއީ ވަރަށް އުފާވެރި ހަނދާންތަކެއްގެ ގޮތުގައި މަހުދީ ފާހަގަ ކުރައްވައެވެ. ސްކޫލްދުވަސްވަރުގެ އެންމެ އުފާވެރި ހަނދާނެއްގެ ގޮތުގައި ފާހަގަކުރެއްވީ މަޙުދީ ޓީމުގައި ހުރެގެން އެމް އީ އެސްއަށް ފޫޓުބޯޅައިގެ ތަށި ލިބުނު ދުވަސްކަމުގައެވެ. އެކަމުގެ ސަބަބުން މަސް ދެމަސް ވަންދެން އެކި ގޭގެއިން ޕާޓީ ލިބެމުންދިޔަކަން ފާހަގަކުރެއްވިއެވެ. އެއީ އެކުވެރި ކަމާއި އިޖުތިމާޢީ ގުޅުންބޮޑު ދުވަސްވަރެއްކަންފާހަގަ ކުރެއްވިއެވެ. އެދުވަސްވަރު ސްކޫލުތަކުން ވާދަވެރި ރޫޙެއްގައި ކުދިންނަށް މުހިންމު އަދި ފައިދާ ހުރި މަސައްކަތްތަކެއް ކިޔެވުމުގައިވެސް ކުޅިވަރުގައި ވެސް ކުރެއްވި ދުވަސްވަރެއްކަން މަޙުދީ ފާހަގަ ކުރެއްވިއެވެ. އޭގެ ފައިދާ އަކީ ގަދަ އަޅާ މަސައްކަތް ކުރުން ކަމުގައި ވިދާޅުވިއެވެ، އެތަށް ކުދިންތަކެއްގެ ތަރެއިން ފުޓްބޯޅާ ޓީމަށް އެރުމަށްޓަކައި ގަދަ އަޅާ މަސައްކަތް ކުރަންޖެހޭކަމުގައި ވިދާޅުވިއެވެ. ކޯޗް ލިރުޣާމް ސަޢީދު ( ލަރޭ ) ގެ ކޯޗު ކަމުގެ ދަށުން ކުދިންނަށް އެންމެ ފުރިހަމަ ތަމްރީނުތަށް އޭނާގެ ޓީމަށްލިބިގެން ދިޔަކަން އުފަލާއި އެކު ފާހަގަ ކުރެއްވިއެވެ. އޭރު އެންމެ ހަކަތަ ލިބޭ ބުއިމަކަށް ލިބެނީ ބަތްޕެންކަން ފާހަގަ ކުރެއްވިއެވެ. މެޗުކުޅޭ ދުވަސްވަރު މޮޅުވުމަށް ކުރާ އިތުރު ކަންތައްތަށް ޙިއްސާ ކުރެއްވިއެވެ. އެގޮތުން ބަރާބަރަށްގަޑިޔަށް ފަރިތަކުރުންތަކަށް ހާޒިރުވުމާއި މާލެ ވަށާ ބުރުޖެހުމާއި ޖިސްމާނީ ގޮތުން ބުންވަރު ވަރަށް ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާކަން ފާހަގަ ކުރެއްވިއެވެ. އޭރު ސްކޫލުތަކުން ކޮލިޓީ ޓީމްތަށް ތައްޔާރު ކުރައްވާކަން ފާހަގަކުރެއްވިއެވެ. އެއީ މީހާ ވަރަށް ޑިސިޕްލިން ވެގެން ދިޔަކަމެއްކަމަށް ވިދާޅުވިއެވެ. ކެއުމާއި ނިދުންފަދަ ކަންކަން ވަކި ހަމައެއްގެ މަތިން ގެންގުޅެންޖެހުނެވެ. ޓީމްވާރކް ވަރުގަދަ ކުރުމަށްޓަކައި ދަތުރުދިޔުމާއި އެކަކު އަނެކަކަށް ވަރަށްބޮޑަށް އިޙުރިރާމް ކުރަންދަސްކޮއްދެވުނެވެ. ސްކޫލްގެ ކިޔެވުމުގެ ތެރެއިން ކެރޭކަން އަންގާލުމަށް ލާނެއްކަންކަން ކުރެވިގެން ކުދި އަދަބު ލިބުނުނަމަވެސް އޭރުގެ ސްކޫލްތަކަކީ ގަނާ ކުރުންފަދަ ކަންކަމާއި ދުރު މަޖާ އުފާވެރި ތަނެއްކަމުގައި ވިދާޅުވިއެވެ. މަޙުދީ ސްކޫލްނިމުނު އިރު ބޭނުންވީ ފުޓްބޯޅަ ކުޅުމުގެ ރޮނގުން ކުރިޔަށް ދިޔުމަށެވެ. އެދުވަސްވަރު ދިމާވީ 3 ނޮވެންބަރު 1988 ޢުދުވާނީ ޙަމަލާގެ ސަބަބުން ސްކޫލްނިމޭދަރިވަރުން ސިފައިންގެއަށް ވައްދަމުންދިޔައެވެ.އެކަމުން ސަލާމްތްވާން ބޭނުންވާތީ ރަށްޓެހިންގެ މަޝްވަރާގެ މަތިން ހޮޓެލްސްކޫލަށް ވެންނެވީ ކަމުގައި ވިދާޅުވިއެވެ. އެތަނުން ޖެނެރަލް ހޮޓެލްސާރވިސްކޯހުން ދެވަނަ އަދި ބެސްޓު ސްޑޫޑަންޓު އެޓް ފުޑް ތިއަރީ އަކަށް ހޮވިވަޑައިގެންނެވިކަން ފާހަގަ ކުރެއްވިއެވެ. އެންމެފުރަތަމަ ވަޒީފާއަކަށް ގުޅުވަޑައިގެންނެވީ ބަތަލާ ރިސޯޓުގެ ކިޗަންހެލްޕަރެއްގެ މަޤާމަށެވެ. އެއީ ޝެފަކަށްވާން ބޭނުންވާތީ އާއި އޭގެ ސަބަބުން ސްކޮލަޝިޕް ލިބުން ފަސޭހަވާނެތީ އެވެ. އެއީ ފިރިހެން ކުދިން އެދުވަސްވަރު ކުރިޔަށް ދާންބޭނުން ނުވާ ދާއިރާއެއްކަން ފާހަގަ ކުރެއްވިއެވެ. ނިކަ ހޮޓްލްގައި ވެސް މަސައްކަތް ކުރެއްވިކަން ފާހަގަ ކުރައްވައި ވިދާޅުވީ ރިސޯޓުގެ އިދާރީ މަސައްކަތްތަށް ދަސްކުރުމަކީ ކުރިޔަށް ދިޔުމަށް ކޮންމެހެން ބޭނުންވާ ކަމެއްކަން ވިސްނުނުކަމަށެވެ. ސްކޮލަޝިޕް ލިބޭގޮތް ނުވުމުން ރިސޯޓުގެ ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރައްވާ އޯވަރ އޯލް ތަޖުރިބާ ހޯއްދެވިއެވެ. މިކަންކަމުގެ ތެރެއިން ދޭއްބައި އަހަރެއްހާ ދުވަހުގެ ތެރޭގައި ބަތަލާ ރިސޯޓުގެ އެސިސްޓެންޓުމެނޭޖަރަކަށް ވެވުނުކަން ފާހަގަ ކުރެއްވިއެވެ. އޭރު ޅަ އުމުރުގައި މާ ބޮޑު ތަޖުރިބާއެއްނެތި އެފަދަ މަޤާމަކަށް އާދެވުމަކީ ލިބުނު ކުރިއެރުމެއްގެ ގޮތުގައި ދެކެވަޑައިގެންނެވިއެވެ. މަޙުދީ ހާއްމަ ކުރެއްވިގޮތުގައި އޭރު މުވަށްޒަފުންނާއި ގުޅޭ މާ ބޮޑު ޤާނޫނަކާއި ޤަވާއިދެއް ހެދިފައި ނެތެވެ. އެހެންނަމަވެސް ވަޒީފާގައި އެންމެ ހިތްހަމަ ޖެހެނީ ތަފާތު ކުޅިވަރުތަށް ކުޅުމުގެ މިނިވަންކަން ލިބިފައި އޮތުމާއި ކުޅުމުގެ ކަންކަންފަހިވެފައި އޮތުމެވެ. މެނޭޖުމެންޓުން ކުޅިވަރުގެ ކަންކަމަށް ދެއްވާ އެއްބާރުލުންވެގެންދިޔައީ މަސައްކަތުގެ ޝަޢުޤުވެރިކަން އިތުރުވިކަމަކަށެވެ. ބާރާބަރަށް މުސާރަ ނުލިބުނުކަމުގައި ވިޔަސް އޭރު މާބޮޑުކަންބޮޑުވުމެއް ނޯވެއެވެ. އެހެންކަމުން އެއީ ހިތްހަމަޖެހިގެން މަސައްކަތް ކުރެވުނު އުފާވެރި ދުވަސްތަކެއްކަމުގައި ވިދާޅުވިއެވެ. ކުޅިވަރަކީ މުޅި ޢުމުރަށްވެސް ބޭނުންހިފޭފަދަ ވަރަށް ގިނަ ފިލާވަޅުތަށް ދަސްކޮއްދިން އުފާވެރި ތަޖުރިބާއެކެވެ. ރިސޯޓުގެ މަސައްކަތުގެ ތާވަލް ޙިއްސާކުރައްވަމުން ވިދާޅުވީ ހެނދުނުގެ ސަޔާއި މެންދުރުކެއުމުގެ ކަންކަންނިމެނީ މެންދުފަހު 2:00 ގައި ކަމަށެވެ. ހަވީރު 4:00 ގައި ކުޅެން ދަނޑަށް ދާކަމުގައި ވިދާޅުވިއެވެ. ކުޅެނިމިގެން ހަވީރު 5:30 ހުން ރޭގަނޑު 9:30 ހަށް އުޅުއްވީ މަސައްކަތުގައެވެ.ސްޓާފުންނާއި އެކު ރޭގަނޑުގެ ކެއުންނިއްމާލުމަށްފަހު 11:00 ގައި ބޮޑުބެރުޖެހުން އޮންނަކަން ފާހަގަކުރެއްވިއެވެ. އޭރު އެއީ ގޮންޖެހުންތަކާއި އެކު ބުރަކޮން މަސައްކަތް ކުރެއްވި ދުވަސްވަރެކެވެ. އެހެނަމަވެސް މަޖަލާއި ހިތްހަމަޖެހުމާއި އުފާވެރި ދުވަސްވަރެކެވެ. މުވައްޒަފުންނާއި ގުޅުންހުރި މައްސަލަތަށް ޙައްލުކުރުމުގައި ކުޅިވަރުގެ ތެރެއިން އުފެދިފައިވާ އެކުވެރިކަމާއި ގާތްކަމުގެ ސަބަބުން އެކަންކަން ޙައްލުކުރަން ފަސޭހަވެގެންދިޔަކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން މެނޭޖްމެންޓު ބަދަލުވެ މުވައްޒަފުންނާއި އެކު ވަޒީފާގެ އެއްބަސްވުން ހެދިގެން މުވައްޒަފުން ސޮއިކުރަން ދެކޮޅުހެދިވަގުތު އެކަން ޙައްލުކުރެވުނުކަން ފާހަގަ ކުރެއްވިއެވެ. އަދި ރސޯޓުގެ ޢުމްރާނީ މަސައްކަތްތަކުގައިވެސް މުވައްޒަފުންގެ އެހީތެރިކަން ހޯދިފައިވާކަމުގައި ވިދާޅުވިއެވެ. ދިވެހިންނަކީ އެދުވަސްވަރުވެސް ބުރަމަސައްކަތާއި ޒިންމާދާރުކަމާއިއެކު ވަޒީފާއަދާކުރެއްވިބައެއްކަން ފާހަގަ ކުރެއްވި އެވެ. ބޮޑު މުސާރައަކީ އޭރު މާ ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއްނޫންކަމަށާއި މަސައްކަތުގެ ޝަޢުޤުވެރިކަން ބިނާވެފައި އޮތީ ލިބިފައިވާ މިނިވަންކަމާއި ބޭއްވޭ ތަފާތު ޙަރަކާތްތަކާއި މުވައްޒަފުންގެ އެކުވެރި ބަދަހި ގުޅުމުގެ މައްޗަށްކަން ފާހަގަ ކުރެއްވިއެވެ. ކެނޑިގެންދާ މުވަށްޒަފުން ވަރަށް މަދުކަމާއި ގެސްޓުންވެސް ތަކުރާރުކޮން އެ ރިސޯޓަށް ޒިޔާރަތްކުރާރޭޓް 60 ޕަސެންޓުގައި އުޅޭކަން ފާހަގަ ކުރެއްވިއެވެ.އެއީ ދެވޭ ޚިދުމަތް ރަނގަޅުވުމުގެ ސަބަބެއްކަންފަހަގަ ކުރެވެއެވެ. މަޙުދީ ހާއްމަކުރެއްވި ގޮތުގައި އޮޕަރޭޝަންމެނޭޖަރެއްގެ މަޤާމުގައި ކުރެއްވިމަސައްކަތްތަކުގެ އިތުރު ހަރުފަތްތަކަށް ވާސިލްވެވުނެވެ. އެގޮތުން މަސައްކަތުގެ ރޮނގުންނާއި ތަޢުލީމީރޮނގުން ކާމިޔާބީތަކެއް ހޯއްދެވިއެވެ. ޑިގްރީ އާއި ހޮސްޕިޓަލްމެނޭޖްމެންޓުގެ ދާއިރާއިން މާސްޓަޑިގްރީ ހާޞިލްކުރެއްވިއެވެ. ހޮސްޕިޓާލިޓީގެ ދާއިރާކުރިއަރާނެ ގިނަ ރޮނގުތަކުން ތަފާތުގިނަ މަސައްކަތްތަކެއް ކުރެވި ކާމިޔާބުތަކެއް ޙާޞިލްކުރެވުނުކަން އުފަލާއި އެކު ފާހަގަ ކުރެއްވިއެވެ. މިހުރިހާ ކަމެއްގައި އެންމެގާތުން ހިތްވަރުދެއްވި އަނބިކަނބަލުންނަށް ޝުކުރުވެރި ވެއެވެ. މަޙުދީ އަކި "މަންމަގެ އުނގުންފެށިގެން ކައްވަޅަށް ދަންދެން ޢިލްމު އުނގެނޭށޭ " ބުނާ ބުނުމަށް ޢަަމަލުކަރައްވާ ބޭފުޅެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ނަފްސު ކުރިއެރުމަށް ޢިލްމު ހޯދުން ހުއްޓާނުލައްވާކަން ފާހަގަ ކުރެއްވިއެވެ. އެންމެ ފަހުން އިންޓަނޭޝަނަލް ކޯޗިން ފެޑަރޭޝަން (އައިސީ އެފް ) ސެރޓިފައިޑް ކޯޗަކަށް ވެވާޑައިގެންނެވި ކަމަށާއި އަދި މަޕްސާ ސަމިޓް 2024 ވަނަ އަހަރު ސްޕީކައެއްގެ ގޮތުން ބައިވެރިވެވަޑައިގެން ސްޕީޗްދެއްވާފައި ވެއެވެ. މިސަމިޓުގެ ތެރޭގައި " މަހުދީ " މެތަޑް ހުށައަޅުއްވައި ދެއްވައި މަހުދީ ކުރިއަރަން ގެންގުޅުއްވި އުކުޅުތަށް ޙިއްސާ ކުރެއްވިއެވެ. އެގޮތުން 4 ކަމެއް ފާހަގަ ކުރެއްވި އެވެ. އެއީ ޢިލްމު ހޯދައި އުގެނުމުގައި ދެމިހުރުން، ގިނަ ހުނަރު ދަސްކުރުން، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުން، ދީނީ ކަންކަމުގައި ދެމިހުރުން ހިމެނެއެވެ. މިކާމިޔާބީގައި މަޕްސާގެ ހިންގާ ކޮމިޓީ އާއި މަޝްހޫރު މޯޓިވޭޝަނަލް ސްޕީކަރ ޢަފީފްގެ ނަން ފާހަގަ ކުރެއްވިއެވެ. އަދި ކޯހުގެ ބައިވެރިންނާއި މަޕްސާގެ ރަޢީސް އިޔާޒް ގެނަން ފާހަގަ ކުރެއްވިއެވެ. އެބޭފުޅުންގެ އެހީތެރިކަމާއި މަޙުދީގެ ގަދަހިތްވަރުން ކުރި މަސައްކަތްތުން ހީކުރި ވަރަށް ވުރެ އަވަހަށް ބަދަލު ފެނިގެންދިޔަކަން ޝުކުރުވެރިކަމާއިއެކު ފާހަގަކުރެއްވިއެވެ. މިޒަމާނުގެ ޒުވާނުންނަށް މަޙުދީ ދެއްވާ ނަސޭޙަތަކީ މަސައްކަތުގެ ނަތީޖާ އެހެންކަމަކުން ނުހޯދޭނެކަމެވެ. ގަދަ އަޅާ މަސައްކަތް ނުކުރެވި ކުރިއެރުމެއް ނުހޯދޭނެއެވެ. ޙަޔާތުގެ ލަނޑު ދަނޑިއެއް އޮންނަންވާނެ ކަމަށެވެ. އެލަނޑު ދަނޑި ޙާސިލްކުރުމުން މަގު ކަސިޔާރު ވެގެން ނުވާނެއެވެ. ލަނޑު ދަނޑި ހާޞިލް ކުރުމަށް ހުރަސް އެޅޭ ހުރިހާ ކަމަކުން އެއްފަރާތް ވާން ޖެހޭނެކަމަށެވެ. ލިބޭ ފުރުޞަތުތަކުގެ ބޭނުން ލިބޭ ވަގުތު ހިފާށެވެ. ފުރުޞަތުތަކަށް ބަލާ ހޯދައި ލިބިގަންނާށެވެ. ހުރިހާ ކަމެއް ހަމަ އެކަނި ފައިސާއަށް ބަރޯސާ ނުވާށެވެ. ފައިސާ އަކީ ނަފްސު ކުރިއެރުވުމަށާއި ކާމިޔާބީ ހޯދުމަށް އިންވެސްޓުކުރަން ބޭނުންކުރާ ވަޞީލަތަކަށް ހަދާށެވެ. އެއިރުން ފައިސާ ތިމާގެ ފަހަތުން އަންނާނެއެވެ. މަޙުދީ ޙިއްސާކުރެއްވި ވާހަކަތަކީ މިއަދުގެ ޒުވާނުންނަށް ވަރަށް ޢިބުރަތްތެރި އަގު ހުރި ވާހަކަތަކެވެ. ދަތި އުނދަގޫ ޙާލަތުންވެސް ހިތްވަރާއި އެކު ބުރަމަސައްކަތުން ކާމިޔާބީ ޙާޟިލްކުރެވޭނެކަން އެނގި ހާމަވެގެންދިޔައެވެ. ހެޕިނެސްކްލަބުގެ ފަރާތުން އެދެނީ މަޙުދީއަށް ކާމިޔާބާއި އުފާވެރިކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ