މުޅިން އާ ބިމުގެ ބިލަކާއި ބޯހިޔާކަމާ ގުޅޭ ބިލަކާއި ރިއަލް އެސްޓޭޓާ ގުޅޭ ބިލެއް މި އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި އެ ހުރިހާ ބިލެއް ވެސް ހުށަހަޅައި ފާސް ކުރައްވާނެ ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކާ މުޅިން އަލަށް އެކުލަވާލެވޭ ބިމުގެ ބިލަކާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު އަދި ބޯހިޔާވަހިކަމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށްވާނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން، ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބައެއް އިސްލާހުތަކުގެ ވާހަކަ ވެސް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓު ނެގުމާ ގުޅޭ އުސޫލު ތަފުސީލު ކުރުމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމާއި ރިޔާސީ އަދި މަޖިލިސް އިންތިހާބު އެއް ވަގުތެއްގައި ބޭއްވުމަށް ގެންނަންޖެހޭ އިސްލާހު ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ގާނޫނުއަސާސީއަށް ގެނައުމަށް ގަސްދުކުރާ މުހިންމު ބައެއް އިސްލާހުތަކަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާ ގޮތަށް ބަދަލުކުރުމާއި ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހުގެ ގެނައުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުން،" ރައީސް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާ ފަށައި ރައީސް މުއިއްޒުގެ ވާހަކަ ފެށުމާއެކު އެމްޑީޕީގެ މެންބަރުން ވަނީ އެކި ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތަކާއެކު އިހުތިޖާޖު ކުރި އެވެ. މެންބަރުން ދިޔައީ މާލަމުގައި ވާހަކަ ދައްކައި، އަނގަބަހުން ޝުއޫރުތައް ފާޅު ކުރަމުންނެވެ.
އެއާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މެންބަރުންގެ ނަން އިއްވައި މަޖިލިސް ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް އަމުރު ކުރައްވައިފަ އެވެ. އެމްޑީޕީ ތަމުސީލު ކުރާ 12 މެންބަރުންގެ ތެރެއިން ގިނަ މެންބަރުންގެ ނަން އިއްވި އެވެ.
ނަން އިއްވި ފަހުން ވެސް މެންބަރުން ގެންދިޔައީ ތަޅުމުގައި އިހުތިޖާޖު ކުރަމުންނެވެ. ދެން އަބްދުއްރަހީމް، ރައީސް މުއިއްޒަށް އިޝާރާތް ކުރެއްވީ ވާހަކަ މެދުކަނޑާލުމަށެވެ. އަދި ޖަލްސާ ވެސް މެދުކަނޑާލިކަން އިއުލާނު ކުރައްވައި ވިދާޅުވީ އަލުން ފަށާނީ ނަން އިއްވި މެންބަރުން މާލަމް ދޫކުރައްވައި ވަޑައިގަތުމުން ކަމަށެވެ.
ޖަލްސާ މެދުކަނޑާލި ފަހުން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ގާޑުން ވަނީ ބައެއް މެންބަރުން ގަދަކަމުން ތަޅުމުން ބޭރަށް ނެރެފަ އެވެ. ގަދަކަމުން ނެރުނު މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިމް އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ހިމެނެ އެވެ.
ޖަލްސާ އަލުން ފެށީ މެންބަރުން ތަޅުމުން ބޭރު ކުރުމަށްފަހެވެ.
ބިމުގެ ބަލަކާއި ބޯހިޔާވަހިކަމާ ގުޅޭ ބިލަކާއި ރިއަލް އެސްޓޭޓް ބިލެއް މި އަހަރު މަޖިލީހަށް ހުށަހަޅަނީ ބިމުގެ ބަލަކާއި ބޯހިޔާވަހިކަމާ ގުޅޭ ބިލަކާއި ރިއަލް އެސްޓޭޓް ބިލެއް މި އަހަރު މަޖިލީހަށް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ