ކުށެއްނެތި ތިބާ އެއްލައިލާ ބައިވެރިއަކަށް އާދޭސް ނުކުރާށެވެ! ފިރިމީހާ ނުބައިވުމުންވެސް އޭނާއަށް އާދޭސްނުކޮށް ހަމައެކަނި ﷲ އަށް ދުޢާކުރި އަންހެނަކަށް މާބޮޑު ރަހްމަތެއް ލިބުނު ގޮތުގެ ވާހަކަ-

މިރޭ ދައްކަމުން މިގެންދާ ވާހަކައިގެ ތެރެއިން ދެން މިބަލައިލަނީ ތިބާގެ ކުށެއް ނެތި ތިބާ ވަރިކޮށް ނިކަމެތިކޮށްލާ މައްސަލައަށެވެ. ތިބާގެ ކުށެއް ނެތި ތިބާ ވަރިކޮށް އެއްލައިލި ފިރިއަކަށް އާދޭސްނުކުރާށެވެ! އާދޭސް ޤަބޫލުކޮށްފައި ދެންދޭ އަނިޔާ މާބޮޑުވާނެތީއެވެ.  
އެހެނެއް ނޫނެވެ. އޭނާއަށް ކުރެވުނީ ކުށެއްކަން އޭނާއަށް ވިސްނިގެން އެނބުރި އައުމަކީ މުޅިންތަފާތު ކަމެކެވެ. އެޙާލަތުގައި އޭނާއަށް މާފުކުރާށެވެ! ރަނގަޅަށް ވިސްނުމަށްފަހު އަލުން ގުޅުމަކީ ފައިދާކޮށްފާނެކަމެއް ކަމަށް ވިސްނިއްޖެނަމަ އަލުން ގުޅުމަކީ ކުރަން ރަނގަޅު ކަމެކެވެ. ސަބަބަކީ އޭނާ އެނބުރިއައީ ހިތުގެ އަޑިން ކުށް ޤަބޫލުކޮށްގެންނަމަ ދެން އޭނާ އެފަދަ ކުށެއް ނުކުރާނެއެވެ. ނަތީޖާއަކަށްވާނީ ދިރިއުޅުމުގައި ލިބޭ އުފާވެރިކަން އިތުރުވުމެވެ. 
އަހުރެން އަބަދުވެސް ބުނާ އެއްވާހަކަ މިއަދުވެސް ހަނދާންކޮށްދޭނަމެވެ. އަހުރެމެން ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ އަޅެކެވެ. އަޅުން އާދޭސްކުރާނީ ޞާޙިބްމީހާއަށެވެ. ވީމާ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އަހުރެމެން އާދޭސްކުރަން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ.  
މިކަމުގެ ހެއްކަކަށް ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކަ ކިޔައިދޭނަމެވެ. އެއީ އަހުރެންގެ އެކުވެރި އަންހެނެކެވެ. ނަމަކީ ޙައްވާ އެވެ. އޭނާގެ ފިރިމީހާ އޭނާދެކެ ފޫހިވެ ވަރިކުރަން ތައްޔާރުވާކަން އެނގުމުންވެސް ފިރިމީހާ ގާތުގައި ބަހެއްވެސް ނުބުނެވެ. އޭނާއަކީ ނިކަމެތި ފަޤީރަކަށްވީހިނދުގައިވެސްމެއެވެ. 2 ދަރިންނާއިއެކު މަގުމަތިކޮށްލައިފިނަމަ ދިރިއުޅެވޭނެ ގޮތެއް ނެތްއިރުވެސްމެއެވެ. އޭނާ ދުޢާކުރަމުން ގެންދިއައީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ.   
ނަތީޖާ އެނގޭހެއްޔެވެ؟ ވަރިކޮށްލައި 2 ދަރިންނާއިއެކު ގެއިން ބޭރުކޮށްލުމުން އެނބުރި އޭނާގެ އަވަށަށްދާން ބަސް ސްޓޭޝަންގައި އިންދައި ބައްދަލުވި މީހަކު އޭނާއާއި ދެ ދަރިން ގެންގޮސް ބެލެހެއްޓީ މާތަނަވަހުގައެވެ. މާއުފަލުގައެވެ. ޢިއްދަހަމަވުމުން އެހައިމެ ރަނގަޅު ފިރިއަކުވެސް ލިބުނެވެ. ޢިބްރަތް ޙާޞިލްކުރަންވީ މިފަދަ ޙާދިސާތަކުންނެވެ.  
ވިސްނާށެވެ! އެތަނަވަސް މީހާއަށް އެވަޤުތު އެތަނަށް އެދެވުނު ސަބަބަށެވެ. ބަސް ސްތޭޝަނުން އޭނާ ފާހަގަކުރެވި އޭނާއާއި ވާހަކަ ދެކެވުނު ސަބަބަށެވެ. އޭނާގެ ހިތުގައި 3 މައިންނަށް ހަމްދަރުދީ އުފެދި އެހީތެރިވެދޭހިތްވި ސަބަބަށެވެ. މިހުރީ ހަމަ އިއްތިފާޤް ހެއްޔެވެ؟ އާނއެކެވެ! އިއްތިފާޤެވެ! އެކަމަކު ﷲ ތަޢާލާ ރަހްމަތެއްގެ ގޮތުން މިންވަރުކުރެއްވެވި އިއްތިފާޤެވެ. ރަޙަމަތަކަށް ވެގެން އެދިއައީ އެހެންވެގެންނެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ