ދުނިޔޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައިވާ، ލެޖެންޑަރީ ފުޓްސަލް ތަރި، ޕޯޗުގަލްގެ ރިކާޑީނިއޯ ކުރިއަށް އޮތް ކްލަބް މޯލްޑިވްސް ކަޕް 2025 ގައި ކްލަބް އެޗްޑީސީ އަށް ކުޅެން އެ ޓީމާ ގުޅިއްޖެ އެވެ.
މިއީ، 2005 ވަނަ އަހަރު ފެށި ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތް ކްލަބް މޯލްޑިވްސް ކަޕްގެ ތާރީހުގައި ވެސް މި ލެވަލްގެ ކުޅުންތެރިއަކު ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ފާއިތުވި އަހަރުތަކުގައި، ދުނިޔޭގެ ފުޓްސަލްގައި ނަން މަޝްހޫރު އިރާންގެ ކުޅުންތެރިން ވަނީ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅެފަ އެވެ.
އެކަމަކު، އެޗްޑީސީން މި ވަނީ ފީފާ ފުޓްސަލް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން، 2021 ވަަނަ އަހަރު ޕޯޗުގަލް އަށް ހޯދައިދިނުމުގައި އިސް ރޯލެއް އަދާކުރި ޓީމުގެ ލީޑަރު، ރިކާޑީނިއޯގެ ސޮއި ހޯދައިފަ އެވެ. މިއީ، މިހާތަނަށް ކްލަބް މޯލްޑިވްސްގެ ތާރީހުގައި ވެސް ޓީމަކުން ކުޅުންތެރިއަކަށް ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ.
އުމުރުން 39 އަހަރުގެ ރިކާޑީނިއޯ، އެޗްޑީސީއާ ގުޅިފައިވާއިރު، އޭނާގެ ކެރިއަރުގެ ކާމިޔާބީތައް ވަރަށް ގިނަ އެވެ. އެ ގޮތުން، ހާއްސަ ކާމިޔާބީތަކަށް ބަލާއިރު، 2018 ވަނަ އަހަރު ޔުއެފާ ފުޓްސަލްގެ ޔޫރޯ ތަށި ހޯދައިފައިވެ އެވެ. އަދި، ޔޫރަޕްގެ އެކި ގައުމުތަކުގެ އެންމެ ޓޮޕް ލެވަލްގެ ފުޓްސަލް މުބާރާތްތައް ކާމިޔާބުކޮށްފައިވާ ރިކާޑީނިއޯގެ އިންޑިވިޖުއަލް ކާމިޔާބީތައް ވެސް ގިނަ އެވެ. އެ ގޮތުން، އޭނާ ވަނީ، ޔުއެފާ ފުޓްސަލް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރާއި ދުނިޔޭގެ ފުޓްސަލް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެއް ފަހަރު ހޯދައިފަ އެވެ. އަދި، ދެ ފަހަރެއްގެ މަތިން ޔުއެފާ ފުޓްސަލް މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައިވެ އެވެ.
ޕޯޗުގީސް ތާރީހުގައި އެ ގައުމަށް ރަން ވަނަ ހޯދައިދޭ ފަރާތްތަކަށް ދޭ ޝަރަފްވެރިކަމުގެ ދެ އެވޯޑެއް ވެސް ރިކާޑީނިއޯ އަށް ވަނީ ލިބިފަ އެވެ.
އެޗްޑީސީ ވާދަކުރާ ކްލަބް މޯލްޑިވްސް ކަޕް، މިހާރު އޮތްގޮތުން ފަށާނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ. ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުގެ ގުރުއަތުލުން މިރޭ ކުރިއަށްދާނެ އެވެ.
ލެޖެންޑަރީ ފުޓްސަލް ތަރި ރިކާޑީނިއޯ އެޗްޑީސީ އަށް ލެޖެންޑަރީ ފުޓްސަލް ތަރި ރިކާޑީނިއޯ އެޗްޑީސީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ