ކާޑެއްދޫ އެއާޕޯޓު ދޫކޮށްލަން ވިލާއިން އެއްބަސްވެއްޖެ، ބަދަލުގެ ގޮތުގައި ސަރުކާރުން 18 މިލިއަން ޑޮލަރު ދެނީ 18 މަހުން ކާޑެއްދޫ އެއާޕޯޓު ދޫކޮށްލަން ވިލާއިން އެއްބަސްވެއްޖެ، ބަދަލުގެ ގޮތުގައި ސަރުކާރުން 18 މިލިއަން ޑޮލަރު ދެނީ 18 މަހުން

ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ގދ. ކާޑެއްދޫ އެއާޕޯޓު އަނބުރާ ސަރުކާރަށް ހޯދުމަށްޓަކައި، ވިލާއިން ހުށަހެޅި އަގު ދަށްކޮށް، 18 މިލިއަން ޑޮލަރު (277.5 މިލިއަން ރުފިޔާ)ގެ ބަދަލެއް ދޭން ސަރުކާރުން ހުށަހަޅައިފި އެވެ.
މި މައްސަލަ އިކޮނޮމިކް ކައުންސިލުން މި މަހު 14 ގައި ނިންމުމަށް ފަހު އޮގަސްޓު 19 ގައި ފޮނުވާފައިވާ ސިޓީ ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް ރޭ ވަނީ އޭނާގެ އެކްސް އެކައުންޓުން އާންމު ކުރައްވައިފަ އެވެ.
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓު އޮން ކޯޕަރޭޓު ޑިވެލޮޕްމެންޓު މުހައްމަދު ޝާހިދު ސޮއި ކުރައްވައި ފޮނުއްވި ސިޓީގައި ކާޑެއްދޫ އެއާޕޯޓުގެ ބަދަލު ދޭން ނިންމާފައިވާ ގޮތްތަކުގެ ތަފުސީލް ހިމަނާފައިވެ އެވެ.
އެއާޕޯޓުގެ ބަދަލެއްގެ ގޮތުގައި 21 މިލިއަން ޑޮލަރު ހޯދަން ވިލާއިން އެދިފައި ވިޔަސް، އިކޮނިމޮކް ކައުންސިލުން ނިންމީ 18 މިލިއަން ޑޮލަރަށެވެ. އެ ފައިސާ އެއް ފަހަރާ ދިނުމުގެ ބަދަލުގައި ނިންމީ ބަހާލައިގެން ދިނުމަށެވެ. ނުވަތަ ޓެކްސްއިން އުނިކުރުމަށެވެ.
މި ޝަރުތުތަކަށް ވިލާއިން އެއްބަސްވާނަމަ ކާޑެއްދޫ އެއާޕޯޓުގެ އެއްބަސްވުން ބާތިލްކޮށް، ބަދަލު ހޯދަން ގަބޫލުކުރާ ގޮތެއްގެ މައްޗަށް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ނިންމައިފަ އެވެ.
ސަރުކާރުގެ ހުށަހެޅުން ވިލާއިން ވަނީ ގަބޫލުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ގާސިމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ހުށަހެޅި ގޮތަށް 18 މިލިއަން ޑޮލަރުގެ ބަދަލަކަށް އެއާޕޯޓު ދޫކޮށްލަން ނިންމީ "އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމާ އެކީ ފައިދާގެ ބޮޑު ކަން ވެސް އެނގި ތިބެ" ކަމަށެވެ.
"ކާޑެއްދޫ އެއާޕޯޓު އަމިއްލަ ފަރާތަކަށް ދޫކޮށްލުމަށް ކުރި އިއުލާނުއާ ގުޅިގެން ވިލާއިން ހުށަހެޅި ޕްރޮޕޯސަލް އަށް އެތަން ދޫކޮށްލީ ސަރުކާރަށް ގެއްލުންވާލެއް ބޮޑުކަމުންނެވެ. އެއީ ފަޅުރަށް ދޫކުރާ އުސޫލެއް ނޫންތާ ދޯ. އަޅުގަނޑުމެންނަށް ވެސް އެތަން ހިންގައިގެން ލިބެމުން އައި ބޮޑު ގެއްލުމާއި އަދި އެތަނަށް ވިލާއިން ކުރި ބޮޑު އިންވެސްޓުމެންޓަށް ބެލުމަށް ފަހު ބަދަލުގެ ގޮތުގައި ސަރުކާރުން ދެއްވަން ނިންމެވީ 18 މިލިއަން ޑޮލަރު. އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމާ އެކީ ފައިދާގެ ބޮޑު ކަން ވެސް އެނގި ތިބެ ސަރުކާރަށް ދޫކޮށްލީ،" ގާސިމް ވިދާޅުވި އެވެ.
އެ އެއާޕޯޓުގެ އަގަކީ 18.5 މިލިއަން ޑޮލަރު ކަމަށް ބައިނަލްއަގުވާމީ އޮޑިޓް ފާމެއް ކަމުގައި، އާންސްޓް އެންޑް ޔަންގުން ތައްޔާރުކޮށްފައިވާ ރިޕޯޓުން އެނގޭ ކަމަށް ރައީސް އޮފީހުގެ ސިޓީގައިވެ އެވެ.
ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރުމަށް 100 މިލިއަން ޑޮލަރު ހިނގާނެ ކަމަށް އާންސްޓް އެންޑު ޔަންގް ރިޕޯޓުގައިވާ ކަމަށް ރައީސް އޮފީހުގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ވިލާ އެއާއާ ހަވާލުކުރީ 2013 ވަނަ އަހަރު އެވެ. ނަމަވެސް ގާސިމް އިބްރާހިމް އާއި އޭރުގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު ޖެހުނު ސިޔާސީ މައްސަލަތައް ޖެހިފައި ވަނިކޮށް، ސިވިލް އޭވިއޭޝަން މިންގަނޑުތަކަށް ނުފެތޭ ކަމަށް ބުނެ، 2017 ވަނަ އަހަރު އެއާޕޯޓުގެ އެއްބަސްވުން ބާތިލު ކުރި އެވެ.
ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް 2018 ގައި ސިވިލް ކޯޓުން ނިންމި އެވެ. އެ ނިންމުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ތާއިދު ކުރި އެވެ.
ޔާމީންގެ ވެރިކަމުގައި ކާޑެއްދޫ އެއަޕޯޓުގެ އެއްބަސްވުން ބާތިލުކުރުމަށް ފަހު، އަލުން އެ އެއާޕޯޓު ވިލާއާ ހަވާލުކުރީ 2022 ގަ އެވެ.
މި އެއާޕޯޓު ވިލާއަށް ހަވާލުކުރީ ދެ ފަޅެއް ވެސް ޖާމިނުކޮށްފަ އެވެ. ނަމަވެސް އެތަނެއް ވިލާއިން ތަރައްގީ އެއް ނުކުރެ އެވެ. ކާޑެއްދޫ އެއާޕޯޓުގެ އެއްބަސްވުން ބާތިލުކުރުމާއެކު އެ ދެ ފަޅު ވެސް ސަރުކާރަށް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ