ރަނިލް ވިކްރަމަސިންހަ ޖަލު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ޑޮކްޓަރުންގެ ލަފާގެ މަތިން ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ޖަލު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ލަންކާގެ ޖަލުތަކުގެ ތަރުޖަމާނު ޗަންދަނާ އެކަނަޔަކަ ރޭ ވިދާޅުވެއްޖެ އެވެ.
ވިކްރަމަސިންހަ ވެލިކަޑާ ޖަލަށް އިއްޔެ ގެންދިޔައީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެން ޖަލު ބަހެއްގަ އެވެ. ރަނިލް ހޮސްޕިޓަލުގައި އެޑްމިޓްކުރީ ޖަލަށް ގެންދިއުމަށް ފަހު ހެދި މެޑިކަލް ޓެސްޓުތަކަށް ފަހު އެވެ.
ރައީސް ރަނިލް ވިކްރަމަސިންހަ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ކޯޓަށް ހާޒިރުވުމަށް ފަހު އަންނަ އަންގާރަ ދުވަހާ ހަމައަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.
ދައުލަތުގެ ފައިސާ އަމިއްލަ ބޭނުމަކަށް ބޭނުން ކުރެއްވީ ކީއްވެތޯ ރަނިލް އަރިހުން ސުވާލު ކުރެއްވި ކަމަށް އެޑިޝަނަލް ސޮލިސިޓާ ޖެނެރަލް ދިލީޕާ ޕިއޭރިސް އިއްޔެ ކޯޓުގައި ވިދާޅުވި އެވެ. އެ ސުވާލު ދެންނެވުމުން "ރައީސަކަށް ޕްރައިވެޓް ނުވަތަ ރަސްމީ ދަތުރެއްގައި ތަފާތެއް ނެތް" ކަމަށް ރަނިލް ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕިއެރިސް ވިދާޅުވީ ރަނިލް 2023 ވަނަ އަހަރު ލަންޑަނަށް ކުރެއްވި ދަތުރުފުޅަކީ "އަމިއްލަ ދަތުރެއް" ކަމަށް ބައެއް ލިއުންތަކުގައި ހުރި ކަމަށެވެ. ނަމަވެސް ފަހުން އެ ލިއުންތައް "ޒިޔާރަތެއް"ކަން އަންގައިދޭ ގޮތަށް ބަދަލު ކުރި ކަމަށެވެ.
އެ ދަތުރަށް، ސިކިއުރިޓީއާ އެކު 10 މީހަކަށް 16.6 މިލިއަން ރުފީސް ކަނޑައަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ސަލާމަތީ ކަންކަން ވެސް ހިމެނޭ ކަމަށް އޭނާ ވަނީ ކޯޓުގައި ވިދާޅުވެފަ އެވެ.
ރަނިލް ވެރިކަމާ ހަވާލުވެވަޑައިގަތީ ގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ކާރިސާއާ ގުޅިގެން، އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ފިއްލެވުމުންނެވެ. 
އެމަނިކުފާނަކީ ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް ހަމަމަގަށް އެޅުއްވި މޭސްތިރިއާ އެވެ. އެކަމަށް ޓަކައި ގިނަ ބައެއްގެ ތާއީދު އޭނާއަށް ލިބިވަޑައިގަތެވެ.
ބީބީސީ ސިންހަލާ އިން ބުނި ގޮތުގައި ރަނިލް،76،ގެ ވެރިކަމުގައި އޭނާ ވަނީ ބޭރަށް 23 ބޭރު ދަތުރެއް ކުރައްވައިފަ އެވެ. އަދި އެ ދަތުރުތަކަށް 2 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއް ވަނީ ހިނގައިފަ އެވެ.
ނިއުސް އެޖެންސީ އޭއެފްޕީން ބުނި ގޮތުގައި ރަނިލް އިނގިރޭސިވިލާތުގައި މަޑުކުރެއްވީ ކިއުބާގައި އޮތް ޖީ77 ސަމިޓަށް ފަހު އެނބުރި ވަޑައިގަތުމުގެ މަގުމަތީގައި 2023 ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ