މެދުކެނޑުމެއް ނެތި ކަރަންޓު ދިނުމަށް ކުރި މަސައްކަތް، ބުނި ވަގުތުގެ އެއް ގަޑިއިރު ކުރިން ނިންމާލައިފި
މާލެ ސަރަހައްދުގައި ދޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއް ނެތި ކަރަންޓު ދިނުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ސްޓެލްކޯއިން ހުޅުމާލޭ 50 މެގަވޮޓް އިންޖީނު ނިވާލައި ކުރި މަސައްކަތް، ތާވަލު ކުރި ވަގުތަށްވުރެ ގަޑިއިރެއް ކުރިން ނިންމާލައިފިއެވެ. ސްޓެލްކޯއިން އިއްޔެ ބުނީ، މިއަދު ހެނދުނު 6:00 އިން 10:00 އަށް ހުޅުމާލޭގެ އިންޖީނު ނިވާލައި، ކޮންމެހެން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތަކެއް ކުރާނެ ކަމަށާއި، އަމާޒަކީ ތާވަލުކޮށްފައިވާ ގަޑީގެ ކުރިން މަސައްކަތްތައް ނިންމާލުން ކަމަށެވެ. https://x.com/STELCOMALDIVES/status/1959099509524549831 އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު "އެކްސް"ގައި ލިޔުއްވާފައިވާ ގޮތުގައި، ހުޅުމާލޭގެ އިންޖީނު ނިވާލައި މިއަދު ކުރި މަސައްކަތް ނިންމާލީ ހެނދުނު 8:43 ހާއިރެވެ. "މަސައްކަތް ނިމޭނެކަމަށް ކުރިން ލަފާކުރެވިފައިވާ 10:00 ކުރިން މި މަސައްކަތް ނިންމާލައި، ހުރިހާ ކަސްޓަމަރުންނަށް އަލުން ކަރަންޓު ދެވިފައިމިވަނީ ސްޓެލްކޯގެ ޚިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ގާބިލްކަމާއި ހީވާގިކަމުން،" އޭނާ ލިޔުއްވާފައިވެއެވެ. ސްޓެލްކޯއިން ވަނީ، އެ މަސައްކަތް ކުރިއަށްދާ ވަގުތު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން، ކޮންމެ ސަރަހައްދަކުން އެންމެ ގިނަވެގެން ގާތްގަނޑަކަށް ގަޑިއިރަކަށް ކަރަންޓު ކެނޑޭނެ ކަމަށް އިއްޔެ އިއުލާންކޮށްފައެވެ. އަދި ކަރަންޓު ކެނޑޭ ވަގުތު ސްޓެލްކޯއިން ދިޔައީ ކަސްޓަމަރުންނަށް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް މިއަދު އަންގަމުންނެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެކަން ސްޓެލްކޯއިން ދިޔައީ ދުރާލާ އަންގަމުން --- ސްކްރީންޝޮޓް ސްޓެލްކޯއިން މި މަސައްކަތް ކޮށްފައި ވަނީ މުޅި ގްރޭޓާ މާލެ ސަރަހައްދުން އެއްފަހަރާ ކަރަންޓު ކެނޑުމުގެ ދެ މައްސަލައެއް ފާއިތުވި ތިން މަސް ތެރޭގައި ހިނގައިފައިވަނިކޮށެވެ. މި މަސައްކަތް މި ކުރީ، އެ ކުންފުނިން ބުނިގޮތުގައި، ކުރިއަށް އޮތް ތަނުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، އެފަދަ މައްސަލަތައް ހުއްޓުވުމުގެ ގޮތުންނެވެ. ފާހަގަކުރެވޭ ގޮތުގައި މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު މުޅި މާލެ ސަރަހައްދުން ކުއްލިއަކަށް ކަރަންޓު ކެނޑި، ޚިދުމަތް ނުލިބި ހަ ގަޑިއެއްހާއިރު އޮތެވެ. އެއަށްފަހު، މި މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑި، ޚިދުމަތް ލިބުނީ ދެ ގަޑިއިރާއި 30 މިނެޓްހާއިރު ފަހުންނެވެ. ބައެއް މީޑިއާތަކަށް ފަހުމީ އިއްޔެ ވިދާޅުވިގޮތުގައި ކަރަންޓު މައްސަލަ ހައްލުކުރުމަށްޓަކައި މި އަހަރާއި މިދިޔަ އަހަރު މާލެ ސަރަހައްދަށް 17 މެގަވޮޓްގެ ކަރަންޓު އިތުރުކޮށްފައިވާނެއެވެ. އެކަމަކު ވެރިރަށް މާލޭގައި މީހުން އާބާދުވެ، ކަރަންޓު ބޭނުންކުރާ މިންވަރު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންދާތީ، މާލެއަށް ކަރަންޓުގެ ޑިމާންޑު ބޮޑު ކަމަށާއި، އެހެންވެ ކޮންމެ ފަސް އަހަރަކުން 50 އެއްހައި މެގަވޮޓްގެ ކަރަންޓު އުފެއްދޭ މިންވަރަށް ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. https://sun.mv/210300 "މިހާރު ވެސް އަޅުގަނޑުމެން، ސަރުކާރާ ގުޅިގެން މަސައްކަތްކުރަމުން މި ގެންދަނީ ބޮޑު ޕަވާޕްލާންޓެއް މާލޭގައި އެޅޭތޯ،" ފަހުމީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، 100 މެގަވޮޓްގެ އާ ޕަވާޕްލާންޓެއް އެޅޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށާއި، ނަމަވެސް ޕަވާޕްލާންޓެއް އެޅުމަށް 100 މިލިއަން ޑޮލަރު ނޫނީ 200 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. އެކަމަކު މި ސަރުކާރު ހަވާލުވިއިރު ރާއްޖޭގެ އިގްތިސޯދީ ހާލަތު ދަށް ހާލަތެއްގައި އޮތުމުން އެކަމަށް އަދި ފައިސާ ނެތީކަމަށް ވިދާޅުވިއެވެ. ޕަވާޕްލާންޓެއް މާލޭގައި އެޅޭތޯ މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވި ނަމަވެސް ފަހުމީ ވިދާޅުވީ، ފުރަތަމަ ވިސްނުމަކަށްވީ ހުޅުމާލެއާއި މާލޭގައި ޕަވާޕްލާންޓެއް ނޭޅުން ކަމަށެވެ. އަދި އާންމުންނާ ދުރު ސަރަހައްދެއްގައި ތިލަފުށީގައި ޕަވާޕްލާންޓް އެޅުން ކަމަށެވެ. ދުރުނޫން މުސްތަގްބަލެއްގައި ކަރަންޓުގެ މައްސަލަ ހައްލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ މާލޭގައި ކަމަށްވާއިރު، ކުއްލިކުއްލިއަށް ކަރަންޓު ކެނޑުމުން އާންމު ޚިދުމަތްތައް ދީ، ހޯދައި ލިބިގަތުމުގައި ބޮޑު ތަކުލީފެއް އުފުލަން ޖެހެއެވެ. އަދި ގިނަ ރައްޔިތުންތަކެއްގެ ގޭބިސީގައި ހިފައި ގެންގުޅޭ އިލެކްޓްރިކް ސާމާނަށް ގެއްލުންވުން ފަދަ މައްސަލަތައް ދިމާވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ