ޖޮޓާގެ ހަނދާނުގައި ފަންޑް ހޯދަން ހެދި ވެބްސައިޓެއް 64،250 ޑޮލަރާ އެކު ގެއްލިއްޖެ ޖޮޓާގެ ހަނދާނުގައި ފަންޑް ހޯދަން ހެދި ވެބްސައިޓެއް 64،250 ޑޮލަރާ އެކު ގެއްލިއްޖެ

ލަންޑަން (އޮގަސްޓް 23) - މިދިޔަ މަހު ކާރު އެކްސިޑެންޓެއްގައި މަރުވި ޕޯޗުގީސް ފޯވާޑް ޑިއޯގޯ ޖޮޓާ އާއި އޭނާގެ ކޮއްކޮ، އަންޑްރޭ ސިލްވާގެ އާއިލާއާ ގުޅުން އޮތްކަމަށް ދޭހަވާ ގޮތަށް ފަންޑް ހޯދަން ހެދި ވެބްސައިޓެއް ވީނުވީއެއް ނޭނގި، 64،250 ޑޮލަރާ އެކު ގެއްލިއްޖެ އެވެ.
ޖޮޓާގެ އާއިލާ އާއި ލިވަޕޫލުން ވެސް ވަނީ މި ވެބްސައިޓް ހިންގާ ފަރާތްތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ. ކްރިޕްޓޯ ކަރަންސީ އާއި ޑޮލަރާއި ޔޫރޯ އަދި ޕައުންޑުން ވެސް އެހީ ބަލައިގަންނަ ވެބްސައިޓެއްގެ ގޮތުގައި ހިންގި މި ސައިޓުގައި ލިވަޕޫލްގެ ލޯގޯ އާއި ޔުނިސެފްގެ ލޯގޯގެ އިތުރުން، ޖޮޓާގެ ޖަނާޒާ އާއި އެެހެނިގެން ފޮޓޯތައް ވެސް ވަނީ ބޭނުންކޮށްފަ އެވެ.
ލަންޑަން އާއި ނިއު ޔޯކް އަދި ލިސްބަންގެ އެޑްރެސް ހިމަނައިގެން ހިންގި މި ވެބްސައިޓްގެ ރެޖިސްޓްރޭޝަންގެ އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން ވަނީ އެނގިގެންގޮސްފަ އެވެ. އިނގިރޭސިވިލާތުގެ ފޯނު ނަމްބަރެއް ހިމަނާފައި އޮތް މި ވެބްސައިޓްގެ އެ ނަމްބަރަށް ބުރާސްފަތި ދުވަހުގެ ފަހުން ނުއެއް ގުޅެ އެވެ. އަދި، އީމެއިލް އެޑްރެސް އިން ވެސް ޖަވާބެއް ނާދެ އެވެ.
ޖުލައި ތިން ވަނަ ދުވަހު، ސްޕެއިނުގައި ހިނގި ކާރު އެކްސިޑެންޓެއްގައި، 28 އަހަރުގެ ޖޮޓާ އާއި އޭނާގެ ކޮއްކޮ، އަންޑްރޭ ސިލްވާ، 24 ވަނީ މަރުވެފަ އެވެ. ސްޕެއިނުގެ ޒަމޯރާ ޕްރޮވިންސްގައި، ދަންވަރު، ހިނގި މި އެކްސިޑެންޓް، ހިނގަން މެދުވެރިވި ގޮތެއް ބަލާއިރު، ބާރު ސްޕީޑުގައި ދުއްވާފަައިދިޔަ އެ ލަމްބޯގިނީ ސްޕޯޓްސް، ކާރުގެ، ޓަޔަރުގައި އަލިފާން ރޯވެ، ހުޅުގަނޑު ފަޅައިގެންދިޔައީ އެވެ.
އެެމެރިކާގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ޗެލްސީ އަށް، ފައިނަލުން މޮޅުވެގެން، 40 މިލިއަން ޑޮލަރު ދިންއިރު، މުޅި ޖުމްލަ އެކު، މުބާރާތުން، 125 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދި އެވެ. ޗެލްސީން ވަނީ، ކްލަބް ވޯލްޑް ކަޕަށް ފަހު، 15.5 މިލިއަންގެ ބޯނަސް ފަންޑެއް އެކުލަވާލައިފަ އެވެ. އޭގެއިން، އެއް މިލިއަން ޑޮލަރު ޖޮޓާގެ އާއިލާ އަށް ދޭން ނިންމީ، ޖޮޓާ އަށް 500،000 ޑޮލަރު އަދި އަންޑްރޭ އަށް 500،000 ޑޮލަރެވެ.
ވުލްވްސް ޓީމު ގޮވައިގެން އިނގިރޭސި ޕްރިމިއާ ލީގަށް އައި ޖޮޓާ، 2020 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވީ، 50 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ލިވަޕޫލުން ވަނީ ޖޮޓާ ބޭނުންކުރަމުން އައި، 20 ނަމްބަރު ޖޯޒީ ދެން ލިވަޕޫލްގެ އެއްވެސް އުމުރުފުރައެއްގައި ވެސް ބޭނުންނުކުރަން ނިންމައިފި އެވެ. މީގެ އިތުރުން، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ޖޮޓާގެ ކޮންޓްރެކްޓް ހަމަވަންދެން، އޭނާގެ އާއިލާ އަށް މުސާރަ ދޭން ލިވަޕޫލުން ވަނީ ނިންމައިފަ އެވެ.
ޖޮޓާގެ ދަރިންނަށް ގާނޫނީ ގޮތުން، އާއިލާގެ ޒިންމާއާ ހަވާލުވެފައި އޮންނަ މުއްދަތަށް ހިނގާ ހަރަދުތައް އުސޫލުތަކެއްގެ ތެރެއިން ހަމަޖައްސަައިދޭން ވެސް ލިވަޕޫލުން ވަނީ ނިންމައިފަ އެވެ. ޖޮޓާ އަށް ސީޒަނަކު، ނުވަ މިލިއަން ޑޮލަރުގެ މުސާރައެއް ލިބެ އެވެ. ޖޮޓާ، އެކްސިޑެންޓެއްގައި މަރުވިއިރު، އޭނާގެ ލޯބިވެރިޔާ، ރޫޓް ކާޑޯސޯއާ ކައިވެނި ކޮށްފައިވަނީ، މަރުވުމުގެ ދެ ހަފްތާ ކުރިންނެވެ. އަދި، 10 އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ޖޫން މަހު 22 ވަނަ ދުވަހު ކައިވެނިކުރި ޖޮޓާ އާއި ރޫޓް އަށް ތިން ދަރިން ލިބިފައިވެ އެވެ. ތިން ދަރިިން ވެސް ފަސް އަހަރަށް ވުރެ ކުޑަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ