ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ރިޔާސީ ކޮމިޝަނާ ހިއްސާކުރެވޭނެ ޕޯޓަލެއް ހަދައިފި

އުމުރުން 21 އަހަރު ހައްވާ ޔުމްނު ރަޝީދު، ހ. ފެންޓެނޯއިގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނާ އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އޮންލައިން ޕޯޓަލެއް ހަދައިފިއެވެ. މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް އެކުލަވައިލީ އޭޕްރީލް 27، 2025ގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުންނެވެ. އެ ކޮމިޝަނުން މިއަދު އެކްސްގައި ބުނެފައިވަނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް، (ފޮޓޯ، ވީޑިއޯ ނުވަތަ އެ ނޫން ވެސް މައުލޫމާތެއް) ހިއްސާ ކުރަން ބޭނުންވާނަމަ، ނުވަތަ ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން ސުވާލެއް ކުރަން ބޭނުންވާނަމަ، އެ ކަމަށް ޚާއްސަކޮށްގެން ހަދާފައިވާ ޕޯޓަލް މެދިވެރިކޮށް ހިއްސާ ކުރެވޭނެ ކަމަށެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަންގެ ރައީސަކަށް އައްޔަނު ކުރައްވާފައިވަނީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ. އެ ކޮމިޝަނުގައި އިތުރަށް ތިއްބަވަނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހްމަދު މުޙައްމަދާއި، އެޗްއާރުސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސްއާއި ސިއްހީ ދާއިރާގެ ދެ ބޭފުޅުން ކަމަށްވާ ޑރ. މޫސާ މުރާދާއި ޖަބީން މުޙައްމަދެވެ. ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވައިލައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން: ޔުމްނުއަށް މެލޭޝިއާގައި އަންނަނީ ފަރުވާ ދެމުން -- ސަން ފޮޓޯ ރައީސްގެ ގަރާރަކުން މި ޚާއްސަ ކޮމިޝަން އުފެއްދެވީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. މި ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައި ވެއެވެ. https://sun.mv/205439 ފުލުހުން ބުނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައި ވާކަމަށް ބުނެ ގިނަ ޒުވާނުންތަކެއް ވަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތަކެއް ފަށައިފައެވެ. މި މުޒާހަރާތަކުގައި ސީޕީގެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއުއާއި، ހޯމް މިނިސްޓަރު އަލީ އިހުސާނު އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިސްތުފާއަށް ގޮވައިލިއެވެ. މި އަޑުތައް ގަދަވެފައި ވަނިކޮށް، މިދިޔަ މަހުގެ 26ގައި ސީޕީގެ މަގާމުން ޝުޖާއު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއާއެކު އެކްޓިން ސީޕީއަކަށް ފަރުހާދު ފިކުރީ އައްޔަން ކުރިތާ ގަޑިއިރެއް ނުވެ، އޭނާގެ އަތުން މަގާމު ނަގައި، އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އިސްމާއީލް ނަވީން ވަނީ އައްޔަނުކޮށްފައެވެ. ޔުމްނުއަށް މިހާރު މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، އޭނާ ވެއްޓުނު ރޭ އޭނާއާއެކު އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވެއެވެ. އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އޭނާ ވެއްޓުނުއިރު ހުރި ގޭގައި، އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އޭޕްރީލް 30ގައި ވަނީ އިތުރު 10 ދުވަސް ޖަހައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ