އަލިބާބާއިން އޭއައިއަށް އިންވެސްޓްކުރާ އަދަދު 52 ބިލިއަން ޑޮލަރަށް
އަލިބާބާއިން އޭއައިއަށް އިންވެސްޓްކުރާ އަދަދު 52 ބިލިއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ޗައިނާގެ އީކޮމާސް ދާއިރާގެ އެންމެބޮޑު ކުންފުނި އަލިބާބާއިން ހޯމަ ދުވަހު އިއުލާން ކުރި ގޮތުގައި، ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ކްލައުޑް ކޮމްޕިއުޓިން އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންފްރާސްޓްރަކްޗައަށް މަދުވެގެން 380 ބިލިއަން ޔުއާން (52.44 ބިލިއަން ޑޮލަރު) އިންވެސްޓްކުރުމަށް ވަނީ ނިންމާފައެވެ. ކުންފުނިން ހުކުރު ދުވަހު އިއުލާނުކުރި ނަތީޖާތަކާއެކު މި ދާއިރާގައި އިންވެސްޓް ކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް އޭރު ވަކި އަދަދެއް ހާމަކޮށްފައެއް ނުވެއެވެ. ޑިސެމްބަރު 31 އަށް ނިމުނު ތިން މަސް ދުވަހުގެ ތެރޭގައި 280.15 ބިލިއަން ޔުއާންގެ އާމްދަނީ ލިބުނުކަމަށް ކުންފުނިން ވަނީ ރިޕޯޓް ކޮށްފައެވެ. މިއީ އެނަލިސްޓުން ލަފާކުރި މިންވަރަށްވުރެ ކުޑަކޮށް އިތުރު އަދަދެކެވެ. އަލިބާބާއިން ބުނާ ގޮތުގައި މި އިންވެސްޓްމަންޓްގެ ޖުމްލަ އަދަދަކީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި އޭއައި އަދި ކްލައުޑް ކޮމްޕިއުޓިންއަށް ކުންފުނިން ހޭދަކުރި އަދަދަށްވުރެ ބޮޑު އަދަދެކެވެ. ޗައިނާގެ އޭއައި ވާދަވެރިކަމުގައި 2025 ވަނަ އަހަރު ފެށިގެން އައީ އަލިބާބާ އޮތީ ކާމިޔާބު ކުންފުންޏެއްގެ ގޮތުގައެވެ. އިސްޓްރެޓެޖިކް ވިޔަފާރީގެ ޑީލްތަކާއެކު އިންވެސްޓަރުން ވަނީ އެ ކުންފުންޏަށް ޝައުގުވެރިވެފައެވެ. މި އަހަރުގެ ފަހު ބަންދުވުމާ ހަމައަށް ކުންފުނީގެ ހިއްސާގެ އަގު ވަނީ 68 އިންސައްތައަށްވުރެ އިތުރަށް މައްޗަށް ގޮސްފައެވެ. ޗައިނާގެ އެހެން ކުންފުނިތަކުން ވެސް ވަނީ މި ދާއިރާއަށް އިންވެސްޓް ކުރަން ފަށާފައެވެ. މި ގޮތުން ޓިކްޓޮކްގެ ވެރި ފަރާތް ކަމަށްވާ ބައިޓްޑާންސްއިން މި އަހަރަށް 150 ބިލިއަން ޔުއާން ކެޕިޓަލް އެކްސްޕެންޑިޗާގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށާއި، އޭގެ ބޮޑު ބައެއް އޭއައިއަށް އަމާޒުކުރެވޭނެކަމަށް މައުލޫމާތު ލިބިފައިވާ ފަރާތްތަކުން ބުނާކަމަށް ރޮއިޓާސްއިން ޖެނުއަރީ މަހުގެ ފަހުކޮޅު ރިޕޯޓް ކޮށްފައިވެއެވެ. އަލިބާބާގެ މި އިންވެސްޓްމަންޓަކީ ޓެންސެންޓް، ބައިޑޫ އަދި ބައިޓްޑާންސް ފަދަ ކުންފުނިތަކާއެކު ޗައިނާގެ އޭއައި މާކެޓްގައި އޮތް ވާދަވެރިކަން އިތުރަށް ހޫނުވެގެންދާނެ ކަމެކެވެ. މިއީ އެމެރިކާގެ އޯޕެންއޭއައި އަދި އެންވިޑިއާ ފަދަ ކުންފުނިތަކާއެކު ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމަށް ޗައިނާގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތުގެ ބޮޑު ހިއްސާއެކެވެ. ޗައިނާގެ ސަރުކާރުން ވެސް އޭއައި ދާއިރާއަށް އިސްކަންދީ، 2030 ވަނަ އަހަރާ ހަމައަށް އެ ޤައުމަކީ އޭއައިގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމަށް ހެދުމަށް ވަނީ އަމާޒު ހިފައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ