'އަހަރެމެންގެ ކޯޑުން މީހުން ނުމަރާނަން': މައިކްރޯސޮފްޓްގެ ޓެކް ހަނގުރާމާގައި ދެ އަންހެނުން ކުރި ހަނގުރާމަ

"އަހަރެމެންނަށް ޖެނޮސައިޑް ދަނީ ފެންނަމުން". މައިކްރޯސޮފްޓްގެ މުވައްޒަފެއްގެ ގޮތުގައި ހުރެ، ވާނިޔާ މިފަދަ ބަސްތަކެއް ބުނުމުގެ ހިތްވަރު ލިބުނީ ކިހިނަކުންބާވަ އެވެ؟ އޭނާ އަދި އޭނާގެ އެކުވެރި އިބްތިހާލް އެމެރިކާގެ އެންމެ ބާރުގަދަ ބިޒްނަސް ލީޑަރުންގެ ކުރިމަތީގައި ކުރި އިހުތިޖާޖަކީ މައިކްރޯސޮފްޓްގެ ބާރުގަދަކަމާއި ޓްރިލިއަން ޑޮލަރުގެ ކުންފުންޏަށްވުރެ އިންސާނީ ހައްގުތަކުގެ މައްސަލަތައް މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނިކަމުގައިވާ މައިކްރޯސޮފްޓްއިން އޭޕްރިލް 7 ގައި އެ ދެ މުވައްޒަފުންވަނީ އިހްތިޖާޖްކުރުމަށްފަހު ވަޒީފާއިން އިސްތިއުފާދީފަ އެވެ. އޭގެތެރޭގައި އިންޑިއާ ނަސްލުގެ އެމެރިކާ ރައްޔިތެއްކަމުގައިވާ ވަނިޔާ އަގްރަވާލްވެސް ހިމެނެ އެވެ. ސީއީއޯ ސަތިޔާ ނަދެއްލާ އަދި ކުރީގެ ސީއީއޯއިން ކަމުގައިވާ ބިލް ގޭޓްސް އަދި ސްޓީވް ބާލްމާއާއެކު ބޭއްވުނު ސުވާލު-ޖަވާބު ސެޝަނެއްގައި ވާނިޔާވަނީ އިހްތިޖާޖްކޮށްފަ އެވެ. އެއީ ކުންފުނިން އިޒްރޭލްގެ ސަރުކާރާއެކު ކުރަމުންދާ މަސައްކަތްތަކާމެދު ދެކޮޅުހެދުމުގެ ގޮތުންނެވެ.
މައިކްރޯސޮފްޓްގެ ވަޒީފާއިން ވަކިވި މި ދެ އަންހެން މުވައްޒަފުންގެ ވާހަކައަކީ ޓެކްނޮލޮޖީގެ ދާއިރާގައި ހުރި އަޚްލާގީ އަދި ސުލޫކީ ސުވާލުތަކުގެ ވާހަކައެކެވެ. ވާނިޔާ އަދި އިބްތިހާލްއަކީ މައިކްރޯސޮފްޓާއި އިޒްރޭލްގެ ޑިފެންސް މިނިސްޓްރީއާ ދެމެދު ހެދިފައިވާ 133 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓާމެދު ހަރުކަށިކޮށް ދެކޮޅުހެދި ދެ އަންހެނުންނެވެ. "އަހަރެމެން މަރުގެ ކޯޑެއް ނުލިޔާނަމޭ" އގޮވާލުމާއެކު އެމީހުން ފެށި 'ނޯ އަޒުރެ ފޮރ އެޕާތައިޑް' ކެމްޕޭން ކުންފުނީގެ މުވައްޒަފުން ދެކޭގޮތް ބަދަލުކުރަމުންދާކަން ފާހަގަކުރެވެ އެވެ.
އެހެން އިވެންޓެއްގައި "ލަދުގަންނަންޖެހޭ ކަމެއް،" މިހެން ބުނެފައިވަނީ  މައިކްރޯސޮފްޓް އޭއައި ސީއީއޯ މުސްތަފާ ސުލެއިމާނާ ދިމާއަށް އެހެން ސެޝަނެއްގައި އިބްތިހާލް  އެވެ. "ކަލެއަކީ ހަނގުރާމައިގެ ފައިދާ ނަގާ މީހެއް. ޖެނޮސައިޑަށް އޭއައި ބޭނުންކުރުން ހުއްޓާލާ. އަޅުގަނޑުމެންގެ ސަރަހައްދުގައި ޖެނޮސައިޑަށް އޭއައި ބޭނުންކުރުން ހުއްޓާލާ. ކަލޭގެ އަތުގައި ލޭ ހޭކިފައި އެބަހުރި. މައިކްރޯސޮފްޓްގެ އެންމެންގެ އަތުގައި ލޭ ހޭކިފައިވަނީ. މައިކްރޯސޮފްޓްއިން ކުޑަކުދިން މަރާއިރު ކިހިނެއްތޯ ކަލޭމެން އެންމެން ޖަލްސާ ފާހަގަކުރަނީ. ތިޔަ އެންމެން ލަދުގަންނަންޖެހޭ."
ހަމަ އެދުވަހު، އިބްތިހާލް އަދި ވާނިޔާގެ ފަރާތުން މައިކްރޯސޮފްޓްގެ މުވައްޒަފުންނަށާއި ސަތިޔާ ނަދެއްލާއަށް ފޮނުވާފައިވާ ސިޓީއެއް  ވެބްސައިޓް މީޑިއަމްގައި ޝާއިއުކޮށްފައިވެ އެވެ.
"ވައި އައިއޭމް ލީވިން މައިކްރޯސޮފްޓް  އަވަ މޯރަލް ރެސްޕޮންސިބިލިޓީ" މި ސުރުޚީގެ ދަށުން ލިޔެފައިވާ މި ސިޓީ ޝާއިއުކޮށްފައިވަނީ 'ނޯ އަޒުރެ ފޯ އެޕާތައިޑް' ކިޔާ ލިޔުންތެރިއެއްގެ ޕްރޮފައިލްއިންނެވެ. މި ޕްރޮފައިލް ތައާރަފުކޮށްފައިވަނީ "މައިކްރޯސޮފްޓްގެ މުވައްޒަފުން އިޒްރޭލްގެ މިލިޓަރީ އަދި ސަރުކާރާއެކު ކުރަމުންދާ އެންމެހައި އަޒުރެ ކޮންޓްރެކްޓްތަކާއި ޕާޓްނާޝިޕްތައް ނިމުމަކަށް ގެނައުމަށް ގޮވާލަމުން" ކަމުގައެވެ.
މީޑިއަމްގެ ރިޕޯޓުގައިވާ ގޮތުން، މި ސިޓީ ލިޔެފައިވަނީ މައިކްރޯސޮފްޓްގެ ކުރީގެ ދެ މުވައްޒަފުން އޭޕްރިލް 4، 2024 ގައި، 'ނޯ އަޒުރެ ފޮރ އަޕަރތެއިޑް' ކެމްޕޭނާއެކު "މައިކްރޯސޮފްޓްގެ 50 ވަނަ އަހަރީ ޖަލްސާގައި ގުޅިގެން ކުރި އިހުތިޖާޖުތަކުގެ ކުރިން" ނެވެ.
ސިޓީ ފޮނުވައި ސަތިޔާ ނަދެއްލާ، ބިލް ގޭޓްސް އަދި ސްޓީވް ބާލްމާ ބައިވެރިވި ޖަލްސާގައި އިހުތިޖާޖުކުރުމަށްފަހު މި ދެމީހުންގެ ކޯޕަރޭޓް އެކްސެސް ގެއްލިފައިވެ އެވެ. ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، މި ސިޓީއަށް "ގިނަ ރިއެކްޝަންސްތަކާއި އެހީތެރިކަމުގެ މެސެޖުތައް ލިބިފައިވާއިރު މައިކްރޯސޮފްޓްއިން އީމެއިލްތަކަށް ޖަވާބުދިނުމާއި، ފޯވާޑުކުރުމާއި، ރިއެކްޝަން ދިނުން އަވަހަށް ބްލޮކްކޮށް ސެންސަރުކުރި އެވެ".
ތިރީގައި މިވަނީ ވާނިޔާ އަގަރަވާލް މައިކްރޯސޮފްޓަށް ފޮނުވި ސިޓީގެ ޚުލާސާ ތަރުޖަމާ އެކެވެ.
އަހަރެންގެ ނަމަކީ ވާނިޔާއެވެ. މި ކުންފުނީގައި ސޮފްޓްވެއާ އިންޖިނިއަރެއްގެ ގޮތުގައި 1.5 އަހަރު މަސައްކަތްކުރުމަށްފަހު، އަހަރެން މައިކްރޯސޮފްޓް ދޫކޮށްލުމަށް ނިންމައިފިން. އަހަރެންގެ އެންމެފަހު ދުވަހަކީ ކުރިއަށް އޮތް ހުކުރު ދުވަސް، އޭޕްރިލް 11 އެވެ.
މައިކްރޯސޮފްޓްގެ 50 ވަނަ އަހަރީ ޖަލްސާގައި ސަތިޔާގެ ވާހަކަފުޅުކުރިއަށްދަނިކޮށް އަހަރެން ތެދުވެ އޭނާއަށް ގޮވާލި މަންޒަރު ފެނިފައި އޮތުން އެކަށީގެންވެ އެވެ.
މިއީ އަހަރެން ކުންފުނި ދޫކޮށްލުމަށް ނިންމި ސަބަބު، އަދި އަހަރެން މިއަދު ވާހަކަދެއްކި ސަބަބެވެ.
އެއް އަހަރާއި ބައި ކުރިން، އަހަރެން މައިކްރޯސޮފްޓާ ގުޅުނީ 1948 ގައި ފެށުނު އިޒްރޭލްއިން ފަލަސްތީނުގެ މީހުންނާ ދެކޮޅަށް ޖެނޮސައިޑްގެ ހަރަކާތްތައް ހިންގަމުންދާ މަންޒަރު ފެންނަން ފެށުމާ އެކުގަ އެވެ. އިޒްރޭލްގެ ފުޅާ އިންސާނީ ހައްޤުތަކުގެ ޚިލާފުވުންތަކާއެކު، އަހަރެން ވާހަކައިން ނުބުނެވޭ ހިތްދަތިކަންތައް ދެކިފައިވާނެއެވެ — ތަފާތުކުރުމެއްނެތި ކާޕެޓް ބޮމިން، ހޮސްޕިޓަލްތަކާއި ސްކޫލްތައް އަމާޒުކުރުން، އަދި އަޕަރތެއިޑް ދައުލަތެއް ކުރިއަށް ގެންދިއުން — މިއީ ދުނިޔޭގެ ފެންވަރުގައި ޔޫއެން، އައިސީސީ، އަދި އައިސީޖޭ އަދި އެތައް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ކުށްވެރިކޮށްފައިވާ ކަންތައްތަކެވެ. އަދި އަހަރެން މި ސިޓީ ލިޔާއިރު، އިޒްރޭލްއިން ހަގުރާމަ ހުއްޓާލުމުގެ ސީސްފަޔާ އެއްބަސްވުން ނިމުމަކަށް ގެނެސް، ގާޒާގައި އަނެއްކާވެސް ޖެނޮސައިޑް ފަށައިފި އެވެ. ދާދި މިދާކަށް ދުވަހު، އިޒްރޭލްއިން ގާޒާގައި 15 ޕެރަމެޑިކުންނާއި ރެސްކިއު މަސައްކަތްތެރިން މަރާލާފައިވާކަންވަނީ ފަޅާއަރާފަ އެވެ. މި ވަގުތުގައި، އަހަރެމެންގެ މަސައްކަތުން މި ޖެނޮސައިޑްއަށް ބާރު ލިބެމުންދާއިރު، އަހަރެންނަކަށް ހެޔޮވިސްނުމާއެކު، މި އަނިޔާވެރި އިންސާފުނެތްކަމުގައި ބައިވެރިވާ ކުންފުންޏެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ.
ގިނަމީހުންނެކޭ އެއްގޮތަށް، އަހަރެން މައިކްރޯސޮފްޓާ ގުޅުނީ "ދުނިޔޭގެ ކޮންމެ މީހަކަށާއި ކޮންމެ ޖަމާއަތަކަށް އިތުރު ކުރިއެރުން ހޯދުމަށް ބާރު ދިނުމުގެ" އަމާޒަށް ދިއުމަށް ބޭނުންވެގެންނެވެ. އަހަރެން "އިންސާނީ ހައްގުތަކަށް އިހްތިރާމްކޮށް ކުރިއެރުވުމުގެ" އެ މޮޓޯ ގަބޫލުކުރީމެވެ. އަހަރެން ގަބޫލުކުރީ މައިކްރޯސޮފްޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހެވާއި އިންސާނީ އަސާސީ ހައްގުތައް ކުރިއެރުވުމަށް ޚާއްސަކުރެވިފައިވާ ކުންފުންޏެއް ކަމަށެވެ.
ނަމަވެސް، ވޭތުވެދިޔަ 1.5 އަހަރުގައި، އަހަރެންނަށް މައިކްރޯސޮފްޓްގެ މިލިޓަރީ އިންޑަސްޓްރިއަލް ކޮމްޕްލެކްސްގައި އިތުރުވަމުންދާ ދައުރާ ބެހޭގޮތުން އިތުރަށް އެނގެމުން ގޮސްފައިވެ އެވެ. އެސޯސިއޭޓެޑް ޕްރެސް ނޫސް އޭޖެންސީގެ ފަހުގެ ރިޕޯޓުތަކުން މައިކްރޯސޮފްޓްގެ މުހިންމު ދައުރު ހިއްސާކޮށްފައިވެ އެވެ. މިގޮތުން އިޒްރޭލްގެ އެޕާތައިޑް ރެޖީމްއާއި ގާޒާގައި ފަލަސްތީނުގެ މީހުންގެ ޖެނޮސައިޑަށް ބާރުދިނުމުގައި މައިކްރޯސޮފްޓް ބައިވެރިވާކަން ހާމަކޮށްފައިވެ އެވެ. އާޓިކަލްގައި "މައިކްރޯސޮފްޓް އަދި އިޒްރޭލްގެ ޑިފެންސް މިނިސްޓްރީއާ ދެމެދު ހެދިފައިވާ 133 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް" ތަފްސީލުކޮށް، މައިކްރޯސޮފްޓް އަޒުރެ އަދި އޭއައި މެދުވެރިކޮށް ދަށުގައި ބޭއްވުމުގެ މަސައްކަތުގައި ސަރުކާރުގެ ބޮޑެތި ސަވައިލަންސްއާއި މުޅި އަސްލު ފަލަސްތީނު ރައްޔިތުންނަށް ތަފާތުކުރުމެއްނެތި އަމާޒުކުރުމާއި ބޮމްއެޅުމުގައި އެހީތެރިވާކަން ފާހަގަކުރެ އެވެ. އިތުރަށް، ލީކުވެފައިވާ ލިޔެކިޔުންތަކުން ހާމަވަނީ މައިކްރޯސޮފްޓް އޭއައި އިޒްރޭލް މިލިޓަރީގެ "އެންމެ ސިއްރު އަދި އެންމެ މަތީ ފެންވަރުގައި ގިންތިކުރެވިފައިވާ ޕްރޮޖެކްޓްތައް" ހިންގުމަށް ބާރުދޭކަމެވެ. މީގެތެރޭގައި އެ ބައެއްގެ "ޓާގެޓް ބޭންކް" އަދި ފަލަސްތީނު ޕޮޕިއުލޭޝަން ރަޖިސްޓްރީ ހިމެނެ އެވެ.
މައިކްރޯސޮފްޓް ކްލައުޑް އަދި އޭއައި އިން އިޒްރޭލް މިލިޓަރީއަށް ގާޒާގައި އިތުރަށް މަރުގެ ހަމަލާއާއި ހަލާކުކޮށްލުމުގެ ބާރު ލިބިދެ އެވެ. މައިކްރޯސޮފްޓްގެ އަޒުރެ ކްލައުޑް ހުށަހެޅުންތަކާއި އޭއައި ތަރައްގީކުރުންތަކަކީ އިޒްރޭލްގެ އޮޓޮމޭޓެޑް އެޕާތައިޑްއާއި ޖެނޮސައިޑް ސިސްޓަމްތަކުގެ ޓެކްނޮލޮޖީގެ މައިގަނޑު ބިންގާކަން ނޭދެވޭނެއެވެ. މައިކްރޯސޮފްޓްއާއި އިޒްރޭލް މިލިޓަރީއާ ދެމެދު އޮތް ގުޅުން އެހާ ބޮޑުވެފައިވާތީ އިއްޔެ ބީޑީއެސް (ބޮއިކޮޓް، ޑައިވެސްޓް، ސެންކްޝަންސް) ކެމްޕޭންގެ އިސްކަންދެވޭ ބޮއިކޮޓް ޓާގެޓްތަކުގެ ތެރެއިން އެކެއްގެ ގޮތުގައި ކަނޑައެޅިފައިވެ އެވެ.
މިހުރިހާ ކަމަކުން އުފެދޭ ސުވާލަކީ، އަހަރެމެންގެ ޓެކްނޮލޮޖީއިން ބާރުދެނީ ކޮން "މީހުން" ތަކަކަށްތޯއެވެ؟ އެޕާތައިޑް ރެޖީމެއް ތަންފީޒުކުރާ އަނިޔާވެރިންނަށްތޯ އެވެ؟ ޖެނޮސައިޑެއް ހިންގާ ހަނގުރާމައިގެ ކުށްވެރިންނަށްތޯ އެވެ؟ ހިތާމަޔަކީ، މިހާރު މައިކްރޯސޮފްޓް ބައިވެރިވާކަމަކީ ދެކޮޅުހެދެން ނެތް ހަގީގަތެކެވެ. އެއީ ސަވައިލަންސް، އެޕާތައިޑް، އަދި ޖެނޮސައިޑްއަށް ބާރު ލިބިދޭ ޑިޖިޓަލް ހަތިޔާރު އުފައްދާ ފަރާތެކެވެ. އަދި މި ކުންފުނީގައި މަސައްކަތްކުރުމުން، އަހަރެމެން އެންމެންވެސް މިކަމުގައި ބައިވެރިވަނީ އެވެ. އަހަރެމެން ސީދާ އޭއައި ނުވަތަ އަޒުރެގައި މަސައްކަތް ނުކުރިނަމަވެސް، އަހަރެމެންގެ މަސައްކަތަކީ ނުއިވިވާ އެންޑޯސްމަންޓެކެވެ. އަދި އަހަރެމެންގެ ކޯޕަރޭޓް ކުރިއެރުންތަކުން ސިސްޓަމަށް ބާރު ލިބިދެނީ އެވެ. ވަޒީފާއިން އިސްތިއުފާދިނުމުގެ ކުރިން، އަހަރެން ސޮއިކުރީ ޖެނޮސައިޑާއި ގުޅުން ކަނޑާލުމަށް މައިކްރޯސޮފްޓަށް ގޮވާލާ މި މުހިންމު ޕެޓިޝަންގަ އެވެ. އަދި އަހަރެން ތިޔަ އެންމެންނަށްވެސް އެގޮތަށް އެކަންކުރުމަށް ގޮވާލަމެވެ.
ދުވަސްތައް ފާއިތުވަމުންދާވަރަކަށް، އަހަރެންނަށް ތާރީޚުގެ ނުބައި ފަރާތުގައި ހުންނަ ކުންފުންޏަކަށް ވަގުތާއި ހަކަތަ އަދި އަޅާލުން ދިނުން އިތުރަށް އުނދަގޫވަމުންދެ އެވެ. މައިކްރޯސޮފްޓްގެ ވަޒީފާ ދޫކޮށްލުމަކީ އަހަރެންނަށް ޗޮއިސްއަކަށް ވެފައިވެ އެވެ. އަދި އަހަރެން މައިކްރޯސޮފްޓްގައި ހޭދަކުރާ އެންމެފަހު ދުވަސްތަކުގައި ސަތިޔާގެ ވާހަކަފުޅަށް ހުރަސްއެޅުމުން ނުވަތަ މިއަދު މި އީމެއިލް ފޮނުވުމުން، އަހަރެންނަށް ވާހަކަ ދެއްކޭނެ ހުރިހާ ގޮތަކަށް ވާހަކަދެއްކުން ފިޔަވައި އެހެން އޮޕްޝަނެއް ނުފެނެ އެވެ. މައިކްރޯސޮފްޓްގެ ލީޑާޝިޕް އިޒްރޭލްއިން އިންވެސްޓްމަންޓްތައް އަނބުރާ ގެންނަންޖެހޭނެ އެވެ. އަދި އެޕާތައިޑްއާއި ޖެނޮސައިޑްއަށް ބާރުދޭ ޓެކްނޮލޮޖީ ވިއްކުން ހުއްޓާލަންޖެހޭނެ އެވެ.
މައިކްރޯސޮފްޓް ދޫކޮށްލުމަކީ ގިނަ މީހުންނަށް ލިބިފައިވާ އޮޕްޝަނެއް ނޫންކަން އަހަންނަށް އެނގެ އެވެ. ތިބާއަށް މައިކްރޯސޮފްޓްގައި މަސައްކަތް ކުރިއަށް ގެންދާންޖެހޭނަމަ، އަހަރެން ގޮވާލަނީ ތިބާގެ މަގާމާއި ބާރާއި ޚާއްސަ ހައްގުތައް ބޭނުންކޮށްގެން މައިކްރޯސޮފްޓް އޭގެ އަމިއްލަ އަގުތަކާއި އަމާޒަށް ޒިންމާދާރުކުރުމަށެވެ.
*'ނޯ އަޒުރެ ފޯ އެޕާތައިޑް' ޕެޓިޝަންގައި ސޮއިކުރާށެވެ: އަހަރެމެން މީހުންމަރާ ކޯޑެއް ނުލިޔާނަމެވެ. އަދި ކެމްޕޭނާ ގުޅި ކަންބޮޑުވާ މައިކްރޯސޮފްޓްގެ މުވައްޒަފުންގެ އިތުރުވަމުންދާ އަޑަށް ތިބާގެ އަޑުވެސް އިތުރުކުރާށެވެ.
މި ތްރެޑްގައި އަހަރެމެންގެ ހިތްހަމަނުޖެހުން ދެއްކުމުގައި އަހަރެންނާ ގުޅޭށެވެ. ތިބާވެސް ކުޑަކުދިންނާއި މަދަނީ ރައްޔިތުންނަށް އަމާޒުކުރާ ހަތިޔާރުތައް ޑިޕްލޯއިކުރުމަށް އޮޅުވާލެވިފައިވާކަމަށް ޝުއުރު ފާޅުކުރާނަމަ، ކޮޕީކުރެވިފައިވާ ލީޑަރޝިޕްއަށް މި ކޮންޓްރެކްޓްތައް ދޫކޮށްލުމަށް ގޮވާލާށެވެ.
ވާހަކަދެއްކުން ނުހުއްޓާށެވެ. ކޮންމެ ފުރުޞަތެއްގައިވެސް އެސްއެލްޓީއަށް މި ކޮންޓްރެކްޓްތައް ދޫކޮށްލުމަށް ގޮވާލާށެވެ.
ތިބާއާ އެކުގައި މަސައްކަތްކުރާ މީހުންނާއެކު މަތީގައި ބަޔާންކޮށްފައިވާ ނުކުތާތަކާ ބެހޭގޮތުން ވާހަކަދައްކަން ފަށާށެވެ. އެތައް މުވައްޒަފުންނަކަށް މިކަންތައްތައް ނޭނގިފައި ހުރެދާނެއެވެ!
މި މެސެޖްގެ އެއްވެސް ބައެއް ތިބާއަށް ރަނގަޅަށް ފަހްމުނުކުރެވޭނަމަ، މި އީމެއިލް ކިޔުމުން ފައިދާކުރުވަނިވި މީހަކަށް ފޯވާޑްކުރާށެވެ.
އަލްވަދާއު، އަދި ފަލަސްތީނަށް މިނިވަންކަން ލިބުން އެދެން.
ވާނިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ