މި ދައުރު ތެރޭގައި ކުޑަހުވަދޫ ޕޯޓު އޮޕަރޭޝަނަށް ގެންނާނަން: ރައީސް

ދ. ކުޑަހުވަދޫގައި ތަރައްގީކުރުމަށް ނިންމާފައިވާ ވިޔަފާރި ބަނދަރުގެ މަސައްކަތް ނިންމައި، މި ދައުރުގެ ތެރޭގައި އެ ތަން އޮޕަރޭޝަނަށް ގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ކަމަށް ޓަކައި ރޭ ބޭއްވި ޖަލްސާގައިވަނީ އެ ރަށުގައި ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ، މުހައްމަދު ރިޝްވާނެވެ. މި ބަނދަރާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ދައުރު ނިމުމުގެ ކުރިން އެ ވިޔަފާރި ބަނދަރަކީ، އެންމެ ފުރިހަމަ ގޮތުގައި ހިނގާ ތަނެއްގެ ގޮތުގައި ދައްކައިދެއްވާނެ ކަމަށެވެ. "...އިރާދަ ކުރެއްވިއްޔާ ތި ބޭފުޅުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ، މި ވިޔަފާރި ބަނދަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި، ހިނގާ އޮޕަރޭޝަނަލް ވިޔަފާރި ބަދަރެއްގެ ގޮތުގައި މި ދައިރުގެ ތެރޭގައި އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ދައްކައިދޭނަމޭ" ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ހަތް ސަރަހައްދެއް އާބަން ސެންޓަރުތަކެއްގެ ގޮތުގައި ތަރައްގީކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތަކެވެ. އެ ހަތް ސަރަހައްދުގެ ތެރޭގައި ކުޑަހުވަދޫ ވެސް ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ ޚިދުމަތްތައް ހޯދުމަށްޓަކައި މާލެއަށް ބަރޯސާވާން ޖެހިފައި އޮތްއޮތުން ނިމުމަކަށް ގެނައުމެވެ. އެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްގީކުރާ އާބަން ރީޖަންތަކުގައި މާލެއާ އެއްފެންވަރެއްގެ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ