ފަނޑިޔާރުން މަދު ކުރުމަކީ ގޮނޑި ގެއްލުވައިލެވޭ މައްސަލައަށް ވަރަށް ފާޅުގައި ނުފޫޒު ފޯރުވުން! ފަނޑިޔާރުން މަދު ކުރުމަކީ ގޮނޑި ގެއްލުވައިލެވޭ މައްސަލައަށް ވަރަށް ފާޅުގައި ނުފޫޒު ފޯރުވުން!

ސިޔާސީ ހުރިހާ ކާޑެއް މި ވަގުތު އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގަ އެވެ.
ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލިސް ކޮންޓްރޯލް ކުރަނީ ރައީސް މުއިއްޒުގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް އެވެ. ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 75 ގޮނޑީގައި އިންނަވަނީ އެ ޕާޓީގެ މެންބަރުންނެވެ.
ފެންނަ ފެނުމަށް، ހަމަ ގައިމު ވެސް ޕީއެންސީގެ މެންބަރުން މަސައްކަތް ކުރަނީ ރައީސް މުއިއްޒަށް ވަފާތެރިކޮށެވެ. މަޖިލީހުގައި ވާހަކަ ދައްކާ ގޮތާއި ވޯޓު ދޭ ގޮތުން އެކަން އިންތިހާއަށް ސާފެވެ.
އެކަމަކު، މި ވަގުތު އެ މެންބަރުން ތިބީ ފާޑެއްގެ ކަސްތޮޅެއްގަ އެވެ. ނޮވެމްބަރު 20، 2024، ގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން، މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ފުރިހަމަ ބާރު ސިޔާސީ ޕާޓީތަކަށް ލިބެ އެވެ.
މިހާރު އެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކުރި ނަމަވެސް އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ އެވެ. އެހެންކަމުން، ޕީއެންސީ ކެނޑިއްޖެ ނަމަ ނުވަތަ ވަކި ކުރި ނަމަވެސް މަޖިލީހުގެ ގޮނޑި ވެސް މެންބަރަކަށް ގެއްލޭނެ އެވެ.
އެކަމަކު، އަސާސީއަށް ގެނައި އެ އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް މިހާރު ވަނީ މައްސަލައެއް ވައްދައިފަ އެވެ. އެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދަން ރާއްޖޭގެ އެންމެ މަތީ ކޯޓުން ވަނީ ނިންމައިފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސެއިން އެދިފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލު ކުރުމަށެވެ. އިސްލާހު ބާތިލުވެއްޖެ ނަމަ އެ މެންބަރަކު ބޭނުންވާ ޕާޓީއަކަށް ބަދަލުވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. ޕީއެންސީގައި ތަޅުއެޅުވިފައި ތިބުން އެކަކަށް ވެސް ލާޒިމެއް ނުވާނެ އެވެ.
ގާނޫނުއަސާސީއަށް ނޮވެމްބަރު މަހު ގެނައި އިސްލާހު ބާތިލުކޮށްފި ނަމަ ސިޔާސީ ގޮތުން ރައީސް މުއިއްޒަށް ލިބިފައި އޮތް ބޮޑު ބާރެއް ގެއްލިގެންދިޔައީ އެވެ. އެކަމަކު، ކޯޓުން މައްސަލަ ނިންމާހާ ގޮތަކަށް ބަލަން ތިބެން ސަރުކާރުން ބޭނުމެއް ނޫނެވެ. ކޯޓުގައި މައްސަލަ ހިނގަހިނގާ ހުއްޓައި ކުއްލި ގޮތަކަށް މަސައްކަތް ފެށީ ކޯޓުން ބައެއް ފަނޑިޔާރުން ވަކި ކުރުމަށެވެ.
ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު މިއަދު މަޖިލީހަށް ހުށަހެޅި ބިލުގައި ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރުމަށެވެ.
ބިލުގައި ބުނެފައި ވަނީ އެ ބިލުގެ ބޭނުމަށް ކޯޓުން މަދު ކުރާ ދެ ފަނޑިޔާރުން "ފަނޑިޔާރުކަމުގެ މަގާމަށް އޭނާ ގާބިލް ނޫން ކަމަށް" ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅަންޖެހޭނެ ކަމަށެވެ.
ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ވަކި ކުރާ ފަނޑިޔާރުންގެ ނަންތައް ފޮނުވާތާ ހަތް ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން ވަކި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަންޖެހެ އެވެ. ފަނޑިޔާރުން ވަކި ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ.
އެ ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން މީގެ 2014 ވަނަ އަހަރު އެއިރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ނިންމެވި އެވެ. އެއިރު ވެސް ފަނޑިޔާރުން ވަކި ކުރުމުގެ އިޖުރާއަތްތައް ކުރިއަށް ގެންދިޔައީ މިއަދު ހުށަހެޅި ބިލުގައި އޮތް ގޮތަށެވެ.
އެ އަހަރު ސުޕްރީމް ކޯޓުން ވަކި ކުރި އެއިރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން އާއި އެއިރުގައި ވެސް ކޯޓުގައި ބެންޗުގައި އިންނެވި މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން އެއިރު ހުށަހެޅި އިރު، ފާއިޒް އާއި މުއުތަސިމްއަކީ މައްސަލަތަކުގައި، ދެން ތިބި ފަނޑިޔާރުންނާ ހިލާފަށް ރައުޔު ނެރުއްވަމުން ގެންދެވި ބޭފުޅުންނެވެ. އަދި ދެން ތިއްބެވި ބައެއް ފަނޑިޔާރުން ގެންދެވީ މަގާމާއި އާރާއި ބާރު ހޯދަން މަސައްކަތް ކުރަމުންނެވެ.
ފާއިޒް އާއި މުއުތަސިމް މަގާމުން ވަކި ކުރުމުން، ދިވެހިރާއްޖެ ދެކުނީ މިހާތަނަށް އެންމެ ނާއިންސާފުން މައްސަލަ ނިންމި ކޯޓެވެ. ހަމައެކަނި މީހަކު ހުށަހަޅާލައި ސިޓީއަކުން މައްސަލަ ނިންމާފައި އެބަހުއްޓެވެ. ދަރަންޏެއް ސާބިތު ވެސް ނުވަނީސް މީހަކު 28 މިލިއަން ޑޮލަރު ދައްކަން ވެސް ކޯޓުން ހުކުމް ކުރި އެވެ.
"ކުރީގެ ފަނޑިޔާރުންގެ ނިންމުމާ މެދު ލަދުވެތިވަން،" އެފަދަ ނާއިންސާފު އެއް މައްސަލަ ބާތިލް ކުރައްވަމުން މިހާރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރުމުން އެ ކޯޓުގެ ކޮންޓްރޯލް ސަރުކާރަށް ނެގުމަށް މަގު ކޮށުނީ އެވެ.
މިއަދު ހުށަހެޅި ބިލުގެ ދަށުން ވަކި ކުރާ ދެ ފަނޑިޔާރުގެ އިތުރުން އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ ބަދަލުގައި ވެސް އެހެން ފަނޑިޔާރަކު އައްޔަން ކުރަންޖެހޭނެ އެވެ. އެއީ އެމަނިކުފާނު ރިޓަކާ ކުރައްވަން އުޅޭ ކަމުގެ އިޝާރާތެއް ދެއްވާފައިވާތީ އެވެ.
"ހަމަ އެކަށީގެންވާ ކަމެއް މި ހައިސިއްޔަތުން މިފަދަ ޖަލްސާއަކުން ނުފެނުމަކީ ވެސް،" ރިޓަޔާ ކުރައްވަން އުޅުއްވާކަމުގެ އިޝާރާތެއް ދެއްވަމުން މިފަހުން ބޭއްވި ޖަލްސާއެއްގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެހެންކަމުން، އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވައިފި ނަމަ ވަކި ކުރާ ދެ ފަނޑިޔާރުންނާއެކު ސަރުކާރުން ކޮންޓްރޯލް ކުރާ މަޖިލީހުން ސުޕްރީމް ކޯޓަށް އާ ތިން ފަނޑިޔާރުން އައްޔަން ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
އެއިރުން ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ ކޮންޓްރޯލް ސަރުކާރަށް ލިބުނީ އެވެ.
ސުޕްރީމް ކޯޓަށް ސަރުކާރުން ގެންނަން އުޅޭ ބަދަލު އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް ބަލައެއްނުގަތެވެ. ހުރިހާ ޕާޓީތަކުން ވެސް ދެކެނީ އެއީ ހަމަ ސީދާ ޝަރީއަތަށް ނުފޫޒު ފޯރުވަން ސަރުކާރުން ފެށި މަސައްކަތެއް ކަމަށެވެ.
"ސަރުކާރުގެ މި ފިނޑި އަދި ހުތުރު އަމަލުގައި ބައިވެރި ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން އެދެން. މިކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް މުޅި ޝަރުއީ ދާއިރާއަށް ތެދުވުމަށް ގޮވާލަން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިދިކޮޅު އެމްޑީޕީހެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް ގެންނަން އުޅޭ ބަދަލު، ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.
"ކޯޓް ޕެކިން" ގެ ޓެކްޓިކަކީ މަތީ ކޯޓުގެ ކޮންޓްރޯލް ނެގުމަށް ގައުމުތަކުގައި އާންމުކޮށް ސަރުކާރުތަކުގެ ސިޔާސީ ބާރުވެރިކަމުގެ ތެރެއިން ކޮށްއުޅޭ ކަމެއް. ބައެއް ފަހަރު ޑިމޮކްރެޓިކް ހަމަތަކާ ހިލާފަށް އަމަލު ކުރުމަށް ބޭނުންވާ ސަރުކާރުތަކުން އެގޮތަށް ކަންކުރާކަން ފާހަގަވާއިރު، އަނެއްބައި ފަހަރު ކޯޓަށް ލިބިގެންވާ ބާރުގެ މައްޗަށް އިތުރަށް ކޯޓުން ބާރުތައް ނަގަމުންދާ ވަގުތު ސަރުކާރުތަކުން މިގޮތަށް އަމަލުކޮށްފައި ހުންނަކަން ވެސް ފާހަގަވޭ،" ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައި ބުންޏެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަސައްކަތް ފެށުމުން ޑިމޮކްރެޓްސްގެ މެންބަރު އިމްތިޔާޒް ފަހުމީ ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
"ފެންނަ ފެނުމުގައި، މިހާރު މިއޮތް ސުޕްރީމް ކޯޓާ މެދު މިގޮތަށް އަމަލުކޮށް ބެންޗް ބަދަލުކުރަންޖެހޭ ވަރެއްގައެއް ނޫން ކޯޓް އޮތީ. މިކަން މިގޮތަށް ނުކުރުމަށް ސަރުކާރަށް ގޮވާލަން،" ސޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވެ އެވެ.
ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހެޅުއްވި އަލީ ހުސެއިން ވެސް ވިދާޅުވީ، މިވަގުތު ސުޕްރީމް ކޯޓުގެ ބެންޗު ކުޑަ ކުރުމަކީ ސީދާ ގޮތުން މައްސަލައަށް އަތް ބޭނުން ކަމަށެވެ.
"ގާނޫނުއަސާސީއަށް އެންމެ ފަހުން ގެނެވުނު އިސްލާހަށް ޗެލްންޖުކޮށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅި، އެ މައްސަލަ ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ބަދަލުކުރުމަށް ބިލެއް ހުށައެޅުމަކީ ސީދާ ގޮތުން ސަރުކާރުން ފަނޑިޔާރުގެއަށް އަތް ބޭނުން،" އަލީ ހުސެއިން ވިދާޅުވި އެވެ.
އެ މައްސަލައިގައި އަލީ ހުސެއިންގެ ފަރާތުން ވަކާލާތު ކުރެއްވި ގާނޫނީ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ، ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައިގައި ދައުލަތުގެ ދިފާއުގައި ވަކާލާތު ނުކުރުމުގެ ބަދަލުގައި އިހުތިޔާރު ކުރީ "ބާރު ދައްކާލުން" ކަމަށެވެ.
"ކޯޓަށް ހުށަހެޅިފައި އޮތީ ގާނޫނީ ބަހުސެއް އޮތް މައްސަލައެއް. ރައްޔިތުންގެ މަޖިލީހުން ކަންކޮށްފައި އޮތީ ރަނގަޅަށް ކަމަށް ދެކޭނަމަ އެ ނަތީޖާ ހޯދުމަށް ކޯޓުގައި ވަކާލާތުކުރެވޭނެ. އެ މަގު އިހުތިޔާރުނުކޮށް ބާރު ދައްކާލަން ކުރާ މަސައްކަތުގައި ތިޔަ ފުނޑާލެވެނީ މުޅި ޝަރުއީ ނިޒާމު،" އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަކީލު ވިދާޅުވި އެވެ.
~ ~ ~
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ވެރިކަން ހިންގާ ޕާޓީގެ މަސްލަހު އޮތް މައްސަލައެއް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގައި ބަލަމުންދަނިކޮށް އެ ކޯޓުގެ ބައެއް ފަނޑިޔާރުން ވަކި ކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
އެއީ، ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވަން ރައީސް މުއިއްޒު އެތައް ފަހަރަކު ވެވަޑައިގެންފައިވާ ވައުދާ ހިލާފު އަމަލެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް އުސޫލުތައް އަނެއްކާ ވެސް މުގުރިގެންދާނެ އެވެ.
ރާއްޖޭގެ އިތުރުން ބޭރުގެ ގައުމުތަކުން ވެސް ތިބޭނީ މިކަން ކުރިއަށްދާ ގޮތް ބަލާށެވެ. އެންމެ ރަނގަޅު ގޮތަކީ އަވަހަށް ބިލު އަނބުރާ ގެންދިޔުމެވެ. ސުޕްރީމް ކޯޓުގެ މިނިވަންކަން ދެމެހެއްޓުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ