ރޯދަމަހާ ދިމާކޮށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މާސް އިންސްޕެޝަނެއް ކުރިއަށްގެންގޮސްފި

ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން ފިހާރަތަކާއި މާރުކޭޓްތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓައި މާސް އިންސްޕެޝަނެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މިއީ ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ފިހާރަތަކާއި މާރުކޭޓުތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރިޔަށް ގެންދިޔަ އިންސްޕެޝަނެކެވެ. މި އިންސްޕެޝަން ކުރިއަށްގެންދިޔައީ މިއަދު ހެދުނު 9:00އިން ފެށިގެން ހަވީރު 4:00 އާާއި ހަމައަށެވެ. ހެލްތު މިނިސްޓްރީން ބުނީ، އެ އިންސްޕެކްޝަންގެ މަގުސަދަކީ، ވިއްކާ ކާބޯތަކެއްޗާއި ގުދަން ކުރާ ތަކެތި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާއި އެޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މިންގަނޑުތަކަށް ފެތޭތޯ ބެލުން ކަމަށެވެ. މި އިންސްޕެކްޝަނުގެ ތެރެއިން ބަލާފައިވާ ކަންކަމުގެ ތެރޭގައި: ފިހާރަތަކާއި މާރުކޭޓްތަކަށް ބުޅާ މިދާ ފަދަ ޖަނަވާރުތަކަށް ނުވަދެވޭގޮތަށް ޕެސްޓްކޮންޓްރޯލް ކުރެވިފައިވޭތޯ ބެލުން ކާބޯތަކެތި ބަހައްޓާފައި ހުންނަ ރެކް، ޝެލްފް އައިސްއަލަމާރީގައި ކާބޯތަކެތި ބަހައްޓާފައި ހުންނަގޮތް ބެލުން ކާބޯތަކެތި ބަހައްޓާފައި ހުރީ އެންމެ ރަގަޅު ފިނިހޫނުމިނުގައިތޯ ބެލުން ލޭބަލްގައި އިރުޝާދު ދިފައިވާ ތަކެތި ބަހައްޓަނީ އެއިރުޝާދާ އެއްގޮތަށްތޯ ބެލުން މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ހުރިތޯ ބެލުމުގެ އިތުރުން ކާބޯތަކެތި ބަންދުކޮށް، ލޭބަލްކޮށް، ގުދަން ކޮށްފައިވަނީ ރައްކާތެރިކޮށްތޯ ބެލުން ރޯދަމަހު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށް ގެންދިޔަ މާސް އިންސްޕެޝަނުގެ ތެރެއިން: މާލޭ މާރުކޭޓު ---ޕޮޓޯ/ ހެލްތު މިނިސްޓްރީ ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނު މިދިޔަ އަހަރުގެ މޭމަހުގެ 23ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވިއިރު އެ ޤާނޫނަށް އަމަލުކުރުމަށް ފަށާފައިވަނީ އެ އަހަރުގެ އޮގަސްޓް މަހުގެ 23ވަނަ ދުވަހުން ފެށިގެންނެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓައި އެމްއެފްޑީއޭއިން ދަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާ ތަނެއް މިޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށް ވަކި އުސޫލެއްގެ ތެރެއިން ޚިދުމަތްދިނުމަށް ކަނޑައަޅާފައި ވެއެވެ. އަދި ކާބޯތަކެތި އުފެއްދުމާއި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕްރޮގްރާމްތައް ކުރިއައް ގެންދަމުންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ