ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދ. މީދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހަވީރު މީދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި މީދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާ ކުރެއްވިއެވެ. މިގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށާއި ކުނީގެ މައްސަލައަށް ޙައްލެއް ހޯދައިދެއްވުމަށާއި، ބަނދަރު ތޮށްޖެހިފައިވާ މައްސަލައަށް ހައްލެއް ބޭނުންވާކަމަށާއި، ބިން ހިއްކުމުގެ ސަބަބުން މޫދަށް އެރޭނެ އެކަށީގެންވާ ސަރަހައްދެއް ނެތުމުން ހުރި ކަންބޮޑުވުންތައް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރަށުގެ ޞިއްޙީ މަރުކަޒު، ލެވެލް ހަތަރަކަށް މަތިކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ޒުވާނުންނަށް ބޭނުންވާކަންކަންވެސް ތަފްޞީލީ ގޮތެއްގައި ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރެއްވިއެވެ. ހަމައެއާއެކު ކައުންސިލުން ވަނީ އަންނަން އޮތް ޖީލަށްޓަކައި ވޭޕް މަނާކުރުމަށް ސަރުކާރުން ނެންގެވި ފިޔަވަޅުތަކަށް ތަޢުރީފުކުރައްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންނާއި ރަށުގެ މުއައްސަސާތަކުގެ ވެރިން ވަނީ ސަރުކާރުން ރަށަށް ގިނަ ކަންކަން ކޮށްދެއްވާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގައި ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މީދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައިދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ އަލަށް ޤާއިމުކުރި ބޭންކް އޮފް މޯލްޑިވްސް އޭ.ޓީ.އެމްގެ ޚިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ދ. މީދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ