އިންސާނީ ޙައްޤުތައް ކުރިއަރުވައި ހިމާޔަތްކުރުމަށް ސާބިތުކަމާއެކު ރާއްޖެއިން ދެމިއޮންނާނެ: ހަލީލް

އިންސާނީ ޙައްޤުތައް ކުރިއަރުވައި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި ސާބިތުކަމާއެކު ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ހާރިޖީ ވަޒީރު ޑރ. ޚަލީލް ދެއްވައިފިއެވެ.
ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގައި ތަގުރީރުކުރައްވަމުން ހަލީލް ވިދާޅުވީ ރާއްޖެއިން އެއްބަސްވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ މުޢާހަދާތަކާއި އެންމެހައި ރައްޔިތުންގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގައި އަދުގެ ސަރުކާރުން ދެމި އޮންނާނޭ ކަމަށެވެ. މިނިސްޓަރު ވަނީ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ކައުންސިލްގެ މަސައްކަތުގައި ބައިވެރިވުމަށް މަގުފަހިކުރުމަށްޓަކައި ވޮލަންޓްރީ ޓްރަސްޓް ފަންޑެއް ޤާއިމުކުރުމާއި ސާފުތާހިރު، ދުޅަހެޔޮ، ދެމެހެއްޓެނިވި ތިމާވެށްޓަކީ އިންސާނީ ޙައްޤެއްކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް ރާއްޖެއިން އަދާކޮށްފައިވާ އިސްދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Advertisement
ހާރިޖީ ވަޒީރު ވަނީ އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި ޙިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މިންތީގެ ހަމަހަމަކަމާއި އެކަށީގެންވާ ބޯހިޔާވަހިކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ބައިވެރިކުރުން އިތުރުކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓާއި އެވެށީގައި ދިރިއުޅޭ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުން ފަދަ އިޖުތިމާއީ ކަންކަމަށް ސަރުކާރުން ދޭ އަހަންމިއްޔަތުގެ މައްޗަށް ވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.
މީގެ އިތުރުން، ފަލަޞްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން ދީފައިވާ ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާއި ގެއްލިފައިވާ ފުރާނަތަކުގެ މައްޗަށް މިނިސްޓަރ ޑރ. ޚަލީލްގެ ވާހަކަފުޅުގައި ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ފަލަޞްޠީނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ސްވިޓްޒަލޭންޑްގެ ޖެނީވާ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަން އިއްޔެ ފެށުނުއިރު، މި ސެޝަންތައް އަންނަ އޭޮްރިލްމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ