ފުލުހުންގެ ހައުސިން ޕްރޮޖެކްޓު ނުވަތަ ބްލޫސް ހައުސިން ޕްރޮޖެކްޓު ކުރިއަށް ގެންދިއުމުގެ ގޯހެއް ނުހަދާ ކަމަށް ބުނެ އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔަ އައިލެންޑް އެކްސްޕާޓު ކުންފުނިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ސިޓީއެއް ފޮނުވައިފި އެވެ.
އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ ސޮއިކޮށް ފޮނުވި ސިޓީގެ ކޮޕީއެއް މި ނޫހަށް ވަނީ ލިބިފަ އެވެ. އިއްޔެ ފޮނުވި މި ސިޓީގައި ބުނެފައިވަނީ އޮޑިޓު ރިޕޯޓުގައި ހިމަނާފައިވަނީ އަސްލެއް ނެތް މާލީ ހިސާބުތަކެއް ކަމަށެވެ.
އެ ގޮތުން، އެ ކުންފުނިން އޮޑިޓުކޮށްފައިވާ ބޭންކު ސްޓޭޓްމަންޓުތަކާއި ފައިނޭންޝަލް ސްޓޭޓްމަންޓުތައް އަދި ޓެކްސް ރަސީދުތަކާއި އޮޑިޓު އޮފީހުގެ ހިސާބުތައް ދިމާނުވާކަން އައިލެންޑް އެކްސްޕާޓުން ފާހަގަކޮށްފައިވެ އެވެ.
"މި ކުންފުނިން އަދި ކުންފުނީގެ މުވައްޒަފުން ވެސް ގާނޫނާ ހިލާފު އެއްވެސް އަމަލެއް ކޮށްފައެއް ނުވާނެ. އެހެންކަމުން 'ބްލޫސް ހައުސިން؛ މަޝްރޫއު އިން އެއްވެސް ނާޖާއިޒު ފައިދާއެއް މި ކުންފުންޏަށް ލިބުނު ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގުކުރަން،" ސިޓީގައި ބުނެފައިވެ އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި މި މަޝްރޫއަށް އެކި ދުވަސްވަަރުގެ ތެރޭގައި ގެނައި ބަދަލުތަކުގެ ސަބަބުން މުޅި މަޝްރޫއަށް 1.1 ބިލިއަން ރުފިޔާއާ ގާތަށް ހަރަދުކުރަން ޖެހިފައިވާ ކަމަށެވެ.
ފުލުހުންގެ ކޯޕަރޭޓިވް, ޕޮލްކޯއިން މި ފްލެޓުތަކުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ޖޫން 30, 2013 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާ 580 މިލިއަން ރުފިޔާއަށެވެ. އެ އެއްބަސްވުން ބާތިލުކޮށް މާޗު 17, 2017 ގައި އައިލެންޑް އެކްސްޕާޓާ މަސައްކަތް ހަވާލުކުރީ ނޫމަޑީގެ މަސައްކަތް ލަސްވާތީ އެވެ.
މި މައްސަލަ އޭސީސީން ތަހުގީގުކުރަމުންދާއިރު އެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް އައިލެންޑު އެކްސްޕާޓުން ބުނެފައިވެ އެވެ. އަދި، މި މައްސަލާގެ ހަބަރުތައް ގެނެސްދިން ގޮތާމެދު މީޑިއާތަކަށް އެ ކުންފުނިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
އެގޮތުން، ނޫސްވެރިން މި ހަބަރުތައް ގެނެސްދިންއިރު ކުންފުނީގެ ބަސް ހޯދާފައި ނުވާ ކަން އައިލެންޑު އެކްސްޕާޓުން ބުނެފައިވެ އެވެ. ނަމަވެސް، އޭސީސީއަށް ފޮނުވި ސިޓީގައިވެސް އެ ކުންފުނިން ޖަހާފައިވަނީ ނުބައި ފޯނު ނަމްބަރެކެވެ. އެ ނަމްބަރަށް މި ފޯނުން ގުޅުމުން ޖަވާބުދިނީ އޮނެސްޓޯ ކިޔާ ކުންފުންޏަކުންނެވެ.
ފުލުހުންގެ ފުލެޓުތަކުގެ މައްސަލަ ތަހުގީގުކުރުމަށް އޭސީސީ އިން ދެ ފަހަރެއްގެ މަތިން ޕޮލްކޯގެ އޮފީހަށް ވަދެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ މައްސަލަ ދިރާސާ ކުރަމުން ދަނިކޮށް ޕޮލްކޯގައި އިތުރު ކޮރަޕްޝަންތަކެއް ވެސް ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ކަމަށް ބުނެ އެ އިދާރާގައި މަސައްކަތް ކުރާ މީހަކު ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ.
މި މައްސަލަތައް ތަހުގީގުކުރަމުން ދަނިކޮށް ޕޮލްކޯގެ ސީއީއޯ، އަހުމަދު އަނީސް މަގާމުން ވަކިކުރަން އެ ކުންފުނީގެ ބޯޑަށް ވަނީ ހުށަހަޅާފަ އެވެ. އަދި، ޕޮލްކޯގެ ޗެއާމަންވެސް ވަނީ މަގާމުން އިސްތިއުފާދެއްވާފަ އެވެ.
ޕޮލްކޯ ފްލެޓުތައް އެޅުމުގައި ގޯހެއް ނުހަދާ ކަމަށް ބުނެ އައިލެންޑް އެކްސްޕާޓުގެ ސިޓީއެއް އޭސީސީއަށް ޕޮލްކޯ ފްލެޓުތައް އެޅުމުގައި ގޯހެއް ނުހަދާ ކަމަށް ބުނެ އައިލެންޑް އެކްސްޕާޓުގެ ސިޓީއެއް އޭސީސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ