އެޗުޑީސީއިން ގަސް ހައްދަން ލ. ގަމުން އެއްލައްކަ އަކަފޫޓުގެ ބިމެއް

އެޗުޑީސީގެ ބެލެހެއްޓުމުގައިވާ ރަށްތައް ފެހިކުރުމަށްޓަކައި ލ. ގަމުގައި ނާސަރީއެއް ތަރައްގީކުރަން ނިންމައި، އެކަމަށްޓަކައި އެއް ލައްކަ އަކަފޫޓުގެ ބިމެއް އެ ރަށު ކައުންސިލުން ހަމަޖައްސައިދީފި އެވެ.
ވީ ކިހިނެއް؟ - ނާސަރީ ހެދުމަށް ބޭނުންވާ ބިން ހަމަޖެއްސީ، އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލު އިއްޔެ އެ ރަށަށް ކުރެއްވި ދަތުރުގައި އެ ރަށު ކައުންސިިލާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ.
މަޝްވަރާތަކަށް ފަހު މައުރޫފް ވަނީ ނާސަރީ އަޅަން ކައުންސިލުން ހަމަޖައްސައިދިން އެއް ލައްކަ އަކަފޫޓުގެ ބިން ބައްލަވާލައްވައިފަ އެވެ.
ތަފްސީލު - އެޗުޑީސީއިން ބުނި ގޮތުގައި މިއީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން އެ ކުންފުނިން އެއް މިލިއަން ގަސް އިންދަން ނިންމައި، އެކަމަށް ބޭނުންވާ ގަސް ހެއްދުމަށް ބޭނުންކުރާ ނާސަރީއެކެވެ.
އެގޮތުން ހުޅުމާލޭގެ އިތުރުން އެޗުޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެ، ކުޑަގިރި، ތިލަފުށި އަދި ގުޅިފަޅުގައި އިންދަން ބޭނުންވާ ގަސް ހެއްދުމަށް އެ ނާސަރީ ބޭނުންކުރާނެ އެވެ.
ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވެ އެއް މިލިއަން ގަސް އިންދަން ނިންމައި، އެކަމުގެ ޕްލެޖުގައި އެޗުޑީސީއިން ސޮއިކުރީ ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން ފާހަގަކުރަން މިދިޔަ ހޮނިހިރުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިންނެވެ.
އެޗުޑީސީގެ އަމާޒަކީ އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ރަށްތަކަކީ ވެސް ހިތްފަސޭހަ އަދި ފެހި ތަންތަނަށް ހެދުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ