ކެޕޭސިޓީ ނެތިގެން ކަރަންޓް ކަނޑާލަން ނުޖެހޭވަރަށް ކުރިއަށް އޮތް ރޯދަ މަހަށް ސްޓެލްކޯ އިން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރޯދަ މަހަށް ތައްޔާރުވުމަށް ސްޓެލްކޯ އިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއު އެއްގައި ފަހުމީ ވިދާޅުވީ ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް އިތުރު ޖެނެރޭޓަރުތަކެއް އިންސްޓޯލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ތަފްސީލް - ސްޓެލްކޯ އިން އަންނަނީ 17 މެގަވޮޓުގެ ކަރަންޓު އުފެއްދޭ އިންޖީނުތައް އިންސްޓޯލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ހުޅުމާލޭގައި މި އިންޖީނުތައް ބަހައްޓަނީ ކުރިއަށް އޮތް ރޯދަ މަހު ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ މާލެ ސަރަހައްދުގެ އިތުރުން އެ ކުންފުނިން ކަރަންޓުގެ ހިދުމަތްދޭ ހަތަރު އަތޮޅުގައި ވެސް ރޯދަ އަށް ތައްޔާރުވުމަށް ކެޕޭސިޓީ އިތުރުކޮށްފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން [ކަރަންޓު] ހިދުމަތްދޭ އެއްވެސް ކަސްޓަމަރަކަށް ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑާލަން، ނުވަތަ އިންޖީނުގެ ހާލަތު ދަށްވެގެން ކަރަންޓު ކަނޑާލާކަށް ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯ އިން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެނީ އދ. އަތޮޅުގެ ބައެއް ރަށްށާއި އއ. އަތޮޅުގެ ހަ ރަށަކާއި ވ. އަތޮޅުގެ ހުރިހާ ރަށަކާއި ކ. އަތޮޅުގެ މާލެ ނުލައި ހަތް ރަށަކަށެވެ.
ޓެކްނިކަލް ހާލަތެއް ދިމާވެގެން ކަރަންޓް ކެނޑުން ފަދަ ކަމެއް މެދުވެރިވިޔަސް ރައްޔިތުންނަށް ހިދުމަތް ދޭން އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑަން ނުޖެހޭނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ